މަޖިލީހަށް ވަން މައްސަލައިގައި މެމްބަރު ފަލާހުގެ ބަޔާނެއް ނަގައިފި

މި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލައިގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ބަޔާނެއް ފުލުހުން މިއަދު ނަގައިފިއެވެ. ފަލާހުގެ ބަޔާނެއް ނަގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށްފަހުއެވެ. ރޭ ވެސް އެ މައްސަލައިގައި ފަލާހު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުތައް ކުރަނީ ގާނޫނުލް އުގޫބާތުގެ 230 ވަނަ މާއްދާ އާއި 532 ވަނަ މާއްދާ އާއި 533 ވަނަ މާއްދާ އާއި 615 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އޭނާގެ މައްޗަށް ކުރި ތުހުމަތުތަކުގެ ތެރޭގައި ފުލުހުންގެ ސަފުތައް ފަޅާލުމުގެ ތުހުމަތާއި ދައުލަތުގެ މަގާމެއްގެ ވާޖިބު އަދާކުރަން ހުރި މީހަކަށް ހުރަސް އެޅި ކަމުގެ ތުހުމަތު ހިމެނޭ ކަމަށް ފަލާހު ވިދާޅުވިއެވެ. ފުލުސް އޮފީހުން ނުކުމެވަޑައިގެން ފަލާހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ ފަލާހު ވިދާޅުވީ އޭނާގެ މައްޗަށް ތަހުގީގު ހުންގާއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އެއްވެސް ވަރަކަށް ފުލުހުން ރިއާޔަތް ނުކުރާ ކަމަށެވެ. އޭނާގެ ގާނޫނީ ވަކީލު ސަފާ ޝަރީފް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށާއި ފުލުހުން ތަހުގީގު ކުރާ މައްސަލާގައި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއެޅުމަކީ ފުލުހުން ހިންގި ޣައިރު ގާނޫނީ އަމަލަކަށްވާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވެސް ސަފާ ވިދާޅުވިއެވެ. މަޖިލީހަށް ވަން މައްސަލައާ ގުޅިގެން މީގެކުރިން ވަނީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައެވެ. އަދި ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ