އިއްޔެ ކަރަންޓް ކެނޑުނު މައްސަލަ ބަލަނީ

އިއްޔެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނު މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ބަލއި ދިނުމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އަށް އަންގާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ނުއުމާން އަލީ މިއަދު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިއްޔެ ކުއްލި ގޮތަކަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސްކޮށް ބަލައި ދިނުމަށް މިހާރު އެސްޔޫއެލް އަށް އަންގާފައިވާ ކަމަށެވެ.
"އިއްޔެ ކަރަންޓް ދިއުމުގެ މައްސަލައަކީ ސީރިއަސް މައްސަލައެއް. އެކަން ދިމާވި ގޮތް ބަލައި އަންގައި ދިނުމަށް މިހާރު ވަނީ އެސްޔޫއެލް އިން އެދިފައި." ނުއުމާން ވިދާޅުވި އެވެ.
އެސްޔޫއެލް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހެއިރު (އަބްހަރީ ޒުހައިރު) ވިދާޅުވީ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ލޯޑު މަތިވެ، ޓެމްޕްރޭޗަ މައްޗަށް ގޮސް އިންޖީނު ހުއްޓުނީ ކަމަށެވެ.
"އަޅުގަނޑު މެން މިއަންނަނީ މިހާރު ޖަނަރޭޓަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން. 650 ހޯސްޕަވަރ ގެ ޔަންމާ ދެ ޖަނަރޭޓަރުގެ މަރާމާތު ނިމިއްޖެ. މިހާރު މިދަނީ ތިން ވަނަ ޖަނަރޭޓަރުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް ޓެމްޕްރޭޗަ މައްޗަށް ގޮސްގެން އިންޖީނު ހުއްޓުނީ." ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ އިންޖީނުގޭގެ ބެކަޕް ސިސްޓަމެއް ނެތުމުން އިންޖީނު މަރާމާތު ކުރަމުންދާ އިރު ދޭތެރެ ދޭތެރެއިން ކަރަންޓްގެ ހިދްމަތް ބައެއް ސަރަހައްދުތަކުން ކަޑަން ޖެހޭ ކަމަށެވެ.
"ކަރަންޓް ކަޑަން މި ޖެހެނީ ބެކަޕް ސިސްޓަމް ނެތީމަ. އެހެން ނޫން ނަމަ އެއްވެސް މައްސަލައެއް ދިމާ ނުވެ އަޅުގަނޑުމެންނަށް މަރާމާތުތައް ކުރިއަށް ގެންދެވޭނެ." ޒުހައިރު ވިދާޅުވި އެވެ.
ފެނަކަ އިން ބުނީ މަރުކަޒީ އިންޖީނުގޭގެ ބެކަޕް ޖަނަރޭޓަރަކަށް ބޭނުން ކުރަމުން އަންނަ 1.6 މެގަ ވޮޓުގެ ޖަނަރޭޓަރު މަރާމާތު ކުރެވުމުން އެ މައްސަލަ ހައްލު ކުރެވުނީ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ 1.6 މެގަވޯޓު އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ،އެކަމަށް ބޭނުންވާ މީހުން މިގެންނަނީ އިންޑިއާއިން، އެމީހުންނަށް މިހާރު ފައިސާ ވެސް ދައްކައިފިން" ނުއުމާން ވިދާޅުވިއެވެ.
ނުއުމާން ވިދާޅުވީ 1.6 މެގަ ވޯޓު އިންޖީނާއި އަލަށް ގަންނަ ދެ މެގަވޯޓް އިންޖީނު ލިބުމުން އައްޑޫން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.
އައްޑޫން ކަރަންޓް ދޭތެރެ ދޭތެރެއިން ކެނޑުމުގެ ސަބަބުން އާއްމުން ބޭނުން ކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް ސާމާން ހަލާކުވުމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.
ނަމަވެސް މިކަމުގައި އެއްވެސް ފަރާޔަކުން ޒިއްމާ ނަގާފައި ނުވެއެވެ. ފެނަކަ އިން ބުނީ އެފަދަ ގެއްލުން ލިބެމުންދާތީ އެ ކުންފުނިން ހިތާމަ ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ