ރައީސުލްޖުމުހޫރިއްޔާގެ ނައިބް އަހްމަދު އަދީބުގެ އިތުބާރުނެތް ކަމުގެ ވޯޓުނަގައި މަގާމުން އަޒުލްކުރީ ގާނޫނު އަސާސީ އާއި އެއްގޮތަށް ކަމުގައި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަހްމަދު އަދީބު މަގާމުން ވަކިކުރުމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު، މަޖިލިސްކުރާ ގޭގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިގެން ދިޔައީ ގާނޫނު އަސާސީގެ އިންތަކާއި މިންތަކުގެ ތެރެއިން ކަމަށެވެ.
ގާސިމް އިބުރާހިމް ވިދާޅުވީ ނައިބް ރައީސަށް ޖަވާބުދާރީ ވުމަށް ލިބިދޭ 14 ދުވަހުގެ މުއްދަތު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި 7 ދުވަހަށް ކުރު ކުރައްވާފައިވާއިރު ކުއްލި ނުރައްކަލުގެ ގަރާރު ރައްޔިތުންގެ މަޖިލީހުންވެސް ފާސްކޮށްފައިވާ ކަމަށެވެ.
ޤާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި މުއައްސަސާތަކުގައި ތިއްބެވި ވެރިންވެސް އެތަންތަން ހަރުދަނާ ކުރެއްވުމަށް ހާއްސަ މަސައްކަތްޕުޅުތަކެއް ކުރައްވަންޖެހިވަޑައިގެންފައިވާ ކަމަށެވެ. އެމްއެންޑީއެފުގެ ބަޑިގުދަނުން ހަތިޔާރު ގެއްލިފައިވާ މައްސަލައަށް އިޝާރަތްތަކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ އެފަދަ ކަމެއް ދެން ނުހިނގާނެ ކަމުގެ ޔަގީންކަން މުއައްސަސާތަކުގައި ތިއްބެވި ވެރިން ދެއްވަންޖެހޭ ކަމަށެވެ.
އަދީބުގެ އިތުބާރުނެތްކަމުގެ ވޯޓު ފާސްކޮށް މަގާމުން ވަކިކުރި ޖަލްސާއަށް ފަހު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އަދީބު މަގާމުން ވަކިކުރެވުމަކީ ލިބުނު ނަސްރެއް ކަމަށެވެ. އަދި މި ގައުމަށް ގައްދާރުވާ މީހުންނާއި ދެކޮޅަށް އަބަދުވެސް މި ގައުމުގެ ދަރީން ތެދުވާނެ ކަމުގައި އަދީބު ނައިބު ރައީސް ކަމުގެ މަގާމަށް ގެނައުމުގައި އެންމެބޮޑަށް މަސައްކަތްޕުޅު ކުރެއްވި ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވީ އަދީބު މަގާމުން ވަކިކުރެވުމަކީ ދިވެހި ގައުމާއި ދީނަށް ލިބުނު ނަސްރެއް ކަމަށެވެ. އަދި ވިދާޅުވީ އަދީބު ވަކިކުރެވިގެންދިޔައީ ޤައުމާއި ދީނަށްޓަކައި އަދި ރައީސުލްޖުމުހޫރިއްޔާ އާއި ރައްޔިތުންނަށްޓަކައި ކަމަށެވެ.
އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ ދިވެހި ގައުމަށް ގައްދާރުވުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން އެއްވެސް މީހަކަށް ނުދޭނެ ކަމަށެވެ. އަދި އަދީބު މަގާމުން ވަކިކުރެވިގެން މިދިޔައީ އަދީބާއި މެދު ރައީސް ޔާމީނަށް އިތުބާރު ނެތުމުން ކަމަށާއި ރާއްޖޭގައި މިހާރު އިއުލާން ކުރެވިފައިވާ 30 ދުވަހުގެ ކުއްލި ހާލަތުވެސް ވަރަށް އަވަހަށް އުވާލައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޝިޔާމް ވިދާޅުވި އެވެ.
ޕީޕީއެމް، އެމްޑީއޭ، ޖޭޕީގެ މެމްބަރުންގެ އިތުރުން އަދީބު ވަކިކުރުމަށް ވޯޓުދެއްވި މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ އަދީބު އެ މަގާމަށް އައްޔަން ކުރެވުނީވެސް އޭނާ އެކަމަށް ދެކޮޅު ހަދަމުން ގެންދަނިކޮށް ކަމަށެވެ. މިއަދު އަދީބު ވަކިކުރުމަށްވެސް ވޯޓުދެއްވީ އެެހެންވެ ކަމުގައި މަހްލޫފު ވިދާޅުވި އެވެ.
ރައީސުލްޖުމުހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށް 22 ޖުލައި 2015ގައި އަހްމަދު އަދީބު ގެނައީ ގާނޫނު އަސާސީ ވެސް އިސްލާހު ކުރުމަށްފަހު އެވެ.
ނައިބް ރައީސް ކަމުން އަދީބް ވަކިކުރީ ގާނޫނު އަސާސީއާ އެއްގޮތަށް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ