ޝަރުއީ ދާއިރާގެ ސެމިނާތަކުގައި ބައިވެރިވާނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދުން
ޝަރުއީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ރާއްޖެއިން ބޭރުގައި ބާއްވާ ވޯކްޝޮޕާއި، ސެމިނާ އާއި ކޮންފަރެންސްތަކުގައި ބައިވެރިވާނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ސުޕްރީމް ކޯޓުން ނެރުނު ގަވާއިދެއްގައި ބުނެފައިވަނީ، ވޯކްޝޮޕާއި ސެމިނާތަކާއި، ކޮންފަރެންސްތަކުގައި ބައިވެރިވެވޭނެ ދާއިރާތައް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ބާއްވާ ވޯކްޝޮޕާއި ސެމިނާތަކާއި، ކޮންފަރެންސްތަކުގައި ބައިވެރިވާނެ ފަނޑިޔާރަކު ކަނޑައަޅާނީ އެކޯޓެއްގެ އިސް ފަނޑިޔާރެއް ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން ކޯޓުގެ މުވައްޒަފަކު ބައިވެރިވާނަމަ އިސްފަނޑިޔާރު އެނިންމުން ނިންމަން ޖެހޭނީ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުންނެވި އެންމެ އިސްބޭފުޅަކު ދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ބުނެފައިވެއެވެ.
އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ހުއްދައަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ވޯރކްޝޮޕާއި ސެމިނާރއާއި ކޮންފަރެންސްތަކާއި، ބައްދަލްވުންތަކާއި ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށް ކުރާ ދަތުރު ނިންމުމަށްފަހު "ދަތުރު ރިޕޯޓް" އެކޯޓަކަށާއި، ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ނެރުނު ޤަވާއިދުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ