ރައްޔިތުން ހޫނުވުމުން 20،000ރ.ގެ ކޮމިޓީ އެލަވަންސް އުނިކުރުމަށް ހުށަހަޅައިފި

ހުސައިން ފިޔާޒު މޫސާ އަދި އަހްމަދު ހަމްދޫން
ރައްޔިތުން ހޫނުވެ، މުޒާހަރާކުރަން ފެށުމުން 20،000ރ. ގެ ކޮމެޓީ އެލަވަންސް އުނިކުރުމަށް އެމްޑީޕީންނާއި ޑީއާރުޕީން މިއަދު ހުށަހަޅައިފި އެވެ.
މެމްބަރުންނަށް 20،000ރ. ގެ ކޮމިޓީ އިނާޔަތެއް ދިނުމަށް ފާސްކުރުމުން އެކަމާ ދެކޮޅަށް މުޒާހަރާ ފަށާފައިވާއިރު އަންގާރަ ދުވަހު ފާސްކުރި ކޮމިޓީ އިނާޔަތް އުނިކުރުމަށް މިއަދު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި އެމްޑީޕީގެ ޗެއާޕާސަން އަދި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އެވެ.
އިނާޔަތް އުނިކުރުމަށް އެމްޑީޕީގެ ޕާލީމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކުގެ ތާއީދާ އެކު މާރިޔާ ހުށަހެޅުއްވި ގަރާރުގައި އިނާޔަތް އުނިކުރުމަށް ހުށަހެޅި ސަބަބެއް ބަޔާންކޮށްފައެއް ނެތެވެ.
ނަމަވެސް މިއަދުގެ ޖަލްސާ އަށް ފަހު މޫސަ ވިދާޅުވީ ގައުމުގެ އިގުތިސާދީ ހާލަތު ހުރި ގޮތުން މަޖިލީހުގެ މެމްބަރުންގެ މުސާރަ އަދި މަޖިލީހުން އަލަށް ފާސްކުރި މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން މުސާރަތައް ބޮޑުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މުސާރަ ކުޑަކުރަން ޖެހޭނީ ހަމައެނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ މަހެއްގެ މައްޗަށް 62،500ރ. މިހާރު ވެސް ލިބެމުން އަންނަ މަޖިލިސް މެމްބަރުންނަށް އިތުރު އިނާޔަތެއްގެ ގޮތުގައި 20،000ރ. ދިނުމަށް ފާސްކުރި ފާސްކުރުން އުނިކުރުމަށް ހުށަހެޅުއްވީ ރާއްޖޭގެ އިގުތިސޯދީ ހާލަތު މި ވަގުތު ހުރި ގޮތުން އެފަދަ އިނާޔަތެއް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.
"އަދި މިއީ ރައްޔިތުންގެ ވިންދާއި އިހުސާސްތަކާ ދެކޮޅަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭތީ އެ އިނާޔަތް އުނިކުރަން އަޅުގަނޑު މި ހުށަހެޅީ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންނަށް އިތުރުކުރި އިނާޔަތް އުވާލަން ހުށަހެޅުއްވީ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދާއި މަޖިލީހުގެ ގާނޫނީ ބޭފުޅުންގެ ލަފައާ އެކު އެވެ.
ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ އޮނިގަނޑުގެ ދަށުން މުސާރަ ދޭން ޖެހޭ ފަރާތްތަކަށް މި އަހަރު 67.7 މިލިއަން ރުފިޔާ ހޭދަވާއިރު އަންނަ އަހަރު އެ އަދަދު 317 މިލިއަން ރުފިޔާ އަށް މައްޗަށް ދެ އެވެ. އެއީ 369 ޕަސެންޓްގެ ބޮޑުވުމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުނެފައި ވަނީ ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. ފާސްކުރި ނަމަވެސް އެއީ ކޮންމެ މެމްބަރަކަށް ގަނޑުކޮށް ދޭން ފާސްކުރި އެއްޗެއް ނޫން ކަމަށެވެ. އަދި އެ އެލަވަންސް ދޭން ފަށާނީ މާލިއްޔަތު ކޮމިޓީން ކަނޑައަޅާ އުސޫލު މަޖިލީހަށް ހުށަހަޅައި ފާސްކުރުމަށް ފަހު ކަމަށް ވެސް އެ ކޮމެޓީން ބުނެފައިވެ އެވެ.
މެމްބަރުންނަށް އިތުރު އިނާޔަތް ދިނުމަށް ހުށަހަޅާފައިވާ މާލިއްޔަތު ކޮމެޓީގެ ރިޕޯޓް މަޖިލީހުން ފާސްކުރުމަށް 62 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް 20،000ރ. ގެ އެލަވަންސެއް ހަމަޖެއްސިއިރު ކޮންމެ މެމްބަރަކަށް ޑިއުޓީ ނުދައްކާ ކާރެއް އެތެރެކުރެވޭ ގޮތަށް މަޖިލީހުގެ އިމްތިޔާޒުގެ ބިލް ވެސް ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ