އަބްދުﷲ ގާޒީ ހައްޔަރު ކުރީ ނަޝީދު ކުރެއްވި އަމުރަށް ތޮލްހަތު: އިބްރާހީމް ދީދީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެއްވި ކުރެއްވުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރެއްވި އަމުރަކާ އެއްގޮތަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ކުރެއްވި ކަމެއް ކަމަށް އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އިބްރާހީމް ދީދީގެ މައްޗަށް ދައުލަތުން ކުރާ، ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އާ ގުޅިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ވަކީލު އިސްމާއީލް ވިޝާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަމުރު ކުރައްވައިގެން އޭރުގެ ޑިފެންސް މިނިސްޓަރު ކަމަށާއި އެކަމުގައި އިބްރާހީމް ދީދީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ އާއިޝަތު ފަޒުނާ އަހްމަދު ވިދާޅުވީ އިބްރާހީމް ދީދީގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ނިންމުމުން އޭނާ ހައްޔަރު ކުރުމަށް އެމްއެންޑީއެފުން ހިންގި އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހުރެ ގާނޫނާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާތީ ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން އިބްރާހީމް ދީދީ ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާގެ އަސްލަށް އިންކާރު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އޭނާ އެއްވެސް އަމުރެއް ކުރައްވާފައި ނުވާނެ ކަމަށާއި ޑިފެންސް މިނިސްޓްރީން ކޮށްފައިވާ ކަމެއްގެ މައްޗަށް އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ކަން ހިނގައި ދިޔަ ގޮތް ތެދުބަހުން ތަހުގީގުގައި ކިޔައިދީފައިވާނެ ކަމަށާއި އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުގެ މަގާމުގައި ހުރެ އޭނާ މަސައްކަތް ކޮށްފައި ވަނީ ކުރީގެ ސަރުކާރު ހިމާޔަތް ކުރުމަށް ކަމަށް ވެސް އިބްރާހީމް ދީދީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި އިބްރާހީމް ދީދީގެ ފަރާތުން ވަނީ އިޖުރާއީ ދެ ނުކުތާއެއް ނާގަފަ އެވެ. އެއީ މީގެ ކުރިން ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން މިފަދަ ދައުވާއެއް ކޮށްފައި ނުވާކަމަށް ވިދާޅުވެ ނެންގެވި އިޖުރާއީ ނުކުތާ އާއި އަބްދުﷲ ގާޒީ އަކީ ކުށް ނުކުރާ މީހެއްކަމަށް ދައުލަތުން ބަލާފައި ވަނީ ކޮންގޮތަކުން ކަމަށް ވިދާޅުވެ ނެންގެވި ނުކުތާ އެވެ.
އިޖުރާއީ ނުކުތާތަކަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލާ ފަޒުނާ ވިދާޅުވީ 1979 ވަނަ އަހަރާއި 1980 ވަނަ އަހަރާ ދޭތެރޭގައި ވެސް މިފަދަ ދައުވާއެއް ކޮށްފައިވާނެ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް އެކަމާ ބެހޭ ލިޔުންތައް ހުށަހަޅާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުލް އުގޫބާތުގެ ދަށުން ވައްކަން ކުރުމުގެ ދައުވާ ގިނައިން ކޮށްފައި ވަނީ އެއީ އަބަދާއި އަބަދު ހިނގަމުންދާ ކަމަކަށްވާތީ ކަމަށާއި އެއާ ޚިލާފަށް މިބާވަތުގެ ކުށަކީ ވަރަށް މަދުން ހިނގާ ކުށްތަކެއް ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ އަކީ ކުށް ނުކުރާ މީހެއްކަމަށް ދައުލަތުން ބަލާފައި ވަނީ ކޮންގޮތަކުން ކަމަށް ވިދާޅުވެ ނެންގެވި ނުކުތާއާ ގުޅޭގޮތުން ފަޒުނާ ވިދާޅުވީ މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތު ނުކުރެވޭ ނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.
އިޖުރާއީ ނުކުތާތަކާ މެދު ޝަރީއަތުން ނިންމި ގޮތް އިއްވަމުން ފަނޑިޔާރު ސުޖާއު އުސްމާން ވިދާޅުވީ އެ އިޖުރާއީ ނުކުތާތަކަކީ ޝަރީއަތް ކުރުމަށް އޮތް ހުރަހަކަށް ނުވާތީ އެ މައްސަލައިގެ ހުކުމް ކުރެވޭއިރު އިޖުރާއީ ނުކުތާތަކަށް ގޮތެއް ނިންމާނެ ކަމަށެވެ.
އިބްރާހީމް ދީދީ ދައުވާ އަށް އިންކާރު ކުރައްވާފައިވާތީ އޭނާގެ މައްޗަށް ދައުވާ ސާބިތުކުރާން ދައުލަތުން މިއަދު ވަނީ 21 ހެއްކެއް ހުށަހަޅާފަ އެވެ. ހެކީންގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ ވަޒީފާގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރު ސުޖާއު އުސްމާން ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހު އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ