24 މިލިއަން ރުފިޔާގެ ޚިޔާނާތުގެ ތުހުމަތުގައި ހައްޔަރު ކުރި އަބްދުﷲ ސައީދު ވެސް ދޫކޮށްލައިފި

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު( އެންޑީއެމްސީ) އިން ހިންގާފައިވާ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ހައްޔަރު ކުރި ގދ. ހޯޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ދޫކޮށްލުމަށް ހައިކޯޓުން ކުރި އަމުރާ ގުޅިގެން ފުލުހުން އޭނާ ދޫކޮށްލައިފި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކަށް ވާއިރު އެއީ 2005 ވަނަ އަހަރާއި 2009 ވަނަ އަހަރު އަދި 2010 ވަނަ އަހަރު ހިނގާފައިވާ ކަންތައްތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތެއް ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހުން މިއަހަރު ފަށާފައި ވީނަމަވެސް އޭގެ ކުރިން އޮޑިޓް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެ މައްސަލަ ބަލާފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ އެޕޯލޯ ކުންފުނީގެ ވަޒީފާގައި ހުރެ މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތު ކަމަށްވާއިރު މީގެ ދޮޅުއަހަރު ކުރިން އޭނާ އެތަނުގެ ވަޒީފާއިން ވަކިވެފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ބުނަނީ އަބްދުﷲ ސައީދު ހައްޔަރު ކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުކޮށް ބަޔާން ނެގުމަށް ފަހު މިނިވަނެއްގެ ގޮތުގައި ދޫކޮށްލާފައި ހުންނަތާ ދެހަފްތާ ފަހުން ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވެސް ހެކި ފޮރުވުމަށް އޭނާއަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތްނަމަވެސް އެ މުއްދަތުގެ ތެރޭގައި އޭނާ ހެކި ފޮރުވުމަށް ކުރި މަސައްކަތެއް ދައުލަތަށް ބުނެދެވިފައި ނުވާތީ އޭނާ އަކީ ހެކި ފޮރުވޭނެ ފަދަ މާހައުލެއްގައި ހުރި މީހެއްކަމަށް ނުބެލެވޭ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އޭނާ ދޫކޮށްލުމާ އެކު އެ މައްސަލައިގައި ހައްޔަރު ކުރި އެންމެން ވެސް ވަނީ ދޫކޮށްލާފަ އެވެ.
އެ މީހުންނަކީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ކުރީގެ ވެރިޔާ އަބްދުﷲ ޝާހިދާއި މއ. އެވަގްލޯރީ އަހްމަދު އާރިފް، 49، އާއި ބ. އޭދަފުށީ ދިގަލި މުހައްމަދު ވަހީދު، 53، އާއި 49 އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ މުހައްމަދު ޝާހިދު 53، އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ