އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކުރުން ހުއްޓުވަން ޖެހޭނެ - ރައީސް މައުމޫން

އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައި ވަނީ، އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއަކުން ރިޕޯޓެއް ނެރެ އާންމު ކުރުމާއި ގުޅިގެން އެކަމަށް ގިނަ ބައެއްގެ ނުރުހުންވުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ކަމެއް ކޮންމެ ބަޔަކު ކުރި ނަމަވެސް ހުއްޓުވަން ޖެހޭނެ ކަމަށެވެ. ރައީސް މައުމޫންގެ މި ޓްވީޓުގައި އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ރަސްމީ ޓްވީޓާ އެކައުންޓު ވަނީ ޓެގު ކުރައްވާފައެވެ.
"އިސްލާމް ދީނަށް ނުވަތަ ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ހުއްޓުވަން ޖެހޭނެ ކަމެއް،" ރައީސް މައުމޫންގެ ޓްވީޓުގައި ވެއެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައިވާއިރު، އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނާއި މެދު ވަގުތުން ވަގުތަށް ފިޔަވަޅު އަޅައި، އެފަދަ ރިޕޯޓެއް ނެރުނު އެމްޑީއެން ބަންދު ކުރުމަށް ސަރުކާރުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސިޔާސީ ބޭފުޅުންނާއި އާންމު ގިނަ ބަޔަކުވެސް ދަނީ ގޮވާލަމުންނެވެ.
މީގެ ކުރިންވެސް ފާޅުގައި ދީނަށް ފުރައްސާރަކުރަމުންދާ އަންހެނެއް ކަމަށްވާ ޝަހިންދާ އިސްމާއިލް އިސްވެހުރެ އުފައްދާފައިވާ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމީ އަސްލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. އެގޮތުން ރާއްޖޭގައި ސްކޫލް ދަރިވަރުންނަށް އިސްލާމް ކިޔަވައިދޭ ފޮތްތަކުގައި ލޭއޮހޮރުވުން ހިންގުމަށް ބާރުއަޅާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ