ރައްޔިތުން އެދެނީ އެމް.ޑީ.ޕީ ގެ އަޢުލަބިއްޔަތު އޮންނަ މަޖިލީހެއް


ރާއްޖޭގެ ގިނަ ރައްޔިތުން އެދެނީ އެމް.ޑި.ޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
 
ރޭ އެމް.ޑީ.ޕީގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވި ފަރާތްތަކަށް ބޭއްވި ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކޮންމެ އިންތިޚާބަކަށްވެސް ޕްރައިމަރީއެއް ބާއްވަން ޖެހޭކަން ރައްޔިތުންނަށް އެޕާޓީން ހާމަކޮށްދެވިއްޖެ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ފެނިގެން މިދަނީ ކެނޑިޑޭޓުންގެ ލިސްޓެއް ކަނޑައަޅާނެ ގޮތެއް ނުފެނިގެން އުޅޭ މަންޒަރުކަމަށް ނަޝީދު ވިދާޅުވިއެވެ.
 
ރައީސް ނަޝީދު ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރީ އެމް.ޑީ.ޕީން ކަމަށާއި، އެހެންކަމުން ރައްޔިތުން މަޖިލީހުގެ އިންތިޚާބުވެސް އެމް.ޑީ.ޕީން ސާފު އަޣްލަބިއްޔަތު ހޯދާނެކަން ދެއްކިއްޖެ ކަމަށެވެ.
 
ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި އެމް.ޑީ.ޕީއަށް ވޯޓު ދޭންވި ސަބަބަކީ ޝަރީއަތުގެ ނިޒާމް އިސްލާހުކޮށް، ދަޢުލަތުން ފައިސާ ގެންގުޅޭ ގޮތް ގާތުން ބަލައި، ރައްޔިތުންގެ ހައްގުތަށް ހޯދައި ދެވޭނެ ހަމައެކަނި ޕާޓީއަކީ އެޕާޓީކަމަށް ވާތީ ކަމަށާއި އަދި ރައްޔިތުންގެ ތަރައްގީއަށް އެޅޭ ހުރަސްތައް ފިލުވައި، އުފާވެރި ދިރިއުޅުމެއް ގެނެސްދެވޭނީ ހަމައެކަނި އެމް.ޑީ.ޕީއަށް ކަމަށް ޤަބޫލު ކުރައްވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ