މޫސުން ގޯސްވެ ފްލައިޓުތައް ޑިލޭވަނީ، ފުރަން ދާ މީހުން ސަމާލުވާން އެދިއްޖެ

ރާއްޖޭއަށް މިހާރު ކުރަމުންދާ "ބޮޑު ވިއްސާރައިގައި"، ގައުމީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށްވެސް ބުރޫއަރައިފިއެވެ.
ރާއްޖޭގެ މައި ވައިގެ ބަނދަރު - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް)ގެ މީޑިއާ އޮފިޝަލް "ވީނިއުސް" އަށް ވިދާޅުވީ، މޫސުން ތަންނުދިނުމުގެ ސަބަބުން ގިނަ ފްލައިޓްތަކެއް ކެންސަލްވެފައިވާ ކަމަށާއި އަދި މޫސުމީ ސަމާލުތަކަށް ބަލައި ކުރިއަށް އޮތްތަނުގައިވެސް ފްލައިޓުތައް ކެންސަލްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކެންސަލްވި ފްލައިޓްތަކުގެ ސީދާ އަދަދު ދަންނަވަން ދަތި ކަމަށާއި ގިނައީ އިންޓަނޭޝަނަލްް ފްލައިޓްތައް ކަމަށް އެމް.އޭ.ސީ.އެލްގެ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މޫސުން ގޯސްވެ، އެތެރޭގެ އުދުހުންތަކަށްވެސް އަންނަނީ ބުރޫއަރަމުންނެވެ.
މީގެ އިތުރުން، އެއާޕޯޓްގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށާއި އެއާޕޯޓުގައި ތާށިވެފައި ތިބި ފަސިންޖަރުންނަށް ބޭނުންވާ އިންތިޒާމުތައް އެމް.އޭސީ.އެލުން ހަމަޖައްސަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވަނީ, ފުރަންދާ މީހުން ދުރާލާ އޮންލައިންކޮށް ފްލައިޓް ޝެޑިއުލް އާއި އެކުންފުނިން ދޭ ލަފާތައް ބަލައި, އެކަމަށް ތައްޔާރުވެގެން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ މިވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެ އަތޮޅު ގުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެއެވެ.
އެންޑީއެމްއޭއިން ކުރި ޕޯސްޓެއްގައި ބުނީ މިހާތަނަށް ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި އެ އަތޮޅު ފޮނަދޫ އާއި ސ.މަރަދޫގެ އިތުރުން ކ. ގުރައިދޫގައި ފެންބޮޑުވެ ގެއްލުންތައް ލިބެމުންދާކަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ