އަނީތުއަށް ފިލްމު 'ސައްޔާރާ' ހާއްސަވަނީ މިހެންވެ
މި އަހަރު ރިލީޒްކޮށް މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ބޮލީވުޑްގެ ލޯބީގެ ފިލްމު "ސައްޔާރާ" އަކީ ފިލްމުގެ ލީޑް ބަތަލާ އަނީތު ޕައްޑާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި އެ ފިލްމު ހާއްސަވާ ސަބަބު ވެސް ކިޔައިދީފިއެވެ. ފިލްމުގައި ޒުވާން ބަތަލާ އަނީތު ޕައްޑާ ފެންނަނީ ހަނދާންނެތޭ ބަލި ނުވަތަ އަލްޒައިމާގެ ޝިކާރައަކަށްވެފައިވާ ޒުވާން އަންހެންކުއްޖެއްގެ ކެރެކްޓާއިންނެވެ. އެ ފިލްމުގައި އަލްޒައިމާ ބަލި ޖެހިފައިވާ ކެރެކްޓާއަކުން އަނީތު ފެނުނުއިރު ބަތަލާ ވަނީ ވަރަށް ގާތުން އެ ބަލި ތަހައްމަލުކުރަމުންދާ ފަރާތަކާ އެކު ދުވަސްތައް ހޭދަކޮށްފައި ކަމަށް ދަ ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުގައި ވަނީ ބުނެފައެވެ. އެއީ އަނީތުގެ ލޯބިވާ ކާފަ ކަމަށާއި ކާފަ އެ ބަލީގައި ދުވަސްތައް ވޭތުކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އަނީތު ވަނީ ބުނެފައެވެ. ފިލްމު "ސައްޔާރާ"ގެ ބަތަލާ އަނީތު ޕައްޑާ އެކްޓަރު އަހާން ޕާންޑޭއާ އެކު--ފޮޓޯ/ދަހޮލީވުޑްރިޕޯޓާ އެހެންވެ ފިލްމު "ސައްޔާރާ"ގައި ކުޅުނު ރޯލަކީ އަނީތުގެ ހިތުން ހާއްސަ ޖާގައެއް ދެވިފައިވާ ކެރެކްޓާއެއް ކަމަށާއި އެއީ ބަތަލާއަށް ވަރަށް ހާއްސަ އެހާމެ ޖަޒުބާތީ ފިލްމެއް ކަމަށް ވަނީ ބުނެފައެވެ. އަނީތުގެ ކާފަގެ ހާލަތު ހުރިގޮތުން ވަރަށް ގިނަ ކަންކަން ހަނދާންނެތޭ ކަމަށާއި ބަތަލާގެ ނަން ވެސް ކާފަ ހަނދާން ނުހުންނަ ކަމަށް އަނީތު ވަނީ ބުނެފައެވެ. ނަމަވެސް ފިލްމުގައި ވެސް ބުނާގޮތަށް ބައެއް ކަންކަމަކީ ސިކުނޑީގައި ހަރުލާފައި ނުހުންނަ ނޫނީ ހަނދާންކުރަން ދަތި ކަންކަން ކަމަށްވިޔަސް ހިތުން ބައެއް ހަނދާންތައް ފޮހެލެވުމަކީ ނުވާނެ ކަމެއްކަން ކާފަ ވެސް ސާބިތުކޮށްދީފައިވާ ކަމަށް 22 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ. އެގޮތުން ފިލްމު "ސައްޔާރާ"ގެ ވަރަށް ގިނަ މަންޒަރުތައް ހިމެނޭ ވީޑިއޯތައް ކާފައާ އެކު ބެލި ކަމަށާއި އެ ވީޑިއޯތައް ބެލުމަށްފަހު އަނީތު އަކީ ކާކުން ނޭނގުނު ނަމަވެސް ކުޑައިރުއްސުރެ ކާފަ އަނީތުއާ މުޚާތަބުކުރާ ނަމުން ގޮވާލި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެހެންކަމުން އެއީ ފިލްމު "ސައްޔާރާ"ގެ ކާމިޔާބު ދަތުރުގައި ތަޖުރިބާކުރި ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބަތަލާ ވަނީ ބުނެފައެވެ. މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމު "ސައްޔާރާ" މި މަހުގެ 12 ވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ