އެމްޑީޕީގެ ސިޔާސަތު އޮތް ގޮތުން ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމްދީން ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޑީއާރުޕީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕާޓީގެ ވަރަށް ގިނަ ސަޕޯޓަރުންނާ އެކު ގިޔާސުއްދީންގައި ރޭ ބޭއްވި "މައުމޫން 2008" ކެމްޕެއިންގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ޒައީމް ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކުން ދޭހަވާ ގޮތުގައި ރާއްޖޭގައި އެހެން ދީންތައް އިހުތިޔާރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އެއީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ހިތާމަހުރި ކަމެއް އެހެން ވިދާޅުވާ ވިދާޅުވުމަކީ. އެކަން އެހެން އޮވެގެނެއް ނުވާނެ. އަޅުގަނޑުމެންނަކީ މުސްލިމުން. މާތް ﷲ ގަބޫލުކުރައްވާ ދީނަކީ އިސްލާމްދީން. ކީރިތި ޤުރުއާނުގައި އޮންނަނީ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ބަލައިގެންފި މީހާ ނުވަތަ ހޯދައިގެންފި މީހާ، ފަހެ މާތްﷲ އެ މީހެއްގެ ކިބައިގެން އެ ހޯދައިގަތް ދީނެއް ގަބޫލެއް ނުކުރައްވާނެއޭ،" މިދިޔަ ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 40.63 ޕަސެންޓް ހޯއްދަވައިގެން އެ އިންތިހާބުގެ އެއްވަނައަށް ވަޑައިގެންނެވި ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުން އިސްލާމްދީން ހިޔާރުކޮށްފައިވަނީ އަމިއްލައަށް ކަމަށާއި އެހެން ބަޔަކު އައިސް ދިވެހިންގެ ދީނާއި އަގީދާއާ ކުޅުމަކީ ހުއްދަ ދޭންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި 1990 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ނަސޯރާދީން ފަތުރަން، ބައެއް ނަސޯރާ ޖަމާއަތްތަކުން ކުރި މަސައްކަތުގެ މައްޗަށް ވެސް މައުމޫން އަލިއަޅުވާލެއްވި އެވެ. މައުމޫން ވިދާޅުވީ އެކަން ހުއްޓުވުނީ ދިވެހި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިދިޔަ ގަރުނު ނިމުނުއިރު އެ މީހުން އެ ހީކުރި ގޮތަށް ރާއްޖޭގައި އެއްވެސް އެހެން ދީނެއްގެ ފައްޅިއެއް ނެތޭ. އިރާދަކުރެއްވީ މި ގަރުނު، 21 ގަރުނު ނިމޭއިރު ވެސް ރާއްޖޭގައި އެހެން އެއްވެސް ދީނެއްގެ ފައްޅިއެއް ނުހުންނާނެ. އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް ރާއްޖޭގައި (ފައްޅިއެއް) ނުހުންނާނެ. ދިވެހިން އިހުތިޔާރުކުރީ އިސްލާމްދީން. އެހެންވީމަ އިސްލާމްދީނުގައި ދެމިތިބުމުގެ ފުރިހަމަ މިނިވަންކަން ދިވެހި ރައްޔިތުންނަށް އޮންނަންވާނެ. އަޅުގަނޑުމެން އެހެން ދީނަކަށް އަނބުރާލަން މަސައްކަތް ކުރާކަށް އަޅުގަނޑުމެން ޖާގަ ދީގެން ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން އަދި ވިދާޅުވި ގޮތުގައި ޑީއާރުޕީގެ ތެރޭގައި ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް މައުމޫން ވިދާޅުވީ އެމްޑީޕީގެ ކަންތައްތައް ރާވަނީ ބޭރުގެ ފަރާތްތަކުން ކަމަށާއި ކެމްޕެއިން ހިންގަނީ ވެސް އެ މީހުން ބުނާ ގޮތަކަށް ކަމަށެވެ.
ރިޔާސީ އިންތިހާބު 2008: އެމްޑީޕީގެ ސިޔާސަތު އޮތް ގޮތުން ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމްދީން ކަމުގެ ޔަގީންކަމެއް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ