މޫސުން ގޯސް، ބޯކޮށް ވާރޭވެހި އުދަވެސް އަރާފާނެ

ކުރިއަށް އޮތް 72 ގަޑިއިރު ރާއްޖޭގެ އެކިސަރަހައްދުތަކުގައި މޫސުން ވަރަށް ގޯސްވާނެ ކަމަށާއި ދެކުނުގެ ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެ ކަމަށެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާއިރު، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.
އެއިދާރާއިން ވަނީ ރޭ ފަތިހު ރާއްޖޭގެ ހއ. އަތޮޅާއި ހދ. އާއި ދެމެދަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭ މޫސުން ގޯސްވެ އެހިސާބަށްވެސް ގުގުރުމާއި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ދިޔަވަރު ބޮޑު ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފައިވެއެވެ.
އެގޮތުން އިއްޔެ ހެނދުނުން ފެށިގެން މިއަދު ހެނދުނަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ 65 މިލިމީޓަރާއެކު މ. މުއްޔަށް ކަމަށް އެއިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ