ރިޓަޔަރކޮށްފައިވާ ސިއްހީ ދާއިރާގެ ޚިދުމަތްތެރިންނަށް އަލުން ވަޒީފާއަށް ނުކުމެވޭގޮތް ހަދަނީ

އެކިއެކި ސަބަބުތަކާ ހުރެ ސިއްހީ ދާއިރާއަށް ޚިދުމަތްކުރުމާ ދުރަށް ޖެހިފައިވާ ފަރާތްތަކަށް، އަލުން ދާއިރާއަށް ނުކުތުމުގެ ފުރުސަތު ފަހިކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
ނާޒިމް ވިދާޅުވީ، އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި ސިއްހީ ދާއިރާގެ އެހެނިހެން ހާއްސަ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ހެލްތު މިނިސްޓްރީން އެކުލަވާލި ކަރުދާހަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން މިކަމާ ގުޅިގެން ކުރަން ނިންމާފައިވާ ބައެއް ކަންކަން ނާޒިމް ހާމަކުރެއްވިއެވެ.
އެގޮތުން މިހާރުން މިހާރަށް ވަޒީފާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ދިނުމުގެ ގޮތުން ހާއްސަ ސްކީމެއްގެ ދަށުން، ސިއްހީ ދާއިރާއަށް ހާއްސަ ރެކްރޫމަންޓް ޕްރޮސެސްއެއްގެ ތެރެއިން މިފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި ކޮންޓްރެކްޓް އުސޫލުން ވަޒީފާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖެހިފައިވާކަން ނާޒިމް ހާމަކުރެއްވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ، 55 އަހަރު ވެފައިވާ ނުވަތަ ރިޓަޔަރ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރާ ނުކުންނަން ބޭނުންވާ ފަރާތްތަކަކީ، ސިއްހީ ގޮތުންނާއި، ތައުލީމާއި ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލް ފަރާތެއްކަމަށް ވާނަމަ ކޮންޓްރެކްޓު އުސޫލުން ވަޒީފާއަށް ނުކުތުމުގެ ފުރުސަތު އެބޭފުޅުންނަށް ދެވޭނެގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާކަމެވެ.
މީގެއިތުރުން، ސަރުކާރުގެ މި މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި، ސިއްހީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގައި ޚިދުމަތްކޮށް، މިހާރު ޚިދުމަތުން ދުރަށް ގޮސްފައިވާ ފަރާތްތަކަށް ވެސް މިފަދަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، ހަފްތާ 14 ގެ ތެރޭގައި މިކަމުގެ ކަރުދާސް ކެބިނެޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން ނާޒިމް ހާމަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ