ކާޑެއްދޫ އެއާޕޯޓު 3 މަސް ތެރޭ ތަަރައްގީކުރަން ފަށާނަން: ގާސިމް

ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަސްވެފައިވަނީ ސަރުކާރުތަކުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތް ތިން މަސް ތެރޭ އެ މަސައްކަތް ފައްޓަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
ކާާޑެއްދޫ އެއާޕޯޓު ސަރުކާރުން ދީފައި އޮންނަނީ ގާސިމްގެ ވިލާ ކުންފުންޏަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދޫ ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީނުކުރެވި ފުރަތަމަ ލަސްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިފައިން ގޮސް ގަދަކަމުން އެތަނުން ވިލާ ކުންފުނި ބޭލުމުން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ފުރަތަމަ އެ ތަން ވިލާއާ ހަވާލު ކުރަން ދެކޮޅު ހެދި ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ފާހަގަ ކުރެއްވި ގޮތުގައި އެ ތަން ވިލާ އަށް ލިބުނީ ޝަރީއަތުގެ ތިން މަރުހަލާ ކަމުގައިވާ ސިވިލް ކޯޓު، ހައި ކޯޓު އަދި ސުޕްރީމް ކޯޓުގެ މަރުހަލާތައް ފުރިހަމަވުމުންނެވެ. ގާސިމް ވިދާޅުވީ އެއާޕޯޓު ހަވާލު ކުރި ފަހުން އަދި ވާނީ އަހަރެއް ކަމަށެވެ. އޭގެ ފަހުން އެ މަސައްކަތް ލަސްވީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދިމާވި ދަތިތަކާ ހެދި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ ރަށަށް ބޭނުންވާ 2800 މީޓަރުގެ ދިގު ރަންވޭ އެޅުމަށް ބޭނުންވާ ފަޅު ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށާއި އެ ރަންވޭގައި ވައިޑް ބޮޑީ މަތިންދާ ބޯޓުތައް ޖެއްސޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޑްރެޖަރު އަންނާނެ. ސަރުކާރުގެ އޮތް ވަރަށް ވުރެ މާ ފުރިހަމަ ބޮޑު ޑްރެޖަރެއް އަޅުގަނޑުގެ އޮންނާނެ. އެ ޑްރެޖަރު ގެނެސް އެ މަސައްކަތް ފައްޓާނަން އިރާދަކުރެއްވިއްޔާ ގިނަވެގެން ތިން މަސް ތެރޭގައި،" ގާސިމް ވިދާޅުވިއެވެ.
ކާޑެއްދޫ ތަރައްގީކޮށް، ހިންގުމަށް ވިލާ އެއާއަށް 50 އަހަރަށް އެންމެ ފުރަތަމަ ހަވާލުކުރީ ޔާމީންގެ ވެރިކަމުގައި 2013 ގައެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރިއެވެ. އެއީ ގާނޫނާއި ގަވައިދާ ހިލާފަށް ކުރި ކަމެއް ކަމަށް ބުނެ އެ މައްސަލަ ވިލާ އިން ކޯޓަށް ހުށަހެޅިއެވެ. އެންމެ ފަހުން ސުޕްރީމް ކޯޓުން މެއި 2021 ގައި ހުކުމް ކުރި ގޮތުން ނަމަ، އެއްބަސްވުން ބާތިލް ކުރީ ގޯސްކޮށެވެ. އެހެންވެ، މި ސަރުކާރުން ވަނީ އެއާޕޯޓު ވިލާއާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ