ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް، މިހާރުގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ މައްޗަށް ކުރައްވާ އަބުރުގެ ދައުވާ އަށް ހާޝިމްގެ ފަރާތުން މިއަދު އިންކާރުކުރައްވައިފި އެވެ.
ހާޝިމްގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ އެ ދައުވާ އަށް ޖުމްލަ ގޮތެއްގައި އިންކާރުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ނިއު ޔޯކް ޓައިމްސް އަށް ހާޝިމް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވާނީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަންތަކާ ގުޅިގެން ގެއްލިފައިވާ ފައިސާ ހޯދުމަށް ވޯލްޑް ބޭންކާ ގުޅިގެން މަސައްކަތްކުރައްވަމުން އަންނަ ވާހަކަ އެކަނި ކަމަށެވެ. އަދި އެކަމާ ކުރީގެ ރައީސް މައުމޫނާ ގުޅުވާފައިވަނީ ލިޔުންތެރިޔާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ހާޝިމްގެ މައްޗަށް މައުމޫން ކުރައްވާ ދައުވާގައި ބުނެފައިވަނީ އެ މަނިކުފާނު ރާއްޖޭގެ ރައީސް ކަމުގައި ހުންނަވައިގެން ދައުލަތުގެ ފައިސާ އަށް ހިޔާނާތްވެފައިވާ މައްސަލަތަކެއް ހުރި ކަމަށާއި ދައުލަތުގެ ފައިސާ ލޫޓުވާފައިވާ ކަމަށް ބުނެ ހާޝިމް ނިއު ޔޯކް ޓައިމްސް އަށް އިންޓަވިއުއެއް ދެއްވާފައިވާ ކަމަށެވެ. އަދި އެ އިންޓަވިއު ދެއްވާފައިވަނީ އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ގޮތާ ބެހޭ ގޮތުން އާންމު ރައްޔިތުންގެ މެދުގަ އާއި ބޭރުގެ ފަރާތްތަކުގެ މެދުގައި އިތުބާރު ގެއްލޭ އަދި އެ މަނިކުފާނުގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ ގޮތަކަށް ކަމަށް ވެސް މައުމޫންގެ ދައުވާގައިވެ އެވެ.
ނިއު ޔޯކް ޓައިމްސްގެ އާޓިކަލް މިއަދު ނޫހުގައި ޝާއިއުކޮށް ބައެއް އިތުރު ވާހަކަތައް އެ ނޫހުގައި ގެނެސްދީފައިވާތީ މިއަދު ނޫހުގެ އެޑިޓަރު އަބްދުއްލަތީފު އާދަމްގެ މައްޗަށް ވެސް މައުމޫން އަބުރުގެ ދައުވާކުރައްވަ އެވެ.
ފިނޭންސް މިނިސްޓަރު ހާޝިމްގެ މައްޗަށް ރައީސް މައުމޫން ކުރައްވާ އަބުރުގެ ދައުވާ އަށް އޭނާ އިންކާރުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ