ސުޕްރީމް ކޯޓަށް ހިނގާތާ 10 ދުވަސް، އަދި ޖަވާބެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑިއާމެދު ދެބަސްވުން އުފެދިފައިވާތީ އެކަމުގައި ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓުގެ ވަކިވަކި ފަނޑިޔާރުންނާ ބައްދަލުކުރެއްވުމަށް އެދުމަށްފަހު އެކަމުގެ ޖަވާބެއް ލިބެންދެން އެ ކޯޓަށް ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރުން ހިންގަވާތާ މިއަދަށް 10 ދުވަސްވީ އެވެ. ނަމަވެސް މިހާތަނަށް އެ ބޭފުޅުން ބޭނުންވާ ޖަވާބެއް އެ ކޯޓުން ލިބޭ ގޮތް ނުވެފައިވާ ކަމަށް މިވަނީ ވިދާޅުވެފަ އެވެ.
އާދައިގެ މަތިން ވެސް އިދިކޮޅުގެ ގިނަ މެންބަރުންތަކެއް ސުޕްރީމް ކޯޓަށް ވަޑައިގަތެވެ. މިއަދު އިސްކޮށް ހުންނެވި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ކޯޓުން ގުޅާފައި ޖަވާބެއް ދެއްވާނެ ކަމަށް ކޮންމެ ދުވަހަކު ވެސް ބުނަމުންދާ ކަމަށާއި ނަމަވެސް އަދިއަދަށް ވެސް ކޯޓުން ނުގުޅާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، އަދިވެސް ޖަވާބު ހޯދުމަށް ކޯޓަށް ވަޑައިގަންނަވާނެ ކަމަށާއި އެކަމުގައި ސާބިތުވެ ތިއްބަވާނެ ކަމަށެވެ. މަސައްކަތް ހުއްޓާނުލައި އިލެކްޝަން ކޮމިޝަނަށް ވެސް ވަޑައިގެން އެ ކޮމިޝަނުގެ މެންބަރުންނާ ވެސް ބައްދަލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ. އެ މެންބަރުން ވަނީ އިލެކްޝަން ކޮމިޝަނުންގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެކަމަށް ވެސް އަދި ޖަވާބެއް ނުލިބެ އެވެ.
މީގެކުރީ ދުވަހެއްގައި ވިލިނގިލީ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ސައުދު ހުސެއިން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރުމަށް ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ގާނޫނީ ހައްލެއް ހޯދުމަށް ކަމަށެވެ. އުއްމީދުކުރަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުވެ، އަލިމަގެއް ފެންނާނެ ގޮތެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަށް ހައްލެއް ނުލިބިދާ ކޮންމެ ދުވަހަކީ ގާތްގަނޑަކަށް 60،000 ރައްޔިތުންގެ ހައްގު ގެއްލިގެންދާ ދުވަހެއް ކަމަށް އެ މެންބަރުން ދެކެ އެވެ.
މަޖިލީހުގެ 12 މެންބަރުންގެ ގޮނޑިއާމެދު އުފެދިފައިވާ ދެބަސްވުމަށް ސުޕްރީމް ކޯޓުން ހައްލެއް ހޯދައިނުދީފިނަމަ ސީދާ ހަރަކާތަށް ނުކުތުމަށް ވެސް އެ މެންބަރުން ވަނީ ނިންމަވާފަ އެވެ.
"އަޅުގަނޑު ހަރަކާތަށް ނުކުންނަން ގަސްދުކުރަން، އަޅުގަނޑުމެން ހަރަކާތަށް ނުކުންނާނަން، އަޅުގަނޑުމެން ހަރަކާތަށް ނުކުތީމަ ނުހުއްޓުވޭނެ ސަރުކާރަކަށް، އަޅުގަނޑުމެން މިކަން ކާމިޔާބު ކޮށްފަ ނިންމާލާނަން،" ދިއްދޫ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ އަބްދުއްލަތީފް މުހައްމަދު ވިދާޅުވެފައިވެ އެވެ.
މިހާތަނަށް އެގޮތަށް 12 މެންބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ. މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތް ކޮށެވެ. އެއީ އެ ހުކުމަށްފަހު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ހުކުމެވެ. ނަމަވެސް 12 މެންބަރުން ވެސް ވިދާޅުވަމުން ދަނީ އެ މެންބަރުން އެ ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.
އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
އިލެކްޝަން ކޮމިޝަނުން އަމީތާއި ވަހީދާއި ސައުދު އަދި ލަތީފްގެ ގޮނޑި ގެއްލުވާލި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ މައްސަލާގައި ދިގު އަޑުއެހުންތަކަކަށްފަހު، ސުޕްރީމް ކޯޓުން ވަނީ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭނެ އިތުރު ކަމެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފަ އެވެ. މައްސަލަ ބޭރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު އިދިކޮޅު ފަރާތްތަކާއި ސަރުކާރުން މާނަ ކުރަނީ ތަފާތު ކޮށެވެ. އެ އަމުރުން ސީދާ މެންބަރުންގެ ގޮނޑި ގެއްލޭކަން ނޭނގޭ ކަމަށް އިދިކޮޅުން ބުނާއިރު ސަރުކާރުން ބުނަނީ ގޮނޑި ގެއްލިއްޖެ ކަމަށެވެ. އެހެން މެންބަރުން ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން މިހާ ތަނަށް ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް، މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ކޮމިޝަނަށް އިލެކްޝަން ބޭއްވިފައެއް ނުވެ އެވެ. ޕީޕީއެމްއިން ދަނީ ދާއިރާތަކުގައި ވަރުގަދަ ކެމްޕެއިންތައް ކުރަމުންނެވެ. އެހެނަސް ކެނޑިޑޭޓެއް އަދި ނުނެރެ އެވެ. އަދި އިލެކްޝަން ބާއްވާނެ ދުވަހަކާ މެދު ކޮމިޝަނުން ވެސް އެއްވެސް އެއްޗެއް ނުބުނެ އޮތީ ހިމޭނުން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ