"ތެދެއްތަ؟ ތިތަނުގެ އެމްޑީ ބަދަލުވަނީ؟"

"ތިތާ އެމްޑީ ބަދަލުވަނީޔޯ. ތެދެއްތަ؟"
ހުޅަނގު މޫސުމުގެ ގަދަ ވަޔަށް ވުރެ ބާރަށް ރަށުތެރޭގައި މިހާރު ފެތުރެމުން އަންނަ އެއް ވާހަކައަކީ މި އެވެ. ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިންގެ 'ޓްރާންސްފާ މާކެޓެއް' ހުޅުވިގެން އުޅޭ ވާހަކަ އެވެ. ކުންފުނިތަކުގެ މަތީ ފަޑިއަށް އަރައިގެން އުޅޭ ކުޑަވަރެއްގެ ތޫފާނެކެވެ. ބައެއް ބޭފުޅުން، މާދަމާ ވާނެ ގޮތެއް ނޭނގި ތިއްބަވާތާ ހައެއްކަ މަސް ވެއްޖެ އެވެ.
ކަމުގެ ހަގީގަތް އެނގޭ މީހުން އެ މައުލޫމާތު ދޭން ހަމަ ހިލާ އެއްބަހެއް ނުވެ އެވެ. އެކަމަކު ތުންތުންމަތިން މީހުން އެ ވަރަށް އެ ވާހަކަ ދައްކާނީ ކޮންމެވެސް ހަގީގަތެއް އޮތީމަ އެވެ. ސުވާލަކީ، ދެން އަންނަން މި އުޅޭ ބަދަލުތަކަކީ ކޮބާ ހެއްޔެވެ؟
މި ތޫފާނުގެ މެދުގައި، އެންމެ ގަދަކޮށް ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އޭނާ އެ މަގާމުން ވަކިކުރަން އުޅޭ ވާހަކަ އިވޭތާ ހައެއްކަ މަސް ވެދާނެ އެވެ. ބޮޑު ކަރަންޓު ބިލެއް އަންނަ ދުވަސްވަރު އަދި ވަކިން އެ އަޑުތައް ގަދަވެ އެވެ.
ކަމުގެ ހަގީގަތް ފަހުމީއަށް ފަހަރުގައި އެނގިވަޑައިގެންފާނެ އެވެ. އެކަމަކު އެވަރަށް މަގާމު ބަދަލުކުރަން އުޅޭ ވާހަކަ ދައްކާ ނަމަ، ކޮންމެ މީހަކު ވެސް ހުންނާނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެމްޑީގެ ފިނި ކޮޓަރީގައި ވިޔަސް ހުންނަވާނީ ހޫނު ގޮނޑިއެއްގަ އެވެ. މިރޭ ނިދަން ލޯ މަރާލާނީ، މާދަމާ ނުކުންނަވަން ޖެހޭ އޮފީސް ޔަގީންނުވެ، އެކަމާ ފިކުރު ކުރަމުންނެވެ. ނޫނީ އޮފީހަށް ވަޑައިނުގަނެ ގޭގައި މަޑުކުރަން ވެސް ބުނެފާނެ އެވެ.
ފަހުމީ ބަދަލުކުރަން އުޅޭ ވާހަކައާ އެކުއެކީގައި ދެން އިވެނީ ސަރުކާރުގެ ބައެއް މިނިސްޓްރީތަކކުން އޭނާއަށް އެއްބާރުލުން ނުދޭ ކަމުގެ ވާހަކަތަކެވެ. ސްޓެލްކޯއަށް ލިބެން ޖެހޭ ފައިސާ ދޫނުކުރަނީ ވެސް ފަހުމީއަށް 'ޖެއްސުން' ކުރުމުގެ ގޮތުން ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ. މިސާލަކަށް ޕީއެސްއެމްގެ ބިލުތަކަށް ދައްކަން ޖެހޭ 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. އެނގިފައިވާ ގޮތުގައި އޭގެ އެއްވެސް ބައެއް އަދި ނުދައްކަ އެވެ.
ފަހުމީގެ ބަދަލުގައި ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަންކުރަނީ، އަޑުއިވޭ ގޮތުގައި، އެލްޖީއޭގެ ސީއީއޯ އަދި ކުރިން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި އަލީ ނިމާލެވެ. އޭނާގެ ހަޔާތުގެ ވަރަށް ބޮޑު ބައެއް ސްޓެލްކޯގައި ވެސް ހޭދަކުރެއްވި އެވެ.
ފަހުމީއާ ބެހޭ ގޮތުން ދެ ގޮތަކަށް ވާހަކަ ފެތުރެ އެވެ. އެއް ގޮތަކީ ސްޓެލްކޯގެ އެމްޑީކަމުން ގެއަށް ބަދަލުކުރުމެވެ. އަނެއް ގޮތަކީ ހުސްވާން އުޅޭ އެޗުޑީސީގެ އެމްޑީގެ މަގާމަށް ބަދަލުކުރުމެވެ.
ފަހުމީގެ ވަޒީފާގެ ކުރިމަގު ޔަގީން ނުވިޔަސް، އެޗުޑީސީގެ އެމްޑީގެ ގޮނޑި ހުސްވާކަން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ކަށަވަރުވެފަ އެވެ. މިދިޔަ ޑިސެމްބަރުގައި އެ މަގާމަށް އައްޔަންކުރެއްވި މައުރޫފް ޖަމީލު ރިޓަޔާ ކުރައްވާކަން މި މަހު ކުރީކޮޅު އިއުލާންކުރެއްވި އެވެ. އޭނާ އެކަމަށް ދެއްވި ތާރީހަކީ 18 އޮގަސްޓު ނަމަވެސް، ރިޓަރާ ކުރުމުގެ ކުރިން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އެވެ. އަޑުއިވޭ ގޮތުގައި ރިޓަޔާކުރައްވަން ފުރުސަތު ނުދިނީ އެވެ.
މައުރޫފަށް ފަހު ދެން އެ މަގާމަށް އަންނާނެ ކަމަށް ލަފާކޮށް، ތިން ބޭފުޅެއްގެ ނަން އާންމުން އެބަ އުފުލަ އެވެ. އެންމެ ގަދައަށް އިވެނީ، "އެޗުޑީސީއަށް ފަހުމީ ގެންނަން އެބަ އުޅޭ" ކިޔާ އަޑެވެ.
ފަހުމީގެ އިތުރުން އެ މަގާމަށް ގެންނަން އުޅޭ ކަމަށް އަޑުއިވެނީ، އެ ކުންފުނީގެ ޗެއާމަންކަމުގައި ހުންނެވި އަހްމަދު ޝަހީރެވެ. އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ. އެހެންކަމުން އެއީ އެފަދަ މަގާމަކާ ބީރައްޓެހި ބޭފުޅެއް ނޫނެވެ.
ފަހު ނަމަކަށް އޮތީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުގެ ނަމެވެ. އެކަމަކު އޭގެ ކުރިން، މިނިސްޓަރުގެ ފެންވަރުގެ މަގާމެއްގައި އޭނާ ރައީސް އޮފީހަށް ބަދަލުކުރަން އުޅޭކަމަށް ވެސް އަޑު ފެތުރުނެވެ.
ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު މުބީން އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އާންމުންނަށް އެއީ ކުއްލި އިސްތިއުފާއެކެވެ. އެކަމަކު ދެން އިވުނީ މުބީން ފެނަކައިގެ އެމްޑީއަކަށް ގެންނަން އުޅޭ އަޑެވެ. އޭނާ އިއްޔެ މަގާމުން އިސްތިއުފާ ދެއްވީ ވެސް އެހެންވެގެން ކަމަށްވެ އެވެ. އެހެން ބުނާ މީހުން އެ ވާހަކަ ދައްކަނީ، މުބީން އެ މީހުންގެ ގާތުގައި އެ ވާހަކަ ބުނިހާ ވެސް ޔަގީންކަމާ އެކީގަ އެވެ.
އެ ބަދަލު އަންނަ ނަމަ، މިހާރު ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު ދެން ގެންދާނީ ކޮން ތަނަކަށް ހެއްޔެވެ؟ މި ވާހަކައިގެ ތެރޭގައި ފެނަކައިގެ ނަން އިވުނަސް، ނަޖާހުގެ ނަމެއް ނީވެ އެވެ. މުޅިން ވެސް އިވެނީ ފެނަކަ + މުބީން، މި ދެ ބަސް އެއްކޮށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައިގެން އަދި މިވީ ތިން ދުވަހެވެ. އެކަމަކު މިހާރު އިވެނީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، ރިޓަޔާ ކުރައްވަން އުޅޭ ވާހަކަ އެވެ.
އެއީ ތެދެއްތޯ ބަލަން މިއަދު ޝަރީފަށް ގުޅި ނަމަވެސް، އޭނާ ބިޒީކަމުން ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ. ފޯނު ނެންގެވުމަށް ފަހު ވިދާޅުވީ މަޑުކޮށްލުމަށެވެ. ދެން ވީ މިނެޓެއް ހާއިރު ތެރޭގައި އިވުނީ ޝަރީފު އާއި އެތަނުގައި ދެން ތިއްބެވި ބަޔަކު، އެއާޕޯޓުގެ ކަންކަމައިގެން، މަސައްކަތުގައި އަވަދިނެތި އުޅުއްވާ އަޑެވެ. ފޯނަށް އެނބުރިވަޑައިގެން ވިދާޅުވީ ވާހަކައެއް ދެއްކޭ ވަރަށް ވުރެ އެ ގަޑީގައި މާ ބިޒީ ކަމަށާއި ވަގުތެއް ވުމުން ފަހުން ގުޅާނެ ކަމަށެވެ.
ޝަރީފް ރިޓަޔާކުރައްވާކަން ޔަގީނެއް ނޫނެވެ. އެކަމަކު އެއީ ހަގީގަތަކަށް ވާ ނަމަ، އެ މަގާމަށް ގެންނަން އުޅޭ ކަމަށް ލަފާކޮށް، ސޯޝަލް މީޑިއާގައި ނަމެއް އެބަ ދައުރު ކުރެ އެވެ. އެއީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޖުތަބާ ލަތީފެވެ.
އެކަމަކު އެގޮތަށް އެކަން ނުވެސް ހިނގައިދާނެ އެވެ.
މި ބަދަލުތަކާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަން ސާފުކުރުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ. ނަމަވެސް މި ރިޕޯޓު ޖެހުމާ ހަމައަށް އަދި ޖަވާބެއް ނުލިބެ އެވެ.
އެމްޑީ ނުވަތަ ޗެއާޕާސަންގެ މަގާމުގައި ތިއްބަވާ ބޭފުޅުން އަވަސް އަވަހަށް ބަދަލުވެ އެވެ. ކޮންމެ ފަސް އަހަރަކުން ނުވަތަ އެއަށްވުރެ އަވަހަށް ވެސް އާ ބޭފުޅުން އެ ގޮނޑީގައި އިށީންނަވާނެ އެވެ. އެމްޑީންގެ ކުޅިބައި ކޮންމެ ގޮތަކަށް އެތުރިޔަސް، މުހިންމީ އެންމެ ކަމެކެވެ. އެ ކުންފުންޏަކުން ދޭންވާ ހިދުމަތްތައް ބަރާބަރަށް އާންމުންނަށް ލިބުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ