ސިހުރަށް އިތުބާރު ކުރިއްޔާ އަޅުގަނޑުމެން ކުރި މަސައްކަތް ކޮބާ – މައުމޫން

ސިހުރު ހަދައިގެން ސިހުރަށް އިތުބާރު ކުރާ ކަމަށްވަންޏާ ރިޔާސީ އިންތިޙާބުގައި ކުރި މަސައްކަތް ކޮބާތޯ ވިދާޅުވެ ރައީސް މައުމޫން ސުވާލު އުފައްދަވައިފިއެވެ.
ޕީޕީއެމްއާއި އަލަށް ގުޅުނު ފަރާތްތަކުގެ ފޯމު ހަވާލުކުރުމަށް މިއަދު އެޕާރޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަކަށްފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ސިހުރު ހެދިކަމަށް އެބުނާ މީީހަކު އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ސިހުރުވެރިޔަކު ކުރި މަސައްކަތުން ރައީސް އިންތިޚާބުވިިކަމަށްވަންޏާ އަޅުގަނޑުމެން ކުރީ ކޮންކަމެއް؟" އެމަނިކުފާނު އިތުރަށް ވިދާޅުވީ "އަޅުގަނޑުމެން ކުރި މަސައްކަތް ކޮބައިތޯ. އަޅުގަނޑު ވެސް އެތައް ރަށަކަށް (ކެމްޕޭން ތެރޭގައި) ދިޔައިން" ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ "ސިހުރު ހެދުމަކީ ހަޤީޤަތުގައިއޮތް ކަމެއްވެސް ނޫން" ކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ވަނީ މާތްﷲ ގެ އިރާދަފުޅުން ކަމަށާއި، ސިހުރުވެރިންގެ ބާރުން ކަންތައް ކުރާ ވާހަކައަކީ މުޅިން ބުހުތާނި ދޮގު ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ، ރައީސް ޔާމީންއަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވީ ޕީޕީއެމްގެ މެންބަރުންގެ އިޚްލާސްތެރި ބުރަ މަސައްކަތުން ކަމަށާއި، އެދުވަސްވަރު ވެސް "އެބުނާ ސިހުރު ވެރިޔަކު" ޕީޕީއެމްގެ ކެންޕެއިންގެ ތެރެއިން ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
އަދި އަސޭލާ އާއި ރައީސް ޔާމީން އާއި ދެމެދު އެއްވެސް ކަހަލަ ގުޅުމެއް އޮތްކަން އެނގިވަޑައިގަންނަވާތޯ ސުވާލު ކުރުމުން އެމަނިކުފާނު ދެންނެވީ "... އަޅުގަނޑު ތިމީހާގެ ނަން އެހީ ވެސް އިހަށްރޭ ތިޔަ ވީޑިއޯ ދެއްކީމާ. އޭގެ ކުރިން ތިޔަ އަސޭލާއޭ ކިޔާމީހަކު އުޅޭކަން ނުވެސް ދެނަހުރިން. އަޅުގަނޑާ ބައްދަލުވެފައެއް ވެސް ނޯންނާނެ. އެކަހަލަ މީހެއްގެ ވާހަކަ މީގެ ކުރިން އަހާފައެއް ވެސް ނެތް،" ކަމަށެވެ.
މީގެ އިތުރުން އަސޭލާ ނަމަކަށް ކިޔާ ސްރީލަންކާގެ "ސިހުރުވެރިޔާ" އަށް ލަންކާ ގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވަޒީފާ ދީފައިވަނީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި ރައީސް މައުމޫނު ވިދާޅުވީ ، އޭނާއަށް ވަޒީފާ ދީފައި ވަނީ ދިވެހި ރައްޔިތެއްގެ ގޮތުގައި ނޫން ކަމަށެވެ.
"އަޅުގަނޑުވެސް އަޑު އަހަން އޭނާ ވަޒީފާގައި ހުރި ވާހަކަ. އެކަމަކު ސްރީލަންކާ ރައްޔިތެއްގެ ހައިސިއްޔަތުން. އެއީ އެމްބަސީތަކުގައި ތިބޭނެ ދިވެހި ނޫން މުވައްޒަފުން. ސްރީލަންކާގައި ވެސް އިންޑިއާގައި ވެސް. ސިންގަޕޫރު، ހުރިހާ ތަނެއްގައި ވެސް،" ރައީސް މައުމޫނު ވިދާޅުވިއެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ