ފޮޓޯއިން ޚަބަރު: ޣައްޒާގެ ރައްޔިތުން ހާލަތު

ފަލަސްތީނުގެ އިސްލާމިކް ވަޤްފް ޖަމާއަތުން ރަމަޟާންމަހު ހިލޭބަހާ ކާބޯތަކެތި ބަލައި ގޮސްތިބި ކުޑަކުދިންތަކެއް، ތަކެތި އަޅާނެ ކަންވާރުތަކާއެކު ހުޅަނގު އައްސޭރީގެ ހަބްރޫންގައި ކިޔޫގައި ޖެހިގެން.
އިސްރާއީލުގެ އުދުވާނީ ސަރުކާރުން ގާތްގަނޑަކަށްހެން ވަށައިގެން ބަންދުކޮށްފައި އޮންނަ ޣައްޒާގެ ރައްޔިތުންނަށް މި ރަމަޟާންމަހު ރޯދަވީއްލާނެފަދަ ކާއެތިކޮޅެއް ފޯރުކޮށް ދެވޭތޯ، ހިލޭއެހީދޭ ގިނަ ޖަމާއަތްތަކުން ގެންދަނީ މަސައްކަތް ކުރަމުން. އެގޮތުން، އެއްގަމުމަހާއި، ކާބޯތަކެތިވެސް ބެހުމުގެ މަސައްކަތް ގެންދަނީކުރަމުން. ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދގެ ޖަމާއަތުންވެސް ގެންދަނީ، ޚާއްސަކޮށް ޣައްޒާގެ ރައްޔިތުންނަށް ރޯދަވީއްލާނެ އެއްޗެއް ދިނުމަށް އެދި ބައިނަލްއަގްވާމީ ކެމްޕެއިނެއްވެސް ހިންގަމުން. ޣައްޒާގެ ރައްޔިތުން މި ރަމަޟާންމަހު އުފުލާންޖެހޭ ބުރަ ލުއިކުރުމުގެ ގޮތުން މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީގެ އަމުރުފުޅަށް ޣައްޒާ-މިސްރު ވަކިކުރާ އިމުގައި ހުންނަ ރަފަހް ދޮރާށި މިސްރުން މިހާރުވަނީ ރަމަޟާންމަސް ނިމެންދެން ހުޅުވާލާފައި. ރަފަހް ދޮރާށްޓަކީ ޣައްޒާއާއި ބައިނަލްއަގްވާމީ ދުނިޔެ ގުޅުވާލަދޭ ހަމައެކަނި ދޮރާށި. ޣައްޒާގެ ރައްޔިތުން ވިޔަފާރިއާއި، ބޭސްފަރުވާއަށް ޣައްޒާއިން ބޭރަށް ދެވޭ ހަމައެކަނި ތަނަކީ މިސްރު.
އަނެއްކޮޅުން، ގުދުސްގައި ހުންނަ އަލްއަގްސާ މިސްކިތަށް ނަމާދަށްދާ ފަލަސްތީނު މުސްލިމުންނަށް ބެހުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ސަރުކާރުން އެހީގެ ތަކެތި ފޮނުވި ނަމަވެސް، ފަލަސްތީނުގައި ދަނީ އެތަކެތި ބޭނުން ނޫންކަމަށް ބުނެ ސޯޝަލް މީޑިއާ ކެމްޕެއިނެއް ހިންގަމުން. ސަބަބަކީ، އިސްރާއީލު އުފެދުނުތާ 70 އަހަރު ފުރުން ފާހަގަކުރުމަށް މިދާކަށްދުވަހު އިސްރާއީލުން ބޭއްވި ބައިސްކަލް ރޭހުގައި ވާދަކުރުމަށް ޔޫއޭއީން ޓީމެއް ފޮނުވުމުން. އެ ރޭސް ޖަހާފައިވަނީ ގުދުސްވެސް ހިމެނޭގޮތުން. ފަލަސްތީނު ރައްޔިތުން ބުނަމުންދަނީ ޔޫއޭއީން އިސްތިއުމާރީ އިސްރާއީލަށް މަދަދު ދެމުންގެންދާކަމަށް. ޔޫއޭއީން ބަހަމުންދާ އެހީގެ ތަކެއްޗާ ދެކޮޅަށް ހިންގާ ކެމްޕެއިނަށް ދީފައިވާ ނަމަކީ "އަހަރެމެން ބަނޑުހައެއްނުވޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ