ސުހާނާ ގަނެފައިވާ ބިމުގެ މައްސަލައެއް ގާނޫނީ ގޮތުން ބަލަން ފަށައިފި
ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ދާދިފަހުން ގަނެފައިވާ ބިމުގެ މައްސަލައަކާ ގުޅިގެން ގާނޫނީ ގޮތުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިންޑިއާގެ މަހާރަޝްތުރާގެ ތަލް ވިލެޖްއިން 2023 އަދި 2024 ވަނަ އަހަރުތެރޭ ސުހާނާ ގަނެފައިވާ ދެ ބިމަކީ ދަނޑުވެރިކަން ކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަކުން ގަނެފައިވާ ދެ ބިމެވެ. ރިޕޯޓުތައް ބުނާގޮތުން ހަގީގަތުގައި މި ދެ ބިމަކީ ވެސް އިންޑިއާގެ ސަރުކާރުން އެ އަވަށުގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ހާއްސަކޮށް ވިއްކުމަށް ހަމަޖެހިފައިވާ ދެ ބިމެވެ. ޝާހުގެ ދަރިފުޅު އަދި މިހާރު ފިލްމީ ދާއިރާއަށް ވެސް ތައާރަފްވެފައިވާ ބަތަލާއަށް އޭރު ބިންތައް ވިއްކާފައި ވަނީ ސުހާނާ އަކީ ދަނޑުވެރިއެއް ކަމަށް ހެދުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. ސުހާނާ ޚާން މަންމަ ގޯރީ ޚާން އަދި ބައްޕަ ޝާހްރުކް ޚާންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އެހެންކަމުން އެއީ ޤަވައިދާ ޚިލާފަށް ވިއްކާފައި ބިންތަކެއް ކަމަށް ކަނޑައަޅައި އެ މައްސަލަ ޤާނޫނީ އޮނިގަނޑުގެތެރެއިން ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ލައިފްގައި ބުނެފައިވާ ގޮތުގައި ސުހާނާއަށް މި ދެ ބިން ވިއްކާފައި ވަނީ އަންޖަލީ، ރޭކާ އަދި ޕްރިޔާ ނަމަކަށް ކިޔާ ތިން ބެއިންނެވެ. އެ ތިން ބެއިން ބުނެފައިވާ ގޮތުގައި ސުހާނާއަށް ވިއްކި ދެ ބިމަކީ ވެސް މައިންބަފައިންގެ ފަރާތުން ވާރުތަ މުދަލުގެ ގޮތުން ތިން ބެއިންނަށް ލިބިފައިވާ ދެ ބިމެވެ. ރިޕޯޓުތައް ބުނާގޮތުން ސުހާނާ މި ބިންތައް ގަނެފައި ވަނީ 1.55 މިލިއަން އެމެރިކާ ޑޮލަރަށެވެ. ފިލްމު "ދަ އާޗީސް"އިން ފިލްމީ ދާއިރާއަށް ތައާރަފްވި ސުހާނާ އަންނަނީ ބަތަލާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމު "ކިންގް"ގެ މަސައްކަތް ކުރަމުންނެވެ. ޝާހްރުކް ޚާން ވެސް މުހިއްމު ރޯލަކުން ފެންނާނެ މި ފިލްމަކީ ރެޑް ޗިލީސް އާއި ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ