އިންވެސްޓުކުރެވޭ އެންމެ ދަށް އަދަދު 25،000 ރުފިޔާއަށް ކުޑަކުރަން ފަސްޓް ނޭޝަނަލް ފައިނޭނުންސުން ނިންމައިފި

ފަންޑަށް އިންވެސްޓުކުރެވޭ އެންމެ ކުޑަ އަދަދަކީ 25،000 ރުފިޔާކަމަށް "ފަސްޓް ނޭޝަނަލް މަނީ އެންޑް މާކެޓް ސޭވިންސް" ފަންޑުން ކަނޑައަޅައިފިއެވެ. ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ދަށުން ހިންގާ ފަސްޓް ނޭޝަނަލް މަނީ މާކެޓް އެންޑް ސޭވިންސް ފަންޑަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ރަޖިސްޓްރީކުރެވިގެން ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފްކުރި މަނީ މާކެޓު ފަންޑެވެ. އަހަރީ އާންމު ޖަލްސާގައި މެންބަރުން ނިންމީ ފަންޑަށް ފުރަތަމަ އިންވެސްޓްކުރެވޭ އެންމެ ދަށް އަދަދު އަދަދު 100,000 ރުފިޔާއިން 25,000 ރުފިޔާއަށް ދަށްކުރުމަށެވެ. މިއީ އިންވެސްޓަރުންނަށް އެންމެ ފަސޭހައިން ބައިވެރިވެވޭނެ އިންވެސްޓްމަންޓް ވެހިކަލްއަށް މި ފަންޑު ހެދުމަށް ނިންމި ނިންމުމެކެވެ. މި ބަދަލަކީ ފަސްޓް ނޭޝަނަލްގެ އިންވެސްޓްމަންޓް ޕްރޮޑަކްޓްތައް ފަރުމާކުރުމުގައި ގިނަ އިންވެސްޓަރުންނަށް އަތްފޯރާފަށުގައި ބެހެއްޓުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން މިހާރު ތިބި އިންވެސްޓަރުން ފާޅުކޮށްފައިވާ ޝައުޤުވެރިކަމާއެކު މިހާރު ވަނީ އިންވެސްޓަރުންނަށް މަހަކު 5,000 ރުފިޔާ ފަންޑަށް ޖަމާކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. ފަސްޓް ނޭޝަނަލް މަނީ އެންޑް މާކެޓް ފަންޑުގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ޝަހީރާ ވިދާޅުވީ، މި ގެނައި ބަދަލުތަކާއެކު ފަންޑާއި އިންވެސްޓަރުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުވެގެން ދާނެ ކަމަށެވެ. ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއަކީ ކުރީގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތު އިސްކޮށް ހުންނަވައި 2021 ވަނަ އަހަރު އުފެއްދެވި މާލީ ޚިދުމަތްދޭ އަމިއްލަ ވިޔަފާރިއެކެވެ. ފަސްޓް ނޭޝަނަލްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ބޮންޑާއި ސުކޫކު އަދި ސްޓޮކް އިޝޫ ކުރުމަށް ކުންފުނިތަކަށް އެހީވުމާއި ފަންޑު މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް އެޑްވައިޒަރީއާއި ވެލްތު މެނޭޖްކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ