އދ. އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅު ހޮސްޕިޓަލުން ދެ ވަނަ ފަހަރަށް ކަރަންޓް ކަނޑާލުމުން ރަށު އޮފީސް ހިންގެވުން އޮމަދޫ ކައުންސިލަރާ ހަވާލުކޮށްފި

އދ. މަހިބަދޫ ރަށު އޮފީހުން އަތޮޅު ހޮސްޕިޓަލާއި އަތޮޅު ތައުލީމީ މަރުކަޒުން ދެވަނަ ފަހަރަށް ކަރަންޓު ކަނޑާލި މައްސަލައާ ގުޅިގެން ރަށު އޮފީސް ވަގުތީ ގޮތުން ހިންގެވުން އެ އަތޮޅު އޮމަދޫ އޮފީހުގެ ކައުންސިލަރާ އަތޮޅު އޮފީހުން ހަވާލުކޮށްފި އެވެ.ކުރިން ރަށު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި މަހިބަދޫ ކަތީބު މުހައްމަދު ފާއިޒު މިއަދު ވިދާޅުވީ، މަހިބަދޫ ރައްޔިތުންގެ އިންޖީނުގޭ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އަތޮޅު ހޮސްޕިޓަލާއި ސްކޫލުން މިދިޔަ އާދީއްތަ ދުވަހު ކަރަންޓު ކަނޑާލުމުން، ރައްޔިތުންގެ ބަޔަކު އިންޖީނުގެ އަށް ވަދެ އެ ދެތަނަށް ވެސް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ. ނަމަވެސް، ކަރަންޓު ބިލު ނުދައްކަނީސް އެ ދެތަނަށް ކަރަންޓު ގުޅައިދިނުމާ މެދު ކޮމިޓީން ވަކި ގޮތެއް ނިންމަންދެން އެ ދެ ތަނުން ވެސް އިއްޔެ މެންދުރު 1:30 ހާއިރު އަލުން ކަރަންޓު ކަނޑާލީ ކަމަށް ފާއިޒް ވިދާޅުވި އެވެ.ނަމަވެސް، ކަރަންޓު ކަނޑާލިތާ ގަޑިއިރެއްހާ އިރު ނުވަނީސް އަތޮޅު އޮފީހުން ނިންމީ މަހިބަދޫ އޮފީސް އޮމަދޫ ކައުންސިލަރާ ހަވާލުކުރެއްވުމަށް ކަމަށް ފާއިޒް ވިދާޅުވި އެވެ. އަދި އޮފީހާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް އޭނާ ކުރެއްވި ކަމަކީ ރަށު އޮފީހުގެ ބެލުމުގެ ދަށުން ހިންގާ އެ އިންޖީނުގެ އަށް ވަޑައިގެން އަލުން އަތޮޅު ހޮސްޕިޓަލަށާއި އަތޮޅު ތައުލީމީ މަރުކަޒަށް ކަރަންޓު ދިނުން ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ."އަޅުގަނޑުމެން ކަރަންޓު ކަނޑާލާފައި އޮއްވައި ބަޔަކު ރޭގަނޑު އިންޖީނުގެ އަށް ވަދެ ކަރަންޓު ދިނުމުން އަޅުގަނޑުމެން އިއްޔެ ކޮމިޓީގައި މަޝްވަރާކުރިން. ކޮމިޓީން ނިންމީ ކުރިން ވެސް އޮތް ގޮތަށް އަލުން ކަރަންޓު ކަނޑާލާފައި، ވީހާވެސް އަވަހަކަށް ރައްޔިތުންނާ ހަމައަށް، އޭގެ [އިންޖީނުގޭގެ] ހިއްސާދާރުންނާ ހަމައަށް މި މައްސަލައައިގެން ދިޔުމަށް. އަދި ރައްޔިތުން ނިންމައިފިއްޔާ ވަގުތުން ކަރަންޓު ދޭން. އެކަމަކު ވަކި ގޮތެއް ނިންމަންދެން ދެ ތަނުން ވެސް ކަރަންޓު ކަނޑާފައި ބޭއްވުމަށް. ކަރަންޓު ކަނޑާލާފައި އޮއްވައި ގާތްގަނޑަކަށް ދޭއް ޖަހާކަށްހާއިރު އަތޮޅު އޮފީހުން މި އަތޮޅު އޮމަދު އަށް ކަނޑައަޅުއްވާފައި ހުންނަވާ ކައުންސިލަރާ މަހިބަދޫ އޮފީސް ހިންގެވުން ހަވާލުކުރެއްވީ. ފުރަތަމަ ވެސް އޮފީހަށް ވަޑައިގަންނަވައި [އޮމަދޫ ކައުންސިލަރު] ހޮސްޕިޓަލާއި ތައުލީމީ މަރުކަޒުގެ މީޓަރަށް ކަރަންޓު ދެއްވީ،"ފާއިޒު އިތުރަށް ވިދާޅުވީ، އިންޖީނުގޭ ކޮމިޓީގެ ބައްދަލުވުމެއް ރޭ ބޭއްވުމަށް ރަށު އޮފީހުން ކުރި އިއުލާނު ވެސް އޮމަދޫ ކައިންސިލަރު ބާތިލުކުރެއްވި ކަމަށެވެ. އެކަމާ ހިތްހަމަނުޖެހިގެން 50 ވަރަކަށް މީހުން ވަނީ މަހިބަދޫ އަތޮޅުގޭ ކައިރިއަށް އެއްވެ ރޭ 11 ޖަހާކަންހާއިރު އަޑުގަދަކޮށްފަ އެވެ. އެމީހުން ގޮވަމުން ދިޔައީ އިންޖީނުގޭ ކޮމިޓީން ވަކިގޮތެއް ނިންމަންދެން ދެ ތަނުން ވެސް ކަރަންޓު ކަނޑާލުމަށެވެ.މަހިބަދޫ ކަތީބު ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަށާއި އަތޮޅު ތައުލީމީ މަރުކަޒަށް ކަރަންޓު ދީފައި ބޭއްވުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމުމަށް މިރޭ ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އދ އަތޮޅު ތައުލީމީ މަރުކަޒުގެ ކަރަންޓު ބިލު ނުދައްކާތާ 23 މަސް ދުވަސް ވަނީ ވެފަ އެވެ. އެ މުއްދަތުގެ ތެރޭގައި ކަރަންޓު ބިލަށް ޖުމްލަ 4،18284ރ.(ހަތަރު ލައްކަ އަށާރަހާސް ދުއިސައްތަ އަށްޑިހަ ހަތަރު ރުފިޔާ) އަރާފައިވާއިރު އަތޮޅު ހޮސްޕިޓަލުގެ ފާއިތުވި ފަސް މަސް ދުވަހުގެ ކަރަންޓު ބިލަށް އަރާފައިވާ 5،15872ރ. (ފަސްލައްކަ ފަނަރަހާސް އަށްސަތޭކަ ހަތްދިހަ ދެ ރުފިޔާ) ވެސް އަދި ވަނީ ނުދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ