ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވުމުން ޕާޓީގެ އެތެރޭގެ މުއައްސަސާއަކަށް ހުށަހަޅައިގެން ހައްލު ހޯދުމަށް މައުމޫން އިލްތިމާސްކުރައްވައިފި

އަންނަ ހަފުތާގައި ބާއްވާ ޑީއާރުޕީގެ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގައި ބާއްވާ އިންތިހާބުތަކުގައި، މެމްބަރަކު ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެ ނަމަ އެ ކަމެއް ޕާޓީގެ އެތެރޭގެ އެ ކަމަކާ ގުޅޭ މުއައްސަސާއަކަށް ހުށަހަޅައިގެން ހައްލު ހޯދުމަށް ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އިލްތިމާސްކުރައްވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އެ ކަމަށް އިލްތިމާސްކުރައްވައި މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޑީއާރުޕީގެ ގައުމީ ޖަލްސާއަކީ، ރައްޔިތުންގެ ހިތްތަކުގައި އެ ޕާޓީއަށް އޮންނަ ގަދަރާއި އިހުތިރާމް އިތުރުވެގެންދާ ކާމިޔާބު ޖަލްސާއަކަށް ހެދުމަށްޓަކައި ހުރިހާ މެމްބަރުން ވެސް މަސައްކަތްކުރުމަށް ގޮވާލައްވާ ކަމަށެވެ.
"އަދި އެފަދަ ހިތްހަމަނުޖެހުމެއް މެދުވެރިވާ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި އެކަމުގެ ޝުއޫރުތައް އާންމު ތަންތަނތާގައި ފާޅުކުރުމަކީ ޕާޓީގެ މެމްބަރުންގެ މެދުގައި ފިތުނަ އުފެދި، ޕާޓީ ބައިބައިވުމަށް މަގުފަހިވާނެ ކަމެއްކަމަށް ވާތީ، އެފަދަ ކަންކަމުގައި ބައިވެރިވެވަޑައި ނުގަތުމަށާއި އެފަދަ ކަންކަމަށް ހިތްވަރުނުދެއްވުމަށް އަޅުގަނޑު އެދެމެވެ،" ސިޔާސީ ދާއިރާއާ މިދިޔަ މަހުގެ 25 ގައި ދުރަށްވަޑައިގެންނެވި ޒައީމް މައުމޫން ވިދާޅުވި އެވެ. "އަދި މި ބޭއްވޭ ތިން ވަނަ ގައުމީ ޖަލްސާގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ހައިބަތާއި ޝަހުސިއްޔަތު ދައްކައިދީ، ޕާޓީގެ ބަދަހި ވަހުދަތު ދެމެހެއްޓުމަށް ހުރިހާ މެމްބަރުން ވެސް މަސައްކަތްކުރެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ."
އަންނަ އަންގާރަ އަދި ބުދަ ދުވަހު ޑީއާރުޕީގެ ކޮންގްރެސް ބާއްވަން ތައްޔާރުވެފައި ވަނިކޮށް ޕާޓީގެ އެތެރޭގެ ހަމަޖެހުމަށް އިލްތިމާސްކުރައްވައި ޒައީމް މައުމޫން ބަޔާން ނެރުއްވިއިރު ސިޔާސީ ވަރަށް ބޮޑު ވާދަވެރިކަމެއްވަނީ އެ ޕާޓީގެ އެތެރޭގައި އުފެދިފަ އެވެ. އެ ގޮތުން ޕާޓީގެ އިސް މަގާމުތަކަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދަނީ ބަދަލުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ