ބޮޑީގާޑުންގެ އަތުގައި ހިތްޕަވައިގެން ގާސިމް ކޯޓަށް ވަޑައިގެންފި

ހަފްތާއެއްހައި ދުވަހު އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ހޯއްދެވުމަށް ފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތައް ބޮޑީގާޑުންގެ އަތުގައި ހިތްޕަވައިގެން ގާސިމް މިއަދު ކޯޓަށް ވަޑައިގެންފިއެވެ.
ގާސިމް މިއަދު ކޯޓަށް ވަޑައިގެންނެވިއިރު އޭނާގެ ވަކީލުން ކޯޓަށް ވަޑައެއް ނުގަންނަވައެވެ. އެހެންކަމުން މިރޭ ވަކީލުން ހަމަޖައްސަވައިގެން ޝަރީޢަތައް ވަޑައިގަންނަވަން ކޯޓުން ވަނީ އަންގަވާފައެވެ.
ގާސިމް މިއަދުގެ އަޑުއެހުމުގައި އެދުނީ ވަކީލުން ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ ފާއިތުވި ހަފްތާގައި ވެސް ގާސިމްގެ ބަލިހާލަތާ ގުޅޭ ގޮތުން އޭނާގެ ވަކީލުން މީޑިއާގައި ވާހަކަދައްކަވާފައި ވާތީ 10 ދުވަހުގެ މުއްދަތެއް ނުދިން ނަމަވެސް ގާސިމް އަށް ވަކީލުން ހަމަޖެއްސޭނެ ކަމަށެވެ. އެހެންކަމުން މިރޭ 20:30 ގައި ވަކީލުން ހަމަޖައްސައި އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ