އުތުރާއި މެދު ތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު ނެރެފި

އުތުރާއި މެދު ތެރޭގެ ބައެއް އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށެވެ.
މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45މޭލަށް ވައިގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގެ މުއްދަތު ހަމަވާނީ 18:00 އަށެވެ.
ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެއަށް ވިއްސާރަ ކުރަމުން ދާއިރު، އެ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ "ޑިޕްރެޝަނަކަށް" (ބާރުގަދަ ކޮޅިގަނޑަކަށް) ބަދަލުވެފައި ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ހުޅަނގު އުތުރަށް ދަތުރުކޮށް ރާޢްޖެ އާއި ދުރަށް ޖެހެމުން ދާނެ ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއި އެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ