ޖޭއެސްސީއަށް ކުރިމަތިލަނީ ތިން ބާރު މަސްހުނި ކުރުމުން ގައުމު ސަލާމަތް ކުރުމަށް: ގާސިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައި ހުންނެވި މެމްބަރު ޑރ. އަފްރާޝީމް އަލީ ވަކިކުރުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ނިންމެވީ ދައުލަތުގެ ތިން ބާރު މަސްހުނިކޮށްގެން ގައުމު ހިންގުމުން ސަލާމަތް ކުރުމަށްޓަކައި ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން މެމްބަރަކު އައްޔަންކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު ގާސިމް ވިދާޅުވީ ޝަރުއީ ދާއިރާ "އެއްބައެއްގެ އަތް މައްޗަށް ދިއުމުގެ އިތުރުން ދައުލަތުގެ ތިން ބާރުގެ މައްޗަށް އެއްބަޔަކު ވެރިވެ ގަތުމަކީ ވަރަށް ނުރައްކާތެރި ކަމެއް" ކަމަށެވެ.
"އެ މާހައުލު މެދުވެރިވިޔަ ދޭން ބޭނުން ނުވާތީ ޖޭއެސްސީ އަށް ކުރިމަތިލާން އަޅުގަނޑު ނިންމީ. އިދިކޮޅު މެމްބަރުންގެ ތެރެއިން އެންމެ ފަސޭހައިން އެކަން ކުރެވިދާނެ މީހަކީ އަޅުގަނޑު ކަމަށް ގަބޫލު ކުރެވޭތީ މި ފިޔަވަޅު މި އަޅަނީ،" ގާސިމް ވިދާޅުވި އެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް ގާސިމް ވަޑައިގަތުމަށް އިދިކޮޅު މެމްބަރުންގެ ތާއީދު އެބައޮތްތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ދައުލަތުގެ ތިން ބާރު އެއްބައެއްގެ އަތް މައްޗަށް ގޮސްފިނަމަ މި ގައުމުގެ ހާލަތު އެ ދިޔައީ ކުރީގައި އޮތް ގޮތަށް. ވަންމޭން ޝޯއެއްގެ ގޮތުގައި މި ގައުމު ހިންގާނީ އޭރުން. އެހެންވިޔަ ނުދޭން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. މި ގާނޫނު އަސާސީ އިސްލާހު ކުރިއިރު ރިޔާސަތުގައި ހުރި މީހެއްގެ ހައިސިއްޔަތުން މިއީ އަޅުގަނޑަށް ވަރަށް އަސަރުކުރާ ކަމެއް،" ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ.
ޖޭއެސްސީ އަށް ގާސިމް ކުރިމަތިލައްވަން ނިންމެވިއިރު މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި އިންނަވާ ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ ވެސް އެ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
ސަރުކާރު ހިންގާ އެމްޑީޕީން ނިންމާފައި ވަނީ ޖޭއެސްސީ އަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ކަނޑައެޅުމަށެވެ.
ޖޭއެސްސީ އަށް އޭނާ ހަމަޖައްސަން އެމްޑީޕީން ނިންމުމާ ގުޅިގެން މާރިއާ ވަނީ ޕާޓީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވާފަ އެވެ.
މިއަދު ހަވީރު އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މާރިޔާ ވިދާޅުވީ ޖޭއެސްސީގައި އޭނާ ތަމްސީލުކުރައްވާނީ އެމްޑީޕީގެ މެމްބަރެއްގެ ދައުރު ނޫން ކަމަށާއި މަސައްކަތްކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ރައްޔިތުންނަށް ފައިދާ އާއި ލާބަ އަށް ކަމަށެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ޖޭއެސްސީގެ މެމްބަރުކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނަން މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމެވީ މެމްބަރުންގެ ތާއީދާއެކު ކަމަށެވެ.
މާރިއާ ވިދާޅުވީ ޖޭއެސްސީގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުގެ މަގާމަކާ ހަވާލުވާން ޖެހިއްޖެ ނަމަ ޕާޓީގެ ޗެއާޕާސަންގެ ކަމުގެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ މިއަދުން ފެށިގެން އެމްޑީޕީގެ ޗެއާޕާސަންކަމުގެ ހުރިހާ މަސްއޫލިއްޔަތުތަކުން އަޅުގަނޑު ދުރުވީއޭ. އަޅުގަނޑުގެ މަސްއޫލިއްޔަތު ކުރިއަށް ގެންދަވާނީ މިހާރު ތިއްބެވި [ޗެއާޕާސަންގެ] ނައިބާ ގައުމީ މަޖިލީހުން،" މާރިޔާ ވިދާޅުވި އެވެ.
ނަމަވެސް މާރިއާއާ ޚިލާފަށް ގާސިމް ވިދާޅުވީ އޭނާ ޖޭއެސްސީ އަށް ހޮވިވަޑައިގަތަސް ޕާޓީގެ ލީޑަރު ކަމުގައި ހުންނަވާނެ ކަމަށެވެ.
"ސިޔާސީ އިސް މަގާމެއްގައި ހުންނަ މީހަކު އެ މަގާމުން ވަކިވުމަކީ ޖޭއެސްސީގެ މެމްބަރުކަމުގެ ގާނޫނީ ޝަރުތެއް ނޫން،" ގާސިމް ވިދާޅުވި އެވެ. "މީހަކު ކުރާހާ ކަމެއް އަޅުގަނޑު ކުރާކަށް ނުޖެހޭ ނޫންތޯ؟"
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެމްބަރަކީ ވަކި ގޮތަކަށް ނުފޫޒު ފޯރުވުމަށް އައްޔަންކުރާ މެމްބަރެއްގެ ގޮތުގައި ރައްޔިތުންނަށް ހީވަނީ އެ ކޮމިޝަނުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ނުކުރެވޭތީ އެވެ.
"[ޖޭއެސްސީގައި] ވަރަށް ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރެވެން ޖެހޭނެ. އެތާނގެ އުސޫލްތަކެއް، ސިޔާސަތުތަކެއް ލިޔަން ޖެހޭ. އެތަނުގައި އެކަންކުރާނެ ގޮތް ވަކިގޮތަކަށް ލިޔެވިގެން ވަކި ގޮތަކަށް އާއްމުންނަށް އެތަނުގައި އަދުލު އިންސާފު ގާއިމްކުރެއްވިއްޖެ ކަމަށް ގަބޫލުކުރެވޭ ގޮތަށް އެކަން ކުރުވުމަށްޓަކައި މަގުފަހިކޮށްދިނުމަށްޓަކައި އަޅުގަނޑު މަސައްކަތްކުރާނަން،" މާރިއާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ