އަލީ ވަހީދުގެ އޮންލައިން ޝަރީއަތުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައިި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައިވާ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.އަލީ ވަހީދުގެ ޝަރީޢަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެކޯޓުން ނިންމީ އެމައްސަލަ ބެލެން ނެތް ކަމަށެވެ.ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓަރ ޖެނެރަލް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގާނޫނީ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވިގެން ނުވާނެ އެވެ. އެގޮތަށް ކުރިއަށް ގެންދާ ޝަރީއަތްތައް ގާނޫނާ ހިލާފުވާނެ ކަމަށް ޕްރޮސެކިއުޓަރ އޮފީހުން އަންނަނީ ވިދާޅުވަމުންނެވެ.ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގައި ހައިކޯޓުގެ އެ ނިންމުން ބަލައިނުގަންނާތީ މިއަދުގެ ވަގުތެއްގައި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާނެ އެވެ.ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއިއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.މި މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގެންދަން ދައުލަތުން ނިންމާފައިވާއިރު، މިއަދު ވެސް އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް އޮންލައިންކޮށް ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފަ އެވެ.އަލީ ވަހީދު ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ މާދަމާ ހައި ކޯޓުގައި ފަށާއިރު، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ.އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ވެސް ދައުލަތުން ކުރިން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަން އޭރު ބެލިއިރު، އަލީ ވަހީދު ރާއްޖެއިން ބޭރުގައި އުޅުއްވާ ތަނެއް ނޭނގުމުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އޭނާގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ