ޖޭޕީ ހަވާލު ކުރަން ގާސިމް އަރިހުގައި އެދިފައެއް ނުވާނެ: ރިޔާޒު

ޖުމްހޫރީ ޕާޓީ ހަވާލު ކުރުމަށް، އަދި އެޕާޓީގެ މަގާމެއް ތަބަކަށް ލާފައި ދިނުމަށް އެޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ އަރިހުގައި އެދިވަޑައިގެންފައި ނުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމް.އެން.ޕީ)ގެ އެއް މުއައްސިސު، އަދި މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު، އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒު ވަނީ، އޭނާއާއި ކާނަލް މުހައްމަދު ނާޒިމް ޖޭޕީން ވަކިވީ، އެޕާޓީ ނުދިނުމުން ކަމަށް ގާސިމް ވިދާޅުވި ވާހަކައަށް ރައްދު ދެއްވައިފައެވެ. ރިޔާޒު ވިދާޅުވީ، ޖޭޕީވެސް، އަދި އެޕާޓީގެ އެއްވެސް މަގާމެއްވެސް ތަބަކަށް ލާފައި ދިނުމަށް އެދިވަޑައިގެންފައި ނުވާނެ ކަމަށެވެ.
"އޮނަރަބަލް ގާސިމް އަރިހުގައި އެކަމަށް އެއްވެސް އިރަކު ދަންނަވާފައެއް ނުވާނެ. އިންފެކްޓް، ގާސިމް، ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެން، ލިޔުމުން، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ލިބިދޭ ހުރިހާ ބާރަކާ އިހްތިޔާރެއް އަޅުގަނޑާ ހަވާލު ކުރައްވާފަ ހުންނާނެ. އެކަމާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރިން." ރިޔާޒު ވިދާޅުވިއެވެ.
އާ ޕާޓީއެއް އުފައްދަން ނިންމެވި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، ޖޭޕީ އަކީ ގައުމީ ފިކުރުގައި މަސައްކަތް ކުރެވިދާނެ ޕާޓީއެއް ކަަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެގޮތުން، ފާއިތުވި ދޮޅު އަހަރު، ޖޭޕީއިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ