ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ކޯލިޝަނުން އެއްބަސްވެފައިވާ އެއްބަސްވުމާ ބައެއް ބޭފުޅުން ޚިލާފުވެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ސޯލްޓް ކެފޭގައި މިއަދު އެމްއާރުއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަނުން ވާދަކުރުމަށް އެއްބަސްވުމެއް ކުރިން އޮތް ކަމަށާއި ބައެއް ބޭފުޅުން އެއެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށެވެ.
ކޯލިޝަންގެ ހަތަރު ޕާޓީންވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ވާނީ ވަކި ޕަސެންޓޭޖްތަކެއް ކަނަޑައަޅާފައި ކަމަށާއި އެކަމަކު ބައެއް ބޭފުޅުން އެއީ އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ކޯލިޝަނުން އެއްބަސްވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް އެމްޑީޕީއަށް 35 އިންސައްތަ، ޖުމްހޫރީ ޕާޓީއަށް 22 އިންސައްތަ، އެމްއާރުއެމަށް 17 އިންސައްތަ އަދި އަދާލަތު ޕާޓީއަށް 13 އިންސައްތަ ދިނުމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމް ފިޔަވާ އެހެން ހުރިހާ ޕާޓީއަކުން ވަނީ އެއެއްބަސްވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެކު ސޮއިކޮށްފައި ކަމަށާއި ރައީސް މައުމޫނަށް ސޮއި ނުކުރެއްވުނީ އެމަނިކުފާނު އޭރު ޖަލުގައި އޮންނެވުމުން ކަމަށެވެ.
އެހެންވީމާ ތިން ޕާޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެކު އެއްބަސްވުމެއްގައި ސޮއިކުރުމުން އެއީ އެއްބަސްވުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމްޑީޕީންވެސް މިހާރު 86 ދައިރާއަށް ކުރިމަތިލައި ޖުމްހޫރީ ޕާޓީންވެސް 36 ދާއިރާއަށް ކުރިމަތިލާ ކަމަށާއި އެހެންވީމާ އެމްއާރުއެމުންވެސް ބޭނުން އަދަދަކަށް ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ކުރިމަތިލުމުގެ އިޚުތިޔާރު އެބައޮތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ތާއީދާއިއެކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް އިއުލާންކުރުމުން 108 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވަފައިވާ ކަމަށާއި އެހެންވީމާ އެމްއާރުއެމްގެ ފިކުރަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ބަލައިގަންނަ ފިކުރެއްކަން ހާމަވެއްޖެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ 108 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވީ ނަމަވެސް އަދި ވާދަކުރައްވާނެ ދާއިރާތަކެއް ކަނޑަނާޅާ ކަމަށެވެ. ދާއިރާތައް ކަނޑައަޅާނީ ލީޑަރުންނާއި އެކު ބާއްވާ ބައްދަލުވުމަށް ފަހުގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ކޯލިޝަނެއްގެ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކޯލިޝަންގެ ލީޑަރުން މިދިޔަ މަހު ވަނީ މަޝްވަރާ ކުރެއްވާފައެވެ. އެހެން ނަމަވެސް އެބައްދަލުވުމުގައި ވަކި ގޮތަކަށް ނިމިފައެއް ނުވެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަނުން ގުޅިގެން ވާދަކުރުމަށް ސޮއިކޮށްފައިވާ ކޯލިޝަން އެއްބަސްވުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެފަދަ އެއްބަސްވުމެއް އެބައޮތް ކަމަށް ކޯލިޝަންގެ ބައެއް ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.
ކޯލިޝަންގެ އެއްބަސްވުމާ ވަނީ ޚިލާފުވެފައި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ