އުނދަގޫ މެޗަކަށް ފަހު ސިނާ ހަތަރުވަނަ ބުރަށް: ބުނީ މިއީ މެޝިނެއް ނޫނޭ
އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ހަތަރުވަނަ ބުރުން ޔަނިކް ސިނާ ވަރަށް އުނދަގުލުން ޖާގަ ހޯދައިފިއެވެ. ތަށި ދިފާއުކުރުމަށް މަސައްކަތް ކުރަމުންދާ މި މުބާރާތުގައި އެއްވަނައަށް ސީޑުކުރެވިފައިވާ އިޓަލީވިލާތުގެ ސިނާ މި މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދީ ތިންވަނަ ބުރުގައި މުބާރާތުގައި 27ވަނައަށް ސީޑު ކުރެވިފައިވާ ކެނެޑާގެ ޑެނިސް ޝަޕޮވަލޯވާ ބައްދަލުކުރި މެޗު ފަހަތުން އަރައި ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފެށުން ދިޔައީ ސިނާ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. މިގޮތުން، މެޗުގެ ފުރަތަމަ ސެޓުގެ ހަތަރުވަނަ ގޭމްގައި ސިނާގެ ސާވް ބްރޭކްކޮށް ޝަޕޮވަލޯވް ފުރަތަމަ ލީޑު ނެގިއެވެ. އަދި، މި ސެޓުގައި އެއް އިރެއްގައި އޭނާ އޮތީ 2-5 އިން ކުރީގައެވެ. ނަމަވެސް، ސިނާ ފަހަތުން އަރައި 5-5 އަށް ބަދަލުކުރި ނަމަވެސް މި ސެޓު ޝަޕޮވަލޯވް 5-7 އިން ގެންދިޔައެވެ. މެޗުގެ ދެވަނަ ސެޓުގައި ސިނާ ފެނުނީ ވަރުގަދަކޮށެވެ. މިގޮތުން، މި ސެޓު 6-4 އިން ގެންގޮސް، އެއް ސެޓު އެއް ސެޓުން އެއްވަރުކުރިއެވެ. އަދި، ތިންވަނަ ސެޓުގައި ޝަޕޮވަލޯވްވަނީ ދެވަނަ ގޭމްގައި ސިނާގެ ސާވް ބްރޭކްކޮށް 0-3ގެ ލީޑެއް މި ސެޓުގައި ވެސް ނަގާފައެވެ. ނަމަވެސް، ސިނާ ހިތްވާރާ އެކު ކުޅުމުގެ ނަތީޖާއަކަށްވީ 6-3 އިން ތިންވަނަ ސެޓު ކާމިޔާބުކުރުމެވެ. އަދި، ފަހު ސެޓު ސިނާ ކާމިޔާބުކޮށްފައިވަނީ ވެސް 6-3 އިންނެވެ. މުޅި މެޗަށް ބަލާއިރު މިއީ ފަހަކަށް އައިސް ސިނާގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނުނު މެޗެވެ. އޭނާ މުޅި މެޗުގައި ވެސް މާ ރަނގަޅަށް ކުޅެވުނު ތަނެއް ނުފެނުނެވެ. އަދި، ސާވްކުރުމުގައި ވެސް ދަތިތަކެއް ކުރިކަން ފާހަގަވިއެވެ. މެޗަށް ފަހު ވާހަކަދައްކަމުން ސިނާ ބުނީ، އޭނާއަކީ މެޝިނެއް ނޫން ކަމަށާއި ބައެއް މެޗުގައި އޭނާއަށް ރަނގަޅަށް ނުކުޅެވޭ ވަގުތު އައިސްދާނެ ކަމަށެވެ. އަދި، މެޗު ވީ އޭނާއަށް ވަރަށް އުނދަގޫވި މެޗަކަށް ކަމަށް ވެސް ސިނާ ފާހަގަކުރިއެވެ. މުބާރާތުގެ ހަތަރުވަނަ ބުރުގައި ސިނާ ބައްދަލުކުރާނީ 23ވަނައަށް ސީޑު ކުރެވިފައިވާ އެލެގްޒެންޑާ ބުބްލިކާއެވެ. ބުބްލިކް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދީ 14ވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލްއާ ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގައި ބުބްލިކް ކާމިޔާބުކުރި ތިން ސެޓުގެ ތެރެއިން ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 7-5 އިން ކާމިޔާބުކުރިއިރު ފަހު ސެޓު ކާމިޔާބުކޮށްފައިވަނީ 6-3 އަދި 6-1 އިންނެވެ. މެޗުގައި ޕޯލް ކާމިޔާބުކުރި ދެ ސެޓު ކާމިޔާބުކޮށްފައިވަނީ ޓައި ބްރޭކަށް ގޮސް 4-7 އަދި 5-7 އިންނެވެ. މުބާރާތުގައި ތިންވަނައަށް ސީޑުކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެނޑާ ޒުވަރޭވާއި 25ވަނައަށް ސީޑުކުރެވިފައިވާ ކެނެޑާގެ ފީލިކްސް އައުގާ އަލިއަސީމް ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށްފައިވަނީ އެލިއަސީމެވެ. އޭނާ މެޗު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ސެޓު 4-6 އިން ޒުވާރޭވް ކާމިޔާބުކޮށްފައިވަނިކޮށް ދެން ކުޅުނު ތިން ސެޓުގެ ތެރެއިން ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 9-7 އަދި ފަހު ދެ ސެޓު 6-4 އަދި 6-4 އިން ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ހަތަރުވަނަ ބުރުގައި އެލިއަސީމް ބައްދަލުކުރާނީ ރަޝިއާގެ އަންޑްރޭ ރުބްލޭވާއެވެ. ރުބްލޭވް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދީ ހޮންގްކޮންގްގެ ކޯލްމަން ވޮންގާ ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ، 2-6، 6-4، 6-3، 4-6 އަދި 6-3 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ