މޫސުން އިތުރަށް ގޯސްވެ، ދެ އަތޮޅަކަށް ރީނދޫ ސަމާލު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަޙައްދުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ގއ. އަތޮޅާއި ގދ. އަތޮޅުގެ ރަށްތަކަށެވެ. މި ސަރަޙައްދަށް ރީނދޫ ސަމާލު ނެރެފައި ވަނީ ފަތިހު 5:00 އިން ފެށިގެން ހެނދުނު 9:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި، ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޯށް ވާރޭވެހޭނެ ކަމަށެވެ.
މި ދެ އަތޮޅަށް ރީނދޫ ސަމާލު ނެރެފައި މިވަނީ، ކުރިން މި ސަރަޙައްދު ހިމެނޭހެން ބޮޑު ބަޔަކަށް ހުދު ސަމާލުވެސް ނެރެފައި ވަނިކޮށެވެ. ހެނދުނު 8:00 އާއި ހަމައަށް މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައި އޮތީ، މ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ސަރަޙައްދަށެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ރޭ ކުރިންވެސް ދެކުނުގެ ބައެއް ހިސާބުތަކަށް ސަމާލު ނެރެފައި ވެއެވެ.
ރާއްޖެއަށް މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ކުރިޔަށް އޮތް ވަގުތުތަކުގައި ވެސް ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެ އިދާރާއިން އިތުރަށް ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ