ވިލާ ކުންފުނިން ހިންގާ ކާޑެއްދޫ އެއާޕޯޓު ބޮޑުކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ
ވިލާ ކުންފުނިން ގދ. ކާޑެއްދޫގައި ހިންގާ އެއާޕޯޓު ބޮޑުކޮށްދެއްވާނެ ކަމަށް އެ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިރޭ ގދ. ތިނަދޫގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެ އެއާޕޯޓު އިންޓަނޭޝަނަލް ނުވެ ފަސްވެގެން ދިޔައީ ސަރުކާރުން އެރަށް އަތުލުމުން ކަމަށެވެ. އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، ކާޑެއްދޫ އެއާޕޯޓު އަތުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2013ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ގޯސް ކަމަށް ހުކުމް ކޮށްފައެވެ. އެރަށް އަނބުރާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ތެރޭގައެވެ. ގާސިމް ވިދާޅުވީ މިދިޔަ އަހަރު ދުވަސް ތެރޭ އެރަށް ތަރައްގީ ކުރުމުގެ މަސައްކަތް ނުކުރެވުނީ ކޮވިޑުގެ ސަބަބުން ދިމާވި ދަތިތަކާ ހުރެ ކަމަށެވެ. "ލަސްވެގެން ތިން މަސް ދުވަސް ނުވަތަ ދެ މަސް ދުވަހުގެ ތެރޭގައި އެރަށަށް ބޭނުންވާ ރަންވޭ އެޅުމަށް، 2800 މީޓަރުގެ ރަންވޭއެއް އެޅުމަށްޓަކައި، އެއީ ވައިޑް ބޮޑީ އެއާކްރާފްޓްސް ޖެއްސޭ ވަރުގެ ރަންވޭއެއް އެޅުމަށްޓަކައި ބޭނުންވާ ފަޅު ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން ފައްޓާނަން،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ ވިލާގެ ޑްރެޖަރުން ކަމަށެވެ. އެއީ، މިހާރު ސަރުކާރުގައި ހުރި ޑްރެޖަރުތަކަށް ވުރެ މާ ފުރިހަމަ ޑްރެޖަރެެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވިލާއަށް ކާޑެއްދޫ ހިންގަން 2013ވަނަ އަހަރު ދިނުމަށް ފަހު، މަދު ދުވަސްކޮޅެއް ތެރޭ އެ އެއްބަސްވުން ބާތިލުކުރުމުން، އެ އެއާޕޯޓަށް މާބޮޑު އަޅާލުމެއް ނެތި ގިނަ ދުވަސްތަކެއް އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ