އާ ޓާމިނަލް އާއި ދިވެހި ރުއް: ބަހުސްތަކުން ފުރިއްޖެ

ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ދެން އޮތީ ދެ ހަފުތާއެއްހާ ދުވަހެވެ. އެމްއޭސީލްއިން އެ އަންނަނީ 24 ގަޑިއިރު މަސައްކަތްކުރަމުންނެވެ. ހިތްގައިމު ތަނަކަށް ވާނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.
މިކަހަލަ ބޮޑު ކޮންމެ ކަމެއް ނިމިގެން އަންނަ އިރު ބައެއް ކަހަލަ ބަހުސްތައް އުތުރިއަރަ އެވެ. މިދިއަ ދެތިން ދުވަހު ސޯޝަލް މީޑިއާގައި ބަހުސް އުފެދުނީ ޓާމިނަލްގެ ކުރިމަތީގައި ކަދުރު ރުއްތަކެއް ޖަހަން ފެށުމުންނެވެ. ފާޑުކިޔަމުން އަންނަ މީހުންނަށް އެއީ ރާއްޖޭގެ ގައުމީ ގަސް، ދިވެހި ރުކަށް، ޖާގަ ލިބެން ޖެހޭނެ ތަނެކެވެ. އޭގެ ބަދަލުގައި މެދުއިރުމަތީގެ ސިފައެއް އެތަނުން ފެނިގެން ނުވާނެ އެވެ.
އެ ޕޮއިންޓް ވަރަށް ސާފެވެ. 
މި ބަދަލާ މެދު ތިމާވެށީގެ ހަރަކާތްތެރިން ވެސް ހިތްހަމައެއް ނުޖެހެ އެވެ. އެ މީހުން ބުނަނީ ރާއްޖެއިން އެތައް ވައްތަރެއްގެ ރުއް ލިބެން އެބަ ހުރި ކަމަށެވެ. ދިގު ރުކާއި މެދު ރުކާއި ކުރު ރުއްތަކެވެ. ހައްދަން ވެސް އެހާމެ ފަސޭހަ ބާވަތްތަކެވެ. އެހެންކަމުން ވީއައިއޭގެ އެ ރީތި، ދިވެހިވަންތަކަން ވެސް ފެންނަ ގޮތަށް ފަރުމާކޮށްފައި ހުރި ޓާމިނަލްގެ ކުރިމަތީގައި ދިވެހި ރުއް ނީންދަންވީ ސަބަބެއް ނެތެވެ.
"މިއީ ހަމަ ސިޔާސީ މީހުންގެ ވިސްނުން ކޮށިކަމުން ކުރާ ކަމެއް. ދިވެހި ރުއްތައް އެ އޮތީ ބައިވަރު. ހައްދަން އުނދަގޫ އެއްޗެއް ވެސް ނޫން. އެއީ ކާބަފައިން ވެސް ހައްދައި އުޅުނު އެއްޗެއް،" ތިމާވެށީގެ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވި އެވެ.
"ވަރަށް ދަށް ވިސްނުމެއް އަސްލު އެ ގެންގުޅެނީ."
ބައެއް މީހުންނަށް ކަދުރު ރުއް އިންދުން ގޯހެއް ނޫނެވެ. އެކަމަކު އެކަން ގޯސްވާ  ފާޑުކިއުންތެރިންގެ ނަޒަރުގައި ޓޫރިޒަމްއާ ގުޅުވައިގެން އެހެން ބައެއް ގައުމުތަކުން ރާއްޖެ ނަމޫނާއަކަށް ނަގާއިރު ރާއްޖެއިން މި އުޅެނީ ރާއްޖޭގެ ޓޫރިޒަމްއާ ވެސް ގުޅުމެއް ނެތް ސިފައެއް ދައްކާށެވެ.
ސޯޝަލް މީޑިއާގައި ފެތުރޭ އެއް ފޮޓޯއަކީ މި އެވެ. މި ކުރެހުން ރީއްޗެވެ. މިއީ ދިވެހި ރުއް އިންދައިގެން ވެސް އާ ޓާމިނަލްގެ ސަރަހައްދަށް ރީތިކަން ގެނުވިދާނެ ގޮތެއްގެ ވިސްނުމެކެވެ.
"ގަލްފުގެ ގައުމުތަކުން ބަލަނީ ދިވެހި ރާއްޖެއަށް ވެވޭތޯ އެވެ. ދިވެހި ރާއްޖޭން ބަލަނީ ގަލްފުގެ ގައުމަކަށް ވެވޭތޯ އެވެ. ދިވެހިންގެ އެއާޕޯޓްގައި ދިވެހި ރުއް މާ ރީތިވާނެ އެވެ،" މިއީ ދިވެހި ރުކުގެ ރީތިކަން އެއާޕޯޓްގައި ދައްކަން ވަކާލާތުކުރަމުން އަންނަ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ކުރި ފޭސްބުކް ޕޯސްޓެކެވެ. އެ ޕޯސްޓް އޭނާ ލިއުނީ މަތީގައި އެ އޮތް ހިޔާލީ ފޮޓޯއާ އެކުގަ އެވެ.
އާ ޓާމިނަލް ޑިޒައިންކުރީ ރާއްޖެ އަންނަ މީހުންނަށް ފުރަތަމަ ވެސް ރާއްޖޭގެ ރީތިކަން ފެންނާނެ ގޮތަށެވެ. މިސާލަކަށް މަތިންދާބޯޓުން ފައިބައިގެން އިމިގްރޭޝަން ކައުންޓަރުތަކާ ހަމައަށް ދެވޭނީ ހުޅަނގު ފަރާތުގެ އުދަރެސް ފެންނަ ގޮތަށެވެ. މާނައަކީ ހުޅުލޭގެ ހުޅަނގު ފަރާތުން އެ ފެންނަ ކަނޑާއި މޫދާއި ޖައްވުގެ ރީތިކަން ބަލަމުން ހިނގާފައި ދާންވީ އެވެ.
ޓާމިނަލްގެ އެތެރޭގައި ސީލިން ހަދާފައި ހުރީ ރާޅުބާނި ސިފަވާ ގޮތަށެވެ. ތަޅުންގަނޑުގައި ވެސް ރާއްޖޭގެ މޫދުގެ ކުލަތަކެވެ.
ފަހުން އެމްޑީޕީ ސަރުކާރުން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ޓާމިނަލްގެ ކުރިމަތި މިހާރު އެ ފެންނަ ގޮތެވެ. ހުދު ކުލައިގެ ތޭރިތަކެއް ގޮތަށް އެ ފެންނަ ޑިޒައިންގެ ބޭނުމަކީ ދިވެހި ވަޑިންގެ އޭރުގެ ފަރުމާކުރުންތައް ދައްކާލުމެވެ.
ރާއްޖެ އާއި ދިވެހިންގެ ސިފަތަކެއް ހިމެނޭ ޓާމިނަލްގެ ކުރިމަތީގައި ދިވެހި ރުއް ޖަހަން ޖެހޭނެ ކަމަށް ބަހުސްކުރާ މީހުންގެ ކޮންމެވެސް ޕޮއިންޓެއް އެބަ އޮތްކަން އެނގެ އެވެ. ދުނިޔޭގެ ޓޫރިޒަމްގައި ރާއްޖެ ސިފަކޮށްދޭ އެކައްޗަކީ ދިވެހި ރުކެވެ.
ޗެޓްޖީޕީޓީއަށް ޖެހިލަމާ ހިނގާށެވެ. ރާއްޖެ ސިފަކުރަން 'ކޮކަނެޓް ޕާމް' ކިހާ މުހިންމުތޯ ސުވާލުކޮށްލީމެވެ. ޖަވާބުގެ ދިވެހި ތަރުޖަމާއަކީ މި އެވެ:
"އެއްވެސް ޝައްކެއް ނެތެވެ. (ދިވެހި ރުކުގެ ކުރެހުމަކާ އެކު އެވެ). ދިވެހި ރުކަކީ ރާއްޖޭގެ ގުދުރަތީ އަދި ސަގާފީ އެންމެ މައިގަނޑު އެއް ރަމްޒެވެ. އަދި އެއަށް ވުރެ ވެސް ހާއްސައީ އެއީ ގައުމީ ގަހަށް ވާތީމެ އެވެ."
މި ޖުމްލައިގެ އިތުރުން ޗެޓްޖީޕީޓީން ބުނީ ރާއްޖޭގެ ރަށްރަށުގެ މަލަމަތީގެ ހިތްގައިމުކަމާ ވެސް އެންމެ ބޮޑަށް ގުޅިފައި ވަނީ ދިވެހި ރުއް ކަމަށެވެ.
އެމްއޭސީއެލްއަށް މި އޮތީ ގޯހެއް ހެދިފައި ކަމަށް ބަލަމާ ހިނގާށެވެ. އާ ޓާމިނަލް ހުޅުވަން އެ ކުންފުނިން ކުރާ ބުރަ މަސައްކަތަށް ޝުކުރުކުރަމެވެ. މި ފަހުން ބައެއް މީޑިއާތަކާ އެކު މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް (ކިއުންތެރިންގެ ސަމާލުކަމަށް: އެ ބައްދަލުވުމަށް 'ދައުރު'އަށް ދައުވަތު ލިބިފައެއް ނުވެ އެވެ.) ބޭއްވެވި ބައްދަލުކުރެއްވުމުގައި އޭނާ ވިދާޅުވި ކަމަށް ވަނީ އޮފީހުގެ ގޮނޑީގައި އިންނެވޭ ވަގުތަށް ވުރެ ގިނައީ ޓާމިނަލް ތެރޭގައި ހޭދަކުރައްވާ ވަގުތު ކަމަށެވެ. އަނެއްހެން ބުނާ ނަމަ 24 ގަޑިއިރު ކަހަލަ ގޮތަކަށް މަސައްކަތާއި ހިޔާލާފައި ފިކުރު ހުސްކުރައްވާފައި އެ އޮތީ މިނިވަން ދުވަހު، 26 ޖުލައިގައި، އާ ޓާމިނަލް ހުޅުވޭ ވަރަށް ކަންކަން ފުރިހަމަކުރައްވާށެވެ.
މެނޭޖިން ޑިރެކްޓަރެވެ: އާ ޓާމިނަލްގެ ކުރިމަތިން ދިވެހި ރުއްތަކަށް ޖާގައެއް ނުދީ ދޫކޮށްލާކަށް ނުވާނެ އެވެ. ދައުލަތުގެ އެންމެ މުއްސަނދި ކުންފުނީގެ ގޮތުން އެމްއޭސީއެލްއަށް އެއީ މާ ބޮޑު ކަމެއް ވެސް ނޫންތާ އެވެ. އެ ބަދަލު ގެނައުމަކުން އުނިވާނެ ކަމެއް ވެސް ނެތެވެ. ފާޑުކިއުމަކީ މައްސަލައެއްގެ ގޮތުގައި ނުނަންގަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ