އިންތިހާބުގައި ކާމިޔާބު ލިބުނީ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަތުމުން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލީޝަނަށް ބޮޑު ކާމިޔާބީއެއް ލިބިގެންދިޔައީ މިވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި އާ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާ ނެރެމުން ގެންދިޔަ ހެޔޮ ނަތީޖާ ދިވެހި ރައްޔިތުން ބަލައިގަތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވުނު އިންތިހާބުގައި ޕްރޮގްރެސިވް ކޯލީޝަނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ގާސިމް އިބްރާހީމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވުނު އިންތިހާބުގައި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ވޯޓްލާފައިވާތީ އެކަމުން ދޭހަކޮށްދެނީ ގައުމުގެ ކަންކަން ކުރިއަށް ގެންދާންވީގޮތް ކަނޑައެޅުމުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުންގެ ބައިވެރިވުން ބޮޑުވަމުންދާ މިންވަރު ކަމަށެވެ.
"އަދި މި އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ މިއަދުގެ ހަގީގަތާ ދިވެހި ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ރައްޔިތުން އެދޭ ގޮތް މިވަނީ ހާމަވެފައި،" ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނާ، އިންތިހާބު ކާމިޔާބުކުރެއްވި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ އަމިއްލަ ކެންޑިޑޭޓުންނާއެކު މަޖިލީހުގެ 85 ގޮނޑީގެ ތެރެއިން ގާތްގަނޑަކަށް 63 ގޮނޑި މިހާރުވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ފިކުރަށް ލިބިފައިވާ ކަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ. އިންތިހާބުގެ ނަތީޖާ އަކީ އާ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާ ނެރެމުން ގެންދިޔަ ހެޔޮ ނަތީޖާ ދިވެހި ރައްޔިތުން ބަލައިގެންފިކަމުގެ އުޖާލާ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އުފެއްދި އިއްތިހާދު ބަދަހިކަމާއެކު ދަމަހައްޓާ ދިވެހި ގައުމު ކުރިއެރުވުމުގައި ތެދުވެރިކަމާ ހިތްވަރާއެކު ކުރިއަށް ދިއުމުގެ އަޒުމު މިވަގުތު ކަނޑައަޅަންޖެހޭ ކަމަށެވެ.
"މި ފުރުސަތުގައި މަޖިލީހުގެ 85 ގޮނޑިއަށް އިންތިހާބުވެވަޑައިގަތް ބޭފުޅުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ޖުމްހޫރީ ޕާޓީގެ ނަމުގައި މަރުހާބާ ދަންނަވަމެވެ. އަދި މިފަހަރުގެ އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު، މަޖިލީހުގައި ވަރަށް ހިދުމަތްތެރި އަދި ސަރުކާރުގެ ފިކުރަށް ވަރަށް ތާއީދުކުރައްވާ ރައްޔިތުންނަށް ހިދުމަތްކުރެއްވި ބައެއް މެންބަރުންނަށް މަޖިލީހާ ވަކިވެ ވަޑައިގަންނަވާނެތީ، އެ ބޭބޭފުޅުންގެ އަގުހުރި މަސައްކަތްޕުޅުތަކުގެ މުހިންމުކަން ވަޒަންކޮށް، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެބޭބޭފުޅުން އަދާކުރެއްވި ދައުރަށްޓަކައި ފަށްފަށުން އަޅުގަނޑު ޝުކުރު އަދާކުރަމެވެ،" ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް މިހާރު ކަށަވަރުވެފައިވާ 62 ގޮނޑިއަށްވުރެވެސް ބޮޑު ކާމިޔާބީއެއް ހޯދާ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް މަޖިލީހުގައި އުފެއްދުމުގެ ފުރުސަތު ވެސް މި އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު ސަރުކާރު ކޯލީޝަނަށް އޮތީ ތަނަވަސްވެފައި ކަމަށެވެ.
ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ ފިކުރުގެ ތިން ހަތަރު ކެންޑިޑޭޓުން އެއްގޮނޑިއަކަށް ވާދަކުރެއްވުމުގެ ސަބަބުން އެފަދަ ބައެއް ގޮނޑިތައް ސަރުކާރަށް ގެއްލިގެން ދިއުމަކީ މި އިންތިހާބުގައި އަޅުގަނޑުމެން އެންމެންނަށް ލިބުނު އިބްރަތްތެރި ފިލާވަޅެއް ކަމަށް ވެސް ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވި އެވެ. އެހެންކަމުން އެ ފިލާވަޅުން އިބްރަތް ހާސިލްކޮށް ކޯލީޝަންގެ ތެރޭގައި އުފެދޭ ހިޔާލު ތަފާތުވުންތަކުގެ ނުރަނގަޅު އަސަރު ވީހާ ވެސް ކުޑަކޮށް އެއްބައިވަންތަކަން އިތުރުކުރުމަށް ގާސިމް އިބްރާހީމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
"ރާއްޖޭގައި މިއަދު ގާއިމްވެ މިއޮތް ސަރުކާރު އަޅުގަނޑުމެން އެންމެން ގުޅިގެން އުފެއްދީ އިސްލާމްދީނާ ދިވެހީންގެ އަމިއްލަވަންތަކަމުގެ ހައްގުގައެވެ. ދިވެހީން އެދޭ ތަރައްގީ މި ގައުމަށް ގައިމުކޮށްދިނުމުގެ ހެޔޮ ނިޔަތުގަ އެވެ. އަޅުގަނޑުމެންގެ މި މަސައްކަތުގައި މާތްﷲ ބަރަކާތްލައްވައި ކާމިޔާބު އިތުރުކުރައްވާށި އެވެ،" ބަޔާން ނިންމަވާލައްވަމުން ގާސިމް އިބްރާހީމް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ