ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބާއްވަން އުޅޭކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ނާޒިމް ނިސްބަތްވެވަޑައިގަންނަވާ، ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މި މަހު 13ގައި ބޭއްވި ބައްދަލުވުމުގައި ނާޒިމަށް އިތުބާރު ނެތް ކަމަށް ނިންމައި އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން:
މި މަހު 14ގައި ހުށަހެޅި އެ މައްސަލައިގައި ޕީއެންސީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވާފައި
އެއާ އެކު އެ ދުވަހުގެ ޖަލްސާގައި، މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް 14 ދުވަހުގެ ނޯޓިސްއެއް ނާޒިމްއަށް ދީފައިވޭ
މިދިޔަ ހަފްތާގައި ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައިގައި ބަހުސް ކުރުމަށް 1 ގަޑިއިރުގެ ވަގުތެއް ވަނީ ކަނޑައަޅާފައި؛ އެއީ ނާޒިމަށް ޖަވާބުދާރީވެވަޑައިގަތުމަށް 10 މިނެޓު އަދި މެންބަރުން ވާހަކަ ދެއްކެވުމަށް 50 މިނެޓު
ތަފްސީލު - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، 14 ދުވަހުގެ ނޯޓިސް ހަމަވުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި މި ފަދަ ގަރާރަކާ މެދު ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވަން ޖެހެ އެވެ. އެގޮތުން:
ނާޒިމަށް ދިން 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވާނީ މާދަމާއަށް
އެންމެ އަވަހަށް ދެން އަންނަ ރަސްމީ ދުވަހަކީ އަންނަ އާދިއްތަ
މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، މި މަހު 14ގައި ޗުއްޓީއަށް ދާން އޮތް މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ވަނީ ދިގު ދަންމާލައިފައި
މަޖިލީހުގެ އިދާރާއިން މިދިޔަ ހަފްތާ ނިމުމުގެ ކުރިން މެންބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ތާވަލު ކުރާނެ އެވެ. އަދި އެ ޖަލްސާގެ އެޖެންޑާގައި އޮންނަނީ ގަވައިދުގައިވާ ގޮތުގެ މަތިން ނާޒިމް ވަކިކުރުމުގެ މައްސަލަ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އަދި އާންމު ކޮމިޓީން ބަހުސަށް ކަނޑައެޅި ވަގުތުތައް ވެސް އެ ސިޓީގައި ހިމަނާފައިވެ އެވެ.
މަޖިލިސް ގަވައިދުގައިވާ ގޮތުން، ނާޒިމް ވަކިވާނީ، މި ގަރާރުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތު ވޯޓުން އެ ގަރާރު ފާސް ކުރުމަށް ލިބިގެންނެވެ. އަދި މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ރައީސް އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނާޒިމް ނުހިމެނޭ ގޮތަށް ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގައި މިވަގުތު 72 މެންބަރުން އެބަތިއްބެވި އެވެ. އާދިއްތަ ދުވަހު ޖަލްސާ އޮންނާނެތީވެ، އެ ދުވަހު މާލޭގައި ތިބުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މިހާރު ވަނީ އަންގާފަ އެވެ.
ފާހަގަކޮށްލެވޭ - ނާޒިމަށް ޖަވާބުދާރީވުމަށް 10 މިނެޓުގެ ފުރުސަތެއް ދޭން ނިންމާފައިވާއިރު، މި ގަރާރު ހުށަހެޅުއްވި ދުވަހު އޭނާ ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފަ އެވެ. އޭނާ ޖަވާބުދާރީވެވަޑައިގަތުމަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމެއް އަދި ނޭނގެ އެވެ. ރައީސް މުހައްމަދު މުއިއްޒު މިވަގުތު ނުރަސްމީ ދަތުރުފުޅެއްގައި ހުންނެވީ ސިންގަޕޫރުގަ އެވެ.
ނާޒިމް ވަކިކުރުމަށް ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ.
ގަރާރުގައި ބުނީ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ:
އެ މަނިކުފާނުގެ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރަތާކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާތީ
މަޖިލީހުގެ އެންެމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާން އެނގެން އޮތުމުން
އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވާކަން ސާފުވާތީ
ގާނޫނުއަސާސީން މެމްބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނައިބު ރައީސް ހުރަހަކަށް ވެފައިވާތީ
ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީގެ ޕީޖީން ނިންމުމުގެ ކުރިން، ހަމަ އެ ދުވަހު ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު މެންބަރުންނާ ވާހަކަފުޅު ދެއްކެވުމަށް ހަދާފައި އޮންނަ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައްވައިފަ އެވެ. އެ ގްރޫޕުގެ ހަމައެކަނި އެޑްމިންއަކީ ރައީސް އެވެ.
ނާޒިމްއަކީ ރައީސް މުއިއްޒުގެ މަންމާފުޅުގެ ފަރާތުން އެ މަނިކުފާނާ ދެބެންގެ ދެދަރި ބޭފުޅެކެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތައިގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ