ކަރަންޓް ބިލުން ރައްޔިތުންނަށް ދޭ ސަބްސިޑީ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ސަބްސިޑީ ދޭ އުސޫލަށް ބަދަލު އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެކި ރަށްރަށަށް 77 ޖަނަރޭޓަރު ހަވާލު ކުރުމުގެ މަޝްރޫއު ފެށުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކަރަންޓް ސަބްސިޑީ އަށް ސަރުކާރުން ކުރަން ޖެހޭ ހޭދަ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެންސްޕާގެ ބަޖެޓްގެ ވަރަށް ބޮޑު ބައެއް ހަރަދު ކުރަން ޖެހެނީ ކަރަންޓް ސަބްސިޑީ ދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކަރަންޓް ސަބްސިޑީ މިހާރު ދެވެނީ އެއްވެސް އަމާޒެއް އޮވެގެނެއް ނޫނެވެ.
"ކަރަންޓް ސަބްސިޑީ މިހާރު މި ދެވެނީ އަމާޒެއް އޮވެގެން ރޭޝަނަލް ވިސްނުމެއްގައެއް ނޫން. އެ ސަބްސިޑީއަށް ބަދަލުތަކެއް އަންނާނެ. މި ހުރިހާ ކަމެއް ހަމަޖެހިގެން އަންނަ އިރު ކަރަންޓްގެ އަގު ހޮޔޮ، ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެން ދާނެ. އޭގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސާނެ،" ރައީސް ވިދާޅުވި އެވެ.
ކަރަންޓް ސަބްސިޑީ މިހާރު ދެނީ ކަރަންޓް ބިލްގައި ހިމެނޭ ފިއުލް ސާޗާޖްގެ މިންވަރު ސަރުކާރުން އެއްކޮށް ދޭ ގޮތަށެވެ. އަދި ކޮންމެ ފަންތިއެއްގެ ގޭ ބިސީއަކަށް ވެސް އެ ސަބްސިޑީ ސަރުކާރުން ދެ އެވެ.
އެމަނިކުފާނު ވިދާޅުވީ ކަރަންޓް މެދުނުކެޑި އަގު ހެޔޮ ގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށެވެ. އަދި ދުޅަ ހެޔޮ އިގްތިސާދެއްގެ މައި އިންޖީނަކީ ހަކަތަކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ތެޔޮ މިހާރަށް ވުރެ އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އިންޑިއާޔާ ވާހަކަ ދައްކައިގެން އަގު ހެޔޮކޮށް ތެޔޮ ހޯދުމަށް ކުރާ މަސައްކަތް ހުއްޓާނުލާކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ތެލަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވޭނެ ގޮތްތަކެއް ހޯދައިގެން ކަރަންޓްގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
"މިދައްކަނީ ވަރަށް ބޮޑެތި މަސައްކަތްތަކުގެ ވާހަކަ. މިކަމަށް ދުވަސްތަކެއް ނަގާނެ. އެކަމަކު ރައްޔިތުންނަށް ދޭ ކަރަންޓްގެ އަގު ހެޔޮ ކުރެވިގެން އަންނަތަން މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯގެ މިހާރު ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭކަން ފާހާގަ ކުރައްވަމުން ރައީސް ވިދާޅުވީ އިތުރު އަށް މެގަ ވޮޓްގެ ކަރަންޓް އުފެއްދޭނެ ވަރުގެ ޖަނަރޭޓަރެއް ގެނައުމަށް ސަރުކާރުން މިއަހަރުގެ ތެރޭގައި އިންވެސްޓް ކުރާނެ ކަމަށެވެ. އަދި މާލޭގައި ކަރަންޓް ބޭނުން ކުރާވަރު އިތުރުވަމުން އަންނަ އިރު، މިއަހަރުގެ ތެރޭގައި ކަރަންޓް ކެޕޭސިޓީ އިތުރު ކުރަން އިންވެސްޓް ނުކޮށްފި ނަމަ، މާލޭން ކަރަންޓް ކެނޑުމުގެ މައްސަލައާ ކުރިމަތިލާން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސްޓެލްކޯގެ ކަރަންޓް އުފެއްދޭ މިންވަރު އިތުރު ކުރަމުން ދިޔުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް. ސަރުކާރުން އެކަމަށް އިންވެސްޓް ކުރަމުން ގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަކަތަ އާއި އެހެން ވެސް ހިދުމަތްތައް ފޯރުކޮށް ދިނުމުގައި އަތޮޅުތަކާއި މާލެ ތަފާތު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. އަދި ބްރިޖް އެޅުމާއި މާލޭ ސަރަހައްދުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ކޮށްދޭ ކަންތައްތައް ކަމަށް ރައީސް ވިދާޅުވި އެވެ. މާލޭގައި ގިނައިން އުޅެނީ އަތޮޅުތަކުގެ ރައްޔިތުންކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، މާލޭގައި ކުރާ ކޮންމެ އުމްރާނީ މަސައްކަތަކުން ވެސް އޭގެ ފައިދާ ކުރަނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ.
"މި ސަރުކާރަކީ މާލެއާއި އަތޮޅުތެރޭގައި ތަފާތެއް އޮންނަކަމަށް ދަންނަ ސަރުކާރެއްނޫން. މި ސަރުކާރުގައި އެއްވަނަ ދަރަޖައިގެ ރައްޔިތުންނާއި ދެވަނަ ދަރަޖައިގެ ރައްޔިތުންނެއް ނުތިބޭނެ. ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާއި ތަރައްގީ ފޯރު ކޮށްދިނުމުގައި ހުރިހާ ރައްޔިތުންނަކީވެސް އެއްވަނަ ދަރަޖައިގެ ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.
ކަރަންޓް ސަބްސިޑީ ދޭގޮތަށް ބަދަލުގެންނާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ