ބޭސްފަރުވާ ފުރިހަމަ ނުކުރެއްވުނަސް، ސަރުކާރުން އެންގި ގޮތަށް މާލެ ވަޑައިގަތުމަށް ގާސިމް އިބްރާހީމް ހުންނެވީ ތައްޔާރަށްކަމަށް އޭނާގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ރިޝްވަތުގެ މައްސަލައެއްގައި 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް ބޭރުން ފަރުވާ ހޯދަން ކަރެކްޝަނަލް ސާވިސް އިން ފުރަތަމަ ދިނީ 10 ދުވަހެވެ.
ގާސިމް ކުރަން ޖެހޭ ހިތުގެ އޮޕަރޭޝަން އެ މުއްދަތަށް ނުނިމިގެން ކަރެކްޝަނުން އިތުރުކޮށްދިން 10 ދުވަސް މާދަމާ އަށް ހަމަވާއިރު ގާސިމް އެނބުރި މާލެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ އަންގާފައެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ސީރިއަސް އޮޕަރޭޝަނަކަށް ފަހު ގާސިމް ހުންނެވީ ދަތުރު ކުރެއްވޭ ފަދަ ހާލަތެއްގައި ނޫން ކަމަށާއި ގާސިމް ދަތުރުކުރުން އަދި ރައްކާތެރި ނޫން ކަމަށް ޑޮކްޓަރު ލިއުން ވެސް ދެއްވާފައިވާ ކަމަށެވެ.
މި ހާލަތުގައި، ގާސިމް މާލެ ވަޑައިގަތުމަށް އެންގުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ދަތުރު ނުކުރެއްވޭ ފަދަ ހާލަތެއްގައި ގާސިމް ހުންނެވި ނަމަވެސް ސަރުކާރުގެ އެންގުމާ އެއްގޮތަށް މާލެ ވަޑައިގަތުމަށް މިހާރު ޓިކެޓް ވެސް ނަންގަވާފައިވާ ކަމަށެވެ.
ފަރުވާ ފުރިހަމަ ކުރައްވަން ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރައްވަން ޑޮކްޓަރުން ވަނީ ގާސިމަށް ލަފާދީފަ އެވެ. އެހެންވެ ފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދޭން އާއިލާއިން ވަނީ އެދިފަ އެވެ.
ފަރުވާ ފުރިހަމަ ނުކުރެއްވުނަސް ގާސިމް ހުންނެވީ މާލެ ވަޑައިގަންނަވަން ތައްޔާރަށް - ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ