ގިނަ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ އިންތިހާބީ މެނިފެސްޓޯއެއް އެކުލައްވާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އާޓްފިޝަލް ބީޗުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ޕީޕީއެމުން ބޭނުންވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ނޫން ކަމަށާއި ޕީޕީއެމުން ވެރިކަމަށް އަންނަން ބޭނުންވަނީ ދިވެހި ރައްޔިތުންނަށްޓަކައި ކަމަށެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ މާޒީގެ ތެރެއަށް ވަދެ، އަބަދު އެވާހަކަ ދައްކާނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީއަކީ މުސްތަގުބަލަށް ރާވައިގެން ހިންގާ ޕާޓީއެއް ކަމަށެވެ. އިންތިހާބަކަށް ނުކުންނަ އިރު ޕާޓީން ވިއްކާނެ މެނިފެސްޓޯއެއް އެކުލަވާލައްވާނެ ކަމަށާއި އެ މެނިފެސްޓޯ އާމުންގެ ހިޔާލާއި މަޝްވަރާއަށް ހުޅުވާލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެ މެނިފެސްޓޯ ޕީޕީއެމުން ރައްޔިތުންނަށް ހާމަކުރާނެ. އަދި ދިވެހި ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން އެއަށް ގެންނަންޖެހޭ ބަދަލުތަކެއް ނުވަތަ އިސްލާހުތަކެއް ގެނެސް، އެއީ އަޅުގަނޑުމެންގެ އިންތިހާބީ މެނިފެސްޓޯ ކަމުގައި އިރާދަކުރެއްވިއްޔާ ލަހެއް ނުވެ ހަމަޖައްސާނަން،" މައުމޫން ވިދާޅުވި އެވެ.
ސަތާރަވަނަ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވީ ޖަލްސާގައި އެމްޑީޕީގެ މެންބަރުންގެ ހުރަސްތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްވެވި ރިޔަސީ ބަޔާނަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ އެއީ ތާރީހީ ހާދިސާއެއް ކަމަށެވެ. އަދި ރައީސް ވަހީދު އެ ދުވަހު ދެއްކެވި ސާބިތުކަމާއި ވަރުގަދަ ހިއްވަރުފުޅަށްޓަކާ ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން މިމަހުގެ 19 ވަނަ ދުވަހު ވަރަށް ތާރީހީ ހާދިސާއެއް ދުށިން. އާދެ، އެ ހާދިސާއަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތު. ރައްޔިތުންގެ މަޖިލިސް މިމަހުގެ 19 ވަނަ ދުވަހު ހުޅުއްވައިދެއްވި ކަމަށްޓަކައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިފަހުން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި މައުމޫން ވަނީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެގެންދިޔަ ގޮތަށް އިޝާރާތް ކުރައްވައި ސަލާމަތީ ބާރުތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. މައުމޫން ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުގެ ހުކުމް ނެގެހެއްޓެވުމަށް ކޮށްދެއްވެވި މަސައްކަތްތަކުގެ އަގު އެމަނިކުފާނު ވަޒަންކުރައްވާ ކަމަށެވެ. އަދި އެގޮތުގެ މަތީގައި ދެމިތިއްބެވުމަށް ފުލުހުންނާއި ސިފައިނަށް މައުމޫން ގޮވާލެއްވެވި އެވެ.
"ސަރުކާރެއް ގާނޫނު އަސާސީއާ ހިލާފަށް އަމަލުކޮށް ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަންނަމުން ގެންދާތީ ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބު ދާރީ ކުރުވުމަށްޓަކައި ދިވެހިރައްޔިތުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ. މިކަމުގައި ޕީޕީއެމްގެ މެންބަރުން ވަރަށް އިސް ދައުރެއް އަދާކުރެއްވިކަން ވަރަށް އުފަލާއެކު މިރޭ ވެސް ދަންނަވަން. ހަމައެއާއެކު ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންނާއި ސިފައިން އެކޮށްދެއްވި އިހްލާސްތެރި ގައުމީ މަސައްކަތަށްޓަކައި ދިވެހި ފުލުހުންނަށާއި ސިފައިންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" މައުމޫން ވިދާޅުވި އެވެ.
އިންތިގާލީ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ޕީޕީއެމްގެ ކައުންސިލަށް ލެއްވި ޑރ. މުހައްމަދު ސައުދު ޕީޕީއެމުން ވަކިވެވަޑައިގަތުމުން މައުމޫން މިރޭ ވިދާޅުވީ ސައުދު ޕާޓީގައި ނެތުމަކީ ޕާޓީއަށް ލިބުނު އުނިކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ޕީޕީއެމްގައި އުޅުއްވެވި ދުވަސްތަކުގައި ކުރައްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ޑރ. ސައުދަކީ ޕީޕީއެމްއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށްވާތީ އޭނާ ޕީޕީއެމަށް ކޮށްދެއްވި ހިދުމަތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު މި ފުރުސަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ކުރިއަށް އޮތްތާނގައި އެމަނިކުފާނަށް އުފާފާގަތިކަމާއި ކުރިއެރުމަށް އެދި އަޅުގަނޑު ދުއާކުރަން،" މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންގެ ހިޔާލާއެކު ޕީޕީއެމްގެ މެނިފެސްޓޯއެއް އެކުލަވައިލާނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ