ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ދޫކޮށްފައިވާ ފަަޅުތަކުގެ އެގްރީމެންޓް ބާޠިލުކޮށް، އެތަންތަން ދައުލަތަށް އަނބުރާ ނެގުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ފެބްރުއަރީ 11 ވަނަ ދުވަހު ނެރުނު ވަގުތީ އަމުރު، ހައި ކޯޓުން ބާތިލުކޮށްފިއެވެ.
ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިވާ 3 ރަށާއި 3 ފަޅު ގާސިމް އަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލް ކޮށް އެތަންތަން ސަރުކާރަށް ނަގައިފިކަން ޓުއަރިޒަމް މިނިސްޓްރީއިން އިޢުލާން ކޮށްފައި ވަނީ 2015 ފެބްރުއަރީ ފަސްވަނަ ދުވަހުއެވެ.
މި މައްސަލައި ނިންމާ ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ ނިންމުމަކީ ޤާނޫނާ ޚިލާފު ބާތިލް ނިންމުމެއް ކަމަށެވެ.
"ވަގުތީ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނެރުއްވާފައިވާ އަމުރެއްނޫންކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެ އަމުރު ބާޠިލްކޮށްފީމެވެ", ހުކުމްގައި ވެއެވެ.
އެގޮތުން ހައި ކޯޓުން އިއްވި ހުކުމްގައި ފާހަގަ ކުރި ކަން ކަމުގެ ތެރޭގައި، ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރެން ޖެހުނު ސަބަބަކީ ދައުވާ ކުރާ ފަރާތުގެ މައުޟޫއީ ހައްގެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމުންނާއި ދައުވާ ކުރާ ފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެނުދެއްވައިފި ނަމަ ދައުވާ ލިބޭ ފަރާތަށް ގެއްލުންތަކެއްވެ އަދި އެ ގެއްލުންތައް އިއާދަ ނުކުރެވޭނެ ކަމަށް ވެދާނެ ކަމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތުމުންކަން ސިވިލް ކޯޓުގެ އަމުރަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.
އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ވަގުތީ އަމުރު ނެރެދެއްވައިފި ނަމަ އެފަރާތަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ގެއްލުންތަކަކީ މާލީ ގެއްލުންތަކަކަށްވާ އިރު އެފަދަ ގެއްލުމަކީ އަނބުރާ އިއާދަ ކުރެވިދާނެ ގެއްލުންތަކެއް ކަމަށް ބަޔާންކޮށް ފާހަގަކޮށްފައިވާ ނުކުތާއަށް ސިވިލް ކޯޓުން ނެރުނު އަމުރުގައި ރިއާޔަތްކުރައްވާފައި ނުވާކަންވެސް ހައި ކޯޓުގެ ހުކުމްގައި ވަނީ ފާހަގަ ކޮށްފައެވެ.
ސިވިލް ކޯޓުން 11 ފެބްރުއަރީ ވަނަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ، ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ދައުވާކުރާ ފަރާތަށް ލިބިގެން ނުވާ ކަމަށް ދައުލަތުން ބުނެފައިވާ ނަމަވެސް، ކޯޓުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވިލާ ކުންފުނީގެ ހައްޤެއްް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތް ކަމަށެވެ.
ނަމަވެސް ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ، ސިވިލް ކޯޓުގެ އަމުރުގައި ރިއާޔަތްކޮށްފައިވާ "ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް" ވިލާ އަށް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
ވިލާ ގްރޫޕުގެ ސަބްސިޑަރީ ކުންފުނި ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސްއިން ވަނީ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެގްރީމެންޓްތައް ބާޠިލު ނުކުރުމުގެ އަމުރަކަށް އެދި، ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެގޮތަށް އަމުރު ނެރެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ދައުލަތުން މި އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ސަރުކާރަށް ނަގަން ނިންމާފައި ވަނީ، ވިލާއަށް ދީފައިވާ ތިން ފަޅުރަށް ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާއާއި، ތިން ފަޅު ކަމުގައިވާ ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަޅާއި ކ. ވާވެއްދިއްފަޅެވެ.
ޤާސިމްގެ ފަޅުތައް އަނބުރާ ނެގުން މަޑުޖެއްސުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައި ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ