ޕީޕީއެމްގެ ޕްރައިމަރީ ބާތިލުކުރަން އުމަރު ކޯޓަށް ހުށަހަޅުއްވައިފި

ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ ބާތިލުކުރުމަށް އެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު އިއްޔެ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. އުމަރު ރޭ ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ ޕްރައިމަރީގެ ނަތީޖާ ބާތިލުކުރުމަށް ކުރިން ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން ކަމަށެވެ. އެ މައްސަލަ ކޯޓަށް ކުރިން ހުށަހެޅީ އުމަރަށް ތާއީދުކުރި ރަހުމާ މޫސާ އެވެ. އޭނާ މައްސަލަ ހުށަހެޅުއްވީ އިލެކްޝަންސްގެ ދަފުތަރުގައި ނެތް މީހުންނަށް ޕީޕީއެމްގެ މެމްބަރުންނަށް ޕްރައިމަރީގައި ވޯޓު ލުމުގެ ފުރުސަތު ދީފައިވުމަކީ އާންމު މެމްބަރުންގެ ހައްގު ގެއްލިގެން ދިޔަ ކަމަށް ބުނެ އެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ އެކަމުން ރަހުމާގެ ހައްގަކަށް އުނިކަމެއް އައިސްފައިނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ވިދާޅުވީ އޭނާ ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގެންކަން އަދި އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ރަހުމާ ހުށަހެޅި މައްސަލަ ބަލައިގެންފައިވާތީ މި ފަހަރުގެ މައްސަލަ ވެސް ބަލައިގަންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ. "މިއީ އެއް މައްސަލައެއް. ހަމައެކަނި ތަފާތުވާނީ ހުށަހެޅި މީހާގެ ނަން،" ޕްރައިމަރީގެ އިންތިހާބުގައި އަދި ޕްރައިމަރީ އަށް ފަހު ޔާމީނަށާއި ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމާ ގުޅިގެން ޕާޓީން ވަކިކޮށްފައި ހުރި އުމަރު ވިދާޅުވި އެވެ. ޕީޕީއެމްގައި ޕްރައިމަރީގައި ޔާމީނަށް 13،096 ވޯޓު ލިބިވަޑައިގަތްއިރު، އުމަރަށް ލިބިވަޑައިގަތީ 7،450 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ