ކައުންސިލްތަކަށް އެހީތެރިކަން ފޯރުވައި ރައްޔިތުން ބާރުވެރިކުރުވާނަން: މިނިސްޓަރު

ސަރުކާރުގެ އަމާޒަކީ ކައުންސިލްތަކުން ބޭނުންވާ އެހީތެރިކަން ވީ އެންމެ ފުރިހަމައަކަށް ފޯރުކޮށްދީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭގެ ރައީސް އުމަރު ނަސީރު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށިތާ ހަތަރު އަހަރު ފުރުމާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ ދެމެދު މުއާމަލާތްކުރުމުގައި ހުރި ދަތިތައް ރަސްމީ ސިފައެއްގައި ދެނެގަނެ އެކަމަށް އެކަށީގެންވާ ހައްލު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ. ސަރުކާރާ ކައުންސިލްތަކުގެ ގުޅުން މިހާރަށް ވުރެ ބަދަހިކޮށް ގުޅިގެން ކުރިއަށްދާ ބަޔަކަށް ވުމަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ވެސް އެލްޖީއޭގެ ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު އުއްމީދުކުރަނީ އަދި ޔަގީންކުރަނީ ހިނގަމުން މިދާ ކައުންސިލްތަކުގެ ދެ ވަނަ ދައުރަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ގާނޫނީ އިމުގެ ތެރޭގައި ގައުމީ ލޯތްބާއެކު މަސައްކަތް ކުރުމުގެ ރޫހު ދައްކުވައިދޭ ކައުންސިލްތަކަކަށް ވާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް ހިންގުމުގައި ކައުންސިލަރުން ނަމޫނާ ދައްކަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ބޭނުން ހެޔޮގޮތުގައި ހިފަން ކަމާގުޅޭ އިދާރާތަކަށް ދޭން ޖެހޭ އެއްބާރުލުން ކައުންސިލްތަކުން ފުރިހަމަ އަށް ދިނުމަށް ވެސް އުމަރު އެދިވަޑައިގެންނެވި އެވެ. "ރައްޔިތުން ބާރުވެރިކުރުމަށް ކުރަން ޖެހޭ ކަންތައްތަކާއި ހިދުމަތްތަކުގެ ފެންވަރާއި ދުވެލި ހަލުވިކޮށް ރަށްރަށުގައި އަމާންވެއްޓެއް ގާއިމްކޮށް ގައުމީ ރޫހާއެކު ނަތީޖާ ނެރެދެނިވި ބަޔަކަށް ކައުންސިލަރުން ވުމަށް އަޅުގަނޑު ގޮވާލަން،" މިނިސްޓަރުގެ ހިތޯބުގައި ވިދާޅުވި އެވެ. ކައުންސިލްތަކަކީ ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭ ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި ކައުންސިލްތަކުން އެކުލަވާލާ އުސޫލްތަކާއި ގަވާއިދުތައް ހުންނަން ވާނީ ސަރުކާރުގެ އުސޫލްތަކާއި ސިޔާސަތުތަކާ ފުށުނާރާނެ ގޮތަކަށެވެ. އުމަރު ވިދާޅުވީ މިހާތަނަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ ކައުންސިލްތަކުގެ އިދާރީ ހިންގުން ރަނގަޅުކުރުމާއި މުވައްޒަފުންގެ ފަންނީ ގާބިލްކަން އިތުރުކޮށް މުވާސަލާތުގެ ގުޅުން ރަނގަޅުކުރުމަށް ކަމަށެވެ. މި އަހަރު އެންމެ ބޮޑު އަމާޒަކީ ކައުންސިލްތަކުގެ ހިސާބު ކިތާބު ބެލެހެއްޓުން ވަރުގަދަކޮށް ތަޖުރިބާތައް ހިއްސާކުރުމުގެ ތެރެއިން މަސައްކަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ