ޝުޖާ އާއި ވައްޑެ ޕީޕީއެމް ކައުންސިލް މެމްބަރު ކަމުން ވަކިކޮށްފި

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ވިޕްލައިނާއި ހިލާފަށް މަޖިލީހުގައި ވޯޓް ދެއްވާފައިވާ ކަމަށް ބުނެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު ވަހީދުގެ އިބްރާހިމް (ލޯޔަރު ވައްޑެ) އާއި އިބްރާހިމް ޝުޖާއު އެ ޕާޓީގެ ކައުންސިލް މެމްބަރުކަމުން ވަކިކުރަން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ ބައިބައި ވެފައިވާ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނަށް ނިސްބަތްވާ ސުލޫކީ ކޮމިޓީންނެވެ. ސުލޫކީ ކޮމިޓީން މިގޮތަށް ނިންމެވީ އެ ދެބޭފުޅުންނާއި ގުޅޭގޮތުން އެ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.
ޕީޕީއެމްގެ ސުލޫކް ކޮމިޓީން ޝުޖާއު އާއި ވަހީދަށް ފިޔަވަޅު އަޅާފައިވަނީ މިވަނީ މައުމޫން ފެކްޝަނަށް ތާއީދުކުރާ ކައުންސިލް މެންބަރުންގެ ބައްދަލުވުމެއްގައި ސުލޫކީ ކޮމިޓީ ސަސްޕެންޑްކޮށް، ސުލޫކީ މައްސަލަ ބަލަން ވަގުތީ ކޮމެޓީއެއް ނަގާފައި ވަނިކޮށެވެ.
މި ދެ މެންބަރުންނާއި މެދު ފިޔަވަޅު އަޅާފައި މިވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނިންމުންތަކާއި ދެކޮޅަށް އަމަލުކުރާތީއާއި ސަރުކާރު ބަނދުނާމުވާ ގޮތަށް ވާހަކަދައްކާތީއާއި ގަވައިދާ ހިލާފަށް އެކުލަވާލާފައިވާ މަގާމުތަކަކާއި ހަވާލުވި ކަމަށް ބުނެ އެވެެ.
މި ދެބޭފުޅުން ޕީޕީއެމްގެ ކައުންސިލް މެންބަރު ކަމުން ވަކިކޮށްފައިވާ ކަން އަންގާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޕާޓީއާ ގުޅޭގޮތުން ކޯޓުން ކޮށްފައިވާ ހުކުމަކަށް ތަބާނުވެ އެހުކުމާ ދެކޮޅަށް މަސައްކަތް ކުރަމުން ގަވާއިދާ ހިލާފަށް ޕާޓީގެ މަގާމުތަކާއި ހަވާލުވެވަޑައިގެން ޕާޓީގެ ނަމުގައި އެކި ކަންކަން ކުރައްވަމުން ގެންދަވާތީ ފިޔަަވަޅު ޕާޓީގެ އާންމު ގަވައިދުގެ ދަށުން ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
ޕީޕީއެމް ދެބައިވެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނާ އެކު ދެ ކައުންސިލެއް ވެސް އުފެދިފައިވާއިރު އެއް ކައުންސިލަކުން ނިންމާ ނިންމުންތަކާއި ހިލާފަށް އަނެއް ކައުންސިލުން ދަނީ ނިިންމުންތައް ނިންމަމުންނެވެ. ޝުޖާއު އަކީ ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވާ ބޭފުޅާ އެވެ. އަދި ލޯޔަރު ވަހީދަކީ ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ނައިބް ލީޑަރު ކަމަށް އައްޔަންކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ