ކެމޮމައިލް 43
"ކާމިޔާބުގެ ސިއްރަކީ ނަމާދު ގާއިމުކޮށް ﷲ ތައާލާއާއި އޮތް ގުޅުން ރަގަޅުކުރުމެވެ. މަރަކީ އެންމެ ނޭވާއެއް ކައިރީގައިވާ ކަމެއްކަން ދެނެގެން ފާފަތަކުން ތައުބާވެގެން ހެއްދެވި ފަރާތުގެ ހަޟުރަތަށް ދާން ތައްޔާރުވެގެން ހުރުމެވެ. ހެޔޮ އަމަލުތައް ގިނަކުރުމެވެ. ވަށައިގެން އެތައް ބަޔަކު ދުނިޔެ ދޫކޮށްދާއިރު ޣާފިލުކަން މަތީގައި ހުރެގެން ހުސްއަތާ ދުނިޔެއާއި ވަކިވެގެން ނުދާށެވެ. ދުނިޔެއަށް ނޭވާ ލުމަކީވެސް ދެވަނަ ފުރުސަތެކެވެ." *** މިއިން ޒަމާނެއްގައިވެސް މަންމަ އެހާ ބާރަށް ހިނގާ އުޅުނުތަނެއް އޭނަ ނުދެކެއެވެ. ހިނގުމުގެ ރޭހެއްގައި ނައްޓައިލިފަދައެވެ. ހަށިގަނޑުގައި އެހެން ކޮންމެވެސް އެއްޗެއް ހޭލައިގަތްފަދައިންނެވެ. އުފާވެރިކަމެއްނޫނެވެ.ބިރާއި އިންޒާރެވެ. އޭނަ ހިފެހެއްޓުންވެސް އެހާ ބާރެވެ. ކޯތާފަތުގެ ކަށިގަނޑަށްވެސް ވާންކޮށްލައިގެންނެވެ އޭނައަށް ކުރެވޭނެ އެހެންކަމެއްނެތެވެ. މަންމަގެ ފަހަތުން ދާން ޖެހުނެވެ. އޭނަ އެންމެ ފަހު ފަހަރަށް އެނބުރި ބަލައިލިއެވެ. *** އުމައިރުގެ ސިކުނޑިއަށް އެންމެ ކުރިން އެމަންޒަރުން އެއްޗެއް ނަގައިނުގަނެވުނެވެ. އާދައިގެ ދުވަހެއްފަދައިން މަގުމަތީގައި ދެކެފަރިތަ މީހުންނާއި ބީރައްޓެހިންވެސް އުޅެއެވެ. ދެ އަންހެނުން ކަފިހި ހުރަސް ހުރަސްކުރިތަން ފެނުނެވެ. މަގުމަތީގައި އުދުހެމުން ދިޔަ އުޅަދުތަކުގެ ތެރެއިން ދުވަސްވެފައިވާ މަންމައަކަށް މަގުދައްކަމުން ދިޔަ އަންހެންދަރިއެކެވެ. އޭނަ ސިއްސައިގެން ދިޔައީ ދުވަސްވެފައިވާ އަންހެންމީހާ ކުޑަކޮށް އެނބުރުލިތަނާއެކު އެ މޫނު ފެނިފައެވެ. ޒުވާންކަން ފަހަނަޅާ ދިޔަސް އެ ލޮލުގައިވި އުޖާލާކަމާއި ވިދުން ފަނޑެއްނުވެއެވެ. އެ ތޫނު ލޮލުގައިވީ ހަމަ އެ އަލިފާނެވެ. ދެމީހުންގެ ނަޒަރު ދިމާވިއިރު އިހުސާސްވީ ޖަމީލާއަށްވެސް އޭނަ ދެނެގަނެވުނުކަމެވެ. ރުޅިވެރި ހަނދާންތައް އާވެގަތް ސިކުންތުކޮޅު ގަރުނަކަށް ދެމިގެންދިޔަފަދައެވެ. އޭނަގެ ގާތުގައި ހުރީ އެދެމަފިރިންނަށް ލިބުނު އަންހެންދަރިފުޅު މިރިއަމްއެވެ. އިރުގެ އަލި ކަން އެކުއްޖާގެ ކޯތާފަތުގެ ކަށިގަނޑު ފާހަގަވާގޮތަށް އެޅިފައިވަނީ ހަމަ ކުޑަދޮރު ކައިރީގައި ފިލާވަޅުތައް ހަދަން އިންނައިރު ފަދައިންނެވެ. އަދި މީހުން ގިނަވީމަ ނުތަނަވަސްވާކަން ނަޒަރުން ފައުޅުކޮށްވެސް ހަމަ އެފަދައެވެ. ކަންކަތުރަށް ބާރުކޮށްލެވިފައިވިއެވެ. ޖަމީލާ އޭނަގެ ދަރިފުޅުގެ އަތުގައި ހިފާ ދަމަންފެށިއެވެ. މިރިއަމްގެ ނަޒަރުވެސް އެސިކުންތުކޮޅު އޭނަގެ ލޮލަށް ހުއްޓުނެވެ. ނޭވާވެސް ހުއްޓުނު ވަގުތުކޮޅެކެވެ. އޭނަގެ ދަރިފުޅު އޭނައަށް ބަލަނީއެވެ. މިރިއަމްއަށް އެނގޭނެހެއްޔެވެ؟ އޭނަގެ ހިތް އަވަސްވެގަތެވެ. "ދުއްވާލާ..."އޭނަ ސައިކަލް ދުއްވަން އިންމީހާއަށް ބުނެލީ އަވަސްވެފައިވާ ރާގެއްގައެވެ."އަވަސް........" ސައިކަލް ނައްޓައިލުމަށްފަހު އޭނަ ފަހަތަކަށް ބަލާނުލިއެވެ. *** މިރިއަމް ގާތު އެންމެން ބުނެފައިވަނީ އޭނަ ދުނިޔެއާއި ވަކިވެގެން ގޮސްފައިވާކަމަށެވެ. އެއީ އެކަން އެންމެ ސާފުކޮށް ނިންމެން އޮތް ގޮތެވެ. ނާޖާއިޒު މުއާމަލާތު ކުރެވިފައިވާ ގޮތެވެ. ބާރައަހަރުވާންދެން އޭނަ ހުރީ މިރިއަމް އެ ދޮގު ގަބޫލުކުރަން ޖައްސައިގެންނެވެ. އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓާފައެވެ. ނަމަވެސް މިއަދު ކިތަންމެ ރަގަޅަށްވެސް މިރިއަމްއަށްވަނީ އޭނަ ފެނިފައެވެ. ލޮލާއި ލޯ ބައްދަލުވިއެވެ. އޭނަ ގެއާއި ތަންކޮޅެއް ދުރަށް ފޭބުމަށްފަހު މިސްކިތްކައިރީގައި ހުރި ހިމޭން ގޯޅިއަކަށް ވަނެވެ. އޭރު އަތުގެ އިނގިލިތައް ތުރުތުރުލައެވެ. އޭނަ ފާރަށް ލެނގިލުމަށްފަހު ނިތްކުރީގެ ދެފަރާތަށް ފިތައިލީ ވާންކަން ކަނޑުވައިލުމަށެވެ. މާޒީ ވަޅުލާފައި ބޭއްވޭކަށް ނެތެވެ. ދަބަރު ޖަހާފައިވާ ދޮރު ހުޅުވައިލުމުން އެހެން ދުވަހަށްވުރެ އަޑުގަދަވިއެވެ. އޭނަ އެ އަޑުދެކެވެސް ނަފްރަތުކުރެއެވެ. އިންޒާރެއްފަދައެވެ. އޭނަ އައުމުން އެ ގެވެސް ރުޅިއައިސްގެން އިހުތިޖާޖުކުރަނީއެވެ. ފަރުދުން ފަދައިންނެވެ. މުޅި ނަފުސަށް ވަރުބަލިކަމާއި ނުތަނަވަސްކަންވެރިވެފައި ހުރެވެސް މަޑުމަޑުން ދޮރު ލައްޕާލާފައި އެތެރެއަށް ވަންނާން ހިނގައިގަތެވެ. ހަނގުރާމައަކުން ބަލިވެފައިވާ މީހެއްފަދައިން އިސްޖަހާލައިގެން ހުރެއެވެ. އޭނަ ބަދިގެއާއި އަރާ ހަމަވިތަނާ ކަންފަތުގައި ޖެހުނީ ތޫނު އަޑެކެވެ." އަހަރެން މިއަދު ދިޔައިން ކޯޓަށް.. އެ ގާނޫނީ ވަކީލަށް މަށާއި ހަތަރުކަޅި ހަމަކޮށްލާނެ ހިތްވަރުވެސް ނުލިބުނު. ބޮޑު ފިނޑިއެއް...އަހަރެމެންގެ ދިރިއުޅުން ހަލާކުކޮށްލާފައި އޭނަ މީހަކާއި އިނދެފި. އަހަރެން ހުވާކޮށްފައި މިބުނަނީ މަށަށް ދެން އޭނަ ފެނިއްޖެއްޔާ...." "އަހަރެމެންގެ ދަރިއަކީ ވައްކަން ކުރާނެ ކުއްޖެއްނޫން.."ފޯނުގައި ހުރެ ވާހަކަދައްކަމުން ދިޔައީ ކާކާއި ކަމެއް ނޭގެއެވެ." ސިޔާސީކުޅިގަނޑު...އެއީ އޭގެ އެކެއް...ފައިސާތައް އޮއްސާލާނެއްނު.....ފަގީރު ކޮއި ނާށިގަނޑު ހިފައިގެން ސަލާމް ޖަހައިގެން އުޅެނިކޮށް ފައިސާގެ ލައްޒަތު ފެނިގެން މޮޔަވީނު.." ހާރިސާގެ އަޑު މުޅި ހޯލުގައި ގުގުމާލާފައިވިއެވެ. އޭރު ބުރުގާވެސް އެއް ކޮނޑުން ތިރިއަށް ސޮއްސާލައިފިއެވެ. އެއީ ރަސްކަން ކުރަމުންދާ ކިއްލާގެ ރާނީއެވެ. ކިތަންމެ ކުޑަ ރަސްކަމަކަށްވިޔަސް އޭނަގެ ލޭގެ ދިފާއުގައި ހަގުރާމަކުރަން ތަައްޔާރަށް ހުރި ސިންގާއެކެވެ. ފޯރިގަދަ ވާހަކަގަނޑުގެ މެދުތެރެއިން ވަށައިގެން ހޯދައިލުމާއެކު އުމައިރުއާއި ނަޒަރު އަމާޒުވިއެވެ. "އާހް...އެންމެފަހުން ރަސްދަރިކަލުން ވަޑައިގެންފި...އަހަރެން ޖެހެނީ ބިލްތަކާއި ގޭގެ ހައުސްކީޕަރުގެ ފަހަތުން ދުވަން...އަދި މަގޭ ލައުނަތް ލެއްވި ދަނބިދަރި ގެއަށް އަންނާނީ ކުކުޅުފަނަަށް އަރާހެން ނިދަން އަދި ގުގުރިދަމަން..." ހާރިސާގެ އެ ވާހަކަތަކަށް އޭނަ ޖަވާބެއްނުދެއެވެ. އޭނަ ދުވަހަކުވެސް ޖަދަލުކޮށް މޫނުމަތީ ބަސްބުނެ ނަހަދައެވެ. ބަދިގެއަށް ވަނަސް އަނަގަޔަށް ލާނެ ރަގަޅު އެއްޗެއް ނުލިބޭނެކަން އެނގުނެވެ. ފްރިޖް ފުރާލާފައި ހުރީ ފިނިކޮށްފައިވާ ކޮފީއާއި ކޭކުތަކާއި މޫނުގައި އަޅާ މާސްކާއި އައިސްކްރީމް ޓައްޕުތަކުންނެވެ. އޭނަ ނެގީ ފެންފުޅިއެކެވެ. އޭނަ ކަރުތެރެއަށް ފެން އޮއްސައިލުމުން ކަރު ހިއްކުން ފިލިއެވެ. އޭނައަށް ކައުންޓަރަށް ބަލައިލެވުނެވެ. ލިޕްސްޓިކުން ކަޅިވެފައިވާ މަގުތަކެވެ. މޭވާ ވަށި ކައިރީގައިވެސް ފައުންޑޭޝަން ޕައުޑަރެވެ. އިސްތަށިގަނޑު ބުޅިކުރާ އިސްތިރިއަކާއި ހެއަ އެކްސްޓެންޝަން ޕެކެޓެކެވެ. މުޅި ތަނުގައި ހިފާފައިވީ ނަގުލީ ސެންޓުތަކާއި އެއާފްރެޝްނާގެ ބޮލަށް އުދަގޫކުރުވަނިވި ވަހެވެ. "ވީއިރު...."މިފަހު ހާރިސާގެ އަޑު އިވުނީ އޭނަގެ ފަހަތުންނެވެ. ފޯނު ކޯލު ނިންމާލީއެވެ."ކިހިނެއް މަސައްކަތް؟ ނޫނީ މުސާރަ ކިހިނެއްހެއްޔޭ ދޯ އަހަންވީ....އަހަރެން އެބަޖެހޭ ވިއްޔާ އެކަން ޔަގީންކުރަން.." ހާރިސާ ބަލަން ހުރީ ތުންފިތާލައިގެން ހިނިތުންވެލައިގެންނެވެ. ރޭޒަރެއްފަދައިން ބޭނުންކުރާނީ އެ ހިނިތުންވުމެވެ. އުމައިރުގެ ނަޒަރު އެލޮލުގައި ހަރުލިއެވެ. އެލޮލުގައިވީ ހުސްކަމާއި ފިނިކަމެވެ. "ރަގަޅު.." އޭނަ ދުރަށް ދާން ހިނގައިގަތެވެ. "އަހަރެން އުއްމީދުކުރަން ކަލޭގެ ހިތް މަޑުނުވާނެކަމަށް އުމައިރު...މާ ގިނަވަގުތު ގެއިން ބޭރުގައި ތިއުޅެނީ..ދަރިފުޅާއިމެދު އެއްވެސް ކަންބޮޑުވުމެއް ނެތީތަ؟ ކިހާ ހިތްގައިމު ވަޒީފާއެއްގައި ތިއުޅެނީ...ބޮޑު މުސާރަ...އަރާމު ގެއެއް....އަހަރެންގެ އަންހެންދަރި ކައްކާ ސާފުކުރާކަށް ނުޖެހޭ...އޭނައަކަށް މިއީ ހަފްތާގެ ކޮން ދުވަހެއްކަމެއްވެސް ނޭގޭނެ..އެހާ އަރާމުގައި ދިރިއުޅެނީ...އެކަމަކު ކަލޭ....." ހާރިސާ ހިނިގަނޑެއް ޖަހައިލިއެވެ. "އުމައިރުގެ އެއްވެސް ޝަކުވާއެއް ނެތް ދޯ.." އޭނަގެ ފަރާތުން ޖަވާބެއް ނައުމުން ހާރިސާ ގުދުވެލިއެވެ. "ކަލޭ ތިހިރީ މަށަށް ދަރަނިވެރިވެފައި.." އުމައިރުގެ ފިޔަވަޅުތައް ހުއްޓުނެވެ."އާނ...އެކަން އެނގޭ.." އޭނަ މަޑުކޮށްލުމެއްނެތި ނިދާކޮޓަރިއަށްވަދެ ދޮރު ލައްޕާލައިިއެވެ. ހީރާ އޮތީ އަދިވެސް ޕިޖާމާލައިގެން އެނދުގެ ހުރިހާ ބާލީސްތަކާއި ކުޝަންތަކުގެ ތެރޭ ރަޖާތެރޭގައި ފޮރުވިގެންނެވެ. ނިކަން އަރާމު ފުން ނިންޖެއްގައެވެ. އެރޭ ހީރާ ނިދާ ހަރުވުމުން އުމައިރު އެނދުގެ މަގަތުގައި އިށީދެލައިގެން އިނީ ފޮޓޯއެއް ހިފައިގެންނެވެ. އެއީ ކުލަގޮސްފައިވާ ފޮޓޯއެކެވެ. މިރިއަމްގެ އުމުރުން ހަ އަހަރުގައި ސްކޫލްގެ ފުރަތަަމަ ދުވަހުގައެވެ. އެއީ އޭނަ ނެގި ފޮޓޯއެކެވެ. އިސްތަށިގަނޑު ބައިކޮށްފައި ގަތާފައި އޮތަސް ދެފަރާތް އޮތީ ދެ ވަރަށެވެ. މެދުގެ ދަތްތައް ވެއްޓިފައިވިޔަސް ނިކަން ލޯތްބެވެ. އޭނަގެ ގާތުގައި ޒުބޭރު ރަކިގޮތަކަށް ހީލައިގެން ހުރީ ކަތި ނަޒަރަކުން ބަލަހައްޓައިގެންނެވެ. ލައިލާ ހުރީ މޮޑެލްއެއްހެން ހުއްޓިލައިގެންނެވެ. މިރިއަމްގެ ފަހަތުގައި ފިލާ ހުރި އަންހެންކުއްޖާގެ ނަން އޭނަ ހަނދާނެއްނެތެވެ. *** މިރިއަމް ކޮޓަރީގައި ކުރުކާލިކަނޑަމުންދިޔައެވެ. އޭނަ މަންމައާއި ސުވާލުކުރަން ބޭނުންވިއެވެ. ތެދުބުނަން މަޖުބޫރުކުރަން ޟަމީރު އެދުނެވެ. އެ ސުވާލުތަކުގެ ޖަވާބު އެނގުމުގެ ހައްގު އޭނައަށް ލިބިގެންވެއެވެ. ނަމަވެސް މަންމަ އޮތީ ރަޖާގަނޑުގެ ތެރޭ ފޮރުވިގެން އަރާމު ނިންޖެއްގައެވެ. ގާރީއެއްގެ ހިތްގައިމު އަޑުން ކަލާމްފުޅު ކިޔަވަމުންދާއިރު ނާނާއަކަށްވުރެ ނިދާލަން ފަސޭހަކަން ޔަގީނެވެ. މިރިއަމްއަށްވެސް އެނގެއެވެ. މައްސަލައަކީ އޭނަގެ މަންމަގެ ހަނދާނުގައި ވަޅުތަކެއްވާކަމެވެ. ބައެއް އަހަރުތައްވަނީ އެ ވަޅުތަކުގެ ތެރެއަށް ވަދެފައެވެ. ބައެއް ދުވަހު މަންމަ ގެ ފިރިމީހާ ގެއަށް ނައިސްގެން ސުވާލުކުރާނެއެވެ. އަނެއްބައި ދުވަހު މަންމަ ދުވަހަކުވެސް ކައިވެންޏެއްކުރި ހަދާނެއްނުވެއެވެ. މަންމަގެ ފަރާތުން ޖަވާބެއް ލިބޭނެކަމަށް އުއްމީދުކުރުމުގެ މާނައެއްނެތެވެ. އޭނަ ހަނދާނުން ފޮޅައިލަން މަސައްކަތްކުރިޔަސް ޑޮކްޓަރ ސާރާއާއި ހަމްޒާގެ ލަފުޒުތައް ސިކުނޑިއަށް ހަމަލާދެމުން ދިޔައެވެ. ސްކްރީނަށް އަރާފައިވަނީ މަންމަގެ ސިކުނޑީގެ ތަސްވީރުތަކެވެ. ކަޅާއި ހުދުންވިޔަސްމެއެވެ. ޑޮކްޓަރ ސާރާ "ޕްރޮގްރެސިވް"އޭ ބުނިގޮތުންވެސް ހިތަށް ޚަންޖަރެއް ހެރުނެވެ. އަދި އެންމެ އުދަގޫވީ ހަމްޒާގެ ނަޒަރު ހުއްޓުނުގޮތެވެ. އޭނަ ދާދި އަވަހަށް އެކަނިވެރިވެދާނެކަމަށް އެ ލޯ ބުނިފަދައެވެ. އޭނަ ސުވާލުތައް ކުރަން ބޭނުންވިއެވެ. ނޫނެކެވެ. އަދި އެ ދުވަހެއް ނާދެއެވެ. *** ޒުބޭރު ޝަރީއަތްކުރާ އިދާރާގެ ތެރެއިން ނުކުމެވުނީ މެންދުރުގެ ގަދަ ހޫނު އާވިކަމުގެ ތެރެއަށެވެ. އަވިއައިނު އެޅީވެސް އަވިން ލޯ ސަލާމަތްކުރުމަށެވެ. އޭނަގެ ފައި ދަށުގައިވާ މަރުމަރުހިލައަށް އިރުގެ އަލި އެޅުމުން ވިދިޔަސް އޭނަގެ ލޭނާރުތަކުގައި ދައުރުކުރަމުންދާ ކާމިޔާބަށްވުރެ ގަދައަށް ވިދާ އެއްޗެއް މިވަގުތަކު ނުފެނެއެވެ. ކުށްވެރިޔާއަށް ހައްގު އަދަބު ލިބުނީއެވެ. އަނެއް ކާމިޔާބެވެ. ދިރިއުޅުން ހަލާކުވި އެހެން އާއިލާއަކަށް ގާނޫނުގެ ލޯތައް ބަންދުވެފައިވަނިކޮށް އިންސާފު އަރާހަމަކުރީއެވެ. އޭގެ ފަހަތުން އަންނާނެ ލޮޓި ކިތަންމެ ބޮޑުވިޔަސް އޭނަ ހުރީ ކުރި ހުވައިގެ މަތީގައެވެ. އޭނައަކީ ގާނޫނީ ވަކީލަކަށްވުމުން ޝަރީއަތް ކުރިއަށް ގެންގޮސް އިންސާފު ލިބުނަސް އަދި އަނިޔާ ލިބިގެންވާ އާއިލާތަކަށް ލިބުނު ގެއްލުމާއި ވޭން އެއްކޮށް ފިލައިގެން ނުދާނެކަންވެސް ދަނެއެވެ. މިފަހަރުގެ ކޭސް ނިމިގެން ދިޔަގޮތުން ރާހިލް އުމައިރުގެ ހަނދާން އާވާގޮތްވިއެވެ. އެއީ ރަހުމްކުޑަ ހިތަށް އެރިކަމެއްކޮށްލާ ފުރާވަރު އުމުރުގެ މުޖުރިމެކެވެ. ގާނޫނީ ނިޒާމަށް ގޮން ޖަހައިލެވޭނެކަމަށް އެކުއްޖާ ދެކުނެވެ. ޒުބޭރު އެކުއްޖާގެ ޔަގީންކަމުގެ ދޮރު ލައްޕައިލީ ވިސްނުންތެރިކަމާއެކުގައެވެ. ކުޑަކުދިންނަށް ޚާއްސަ މަރުކަޒެއްގައި ބަންދުކުރަން ނިންމިއެވެ. އެއްވެސް ގޮތަކަށް އެތަނުން ނިކުމެވޭނެގޮތެއް އަދި ރާހިލްއަކަށް ނެތެވެ. ފުރާވަރުގެ ކުޑަކުއްޖެކެވެ. ފުލުހުންގެ ރިޕޯޓްތަކުގެ ތެރޭ ގެނބެނީއެވެ. ޒުބޭރު އެ ކޭހުގައި ވަރުގަދައަށް ވަކާލާތުކުރިއެވެ. ހުރިހާ ހެކިތަކާއި ތަކުރާރުކޮށް ކުރި ކުށްތަކާއި ސްކޫލްގައި ހިންގާފައިވާ އަމަލުތައް އަދި ވަގަށްނެގި ބައިސްކަލްގެ މައްސަލައާއެކު ކަރުދާސް ތައްޔާރުކުރިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ