މިއޮތީ ކޮންމެ އަޅުކަމެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރަށް ކުރެވޭނެ މަގު! އިން ޝާ ﷲ

ތިމާ މުސާރަދީގެން ގެންގުޅޭ މުވައްޒިފުން ކުރާ މަސައްކަތް ބަލައިގަންނަނީ ތިމާ ޤަބޫލުކުރާ ފެންވަރަށް ކުރުމުން ކަމަށްވާއިރު އަޅުކަންކުރުމުގައި ސަމާލުކަން ދޭންޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ. އަޅުކަން ކުރުމުގެ ނަމުގައި ކަމަކަށް ކަމެއް ކުރުމަކުން އެއީ އަޅުކަންކުރެވުނީކަމަށް ނުވާނެކަން އަބަދުވެސް ހިތުގައި ބާއްވަންޖެހޭނެއެވެ.  
މިއީ ވަކިމީހަކަށް ބުނާ ބަހެއް ނޫނެވެ. ހުރިހާ މުސްލިމުންނަށް ބުނާ ބަހެކެވެ. އަހަރެމެން ކޮންމެ މުސްލިމަކަށްވެސް އޮންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުރާ އެހެން އަޅުކަމެއް ނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ފެންވަރުގައި ކުރެވޭކަމާއިމެދު އޮންނަ ކަންބޮޑުވުމެވެ. މިއީ ނައްތައިލެވޭނެ ކަންބޮޑުވުމެއްވެސް ނޫނެވެ. ދެމިއޮންނާނެ ކަންބޮޑުވުމެކެވެ.  
އެހެންވީމާ އަހުރެމެންނަށް އޮތީ އެކަންބޮޑުވުން ކުޑަކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. އެގޮތުން ފާހަގަކޮށްމިލަނީ އަހުރެންގެ ވިސްނުމުން ކުރެވިދާނެ އެންމެ މުހިންމު އެއްކަންތަކެވެ.  އެއީ ﷲ ތަޢާލާ ރަނގަޅަށް ދެނެގަތުމާއި ތިމާއަށް ﷲ ތަޢަލާގެ ޙަޟްރަތަށް ދާންޖެހޭނީ އެންމެ ނިކަމެތި ފަނިފަކުސައަކަށްވުރެވެސް ނިކަމެތި ޙާލަތުގައިކަން ޤަބޫލުކުރުމެވެ.  
ފުރަތަމަކަމަކީ ތިބާގެ ފުރާނަ ހިއްޕަވަން ﷲ ތަޢާލާ މަލާއިކަތުން ފޮނުއްވެވުމުން ކިތަންމެކުޑަހިނދުކޮޅަކަށް ނަމަވެސް އެކަން ލސްކޮށްލައިދެވޭނެ އެއްވެސް މީހަކު ނުވާކަމެވެ. ތިމާ ގުޅިގެން އުޅެނީ ދުނިޔޭގެ އެންމެ ބާރުގަދަ ލީޑަރުންތަކާއި ނަމަވެސް އެންމެ ތަނަވަސް ބިލިއަނަރުންތަކާއި ނަމަވެސް އެއިން އެއްވެސް މީހަކަށް އެކަމެއް ނުކުރެވޭނެއެވެ. އަދި އެއެންމެން ގުޅިގެން ކުރަން އުޅުނަސް އެކަމެއް ނުކުރެވޭނެއެވެ.  
ވީމާ އަބަދުވެސް ހުންނަން ޖެހޭނީ 3 ކަމެއް ހަނދާންކޮށްގެންނެވެ. އެއީ އަހަރެން ދުނިޔެއަށް އައީ ކޮންމެވެސް ތަނަކުން ކަމާއި މިއުޅެނީ ކޮންމެވެސް ތަނެއްގައި ކަމާއި މިތަނުން އެނބުރި ކޮނމެވެސް ތަނަކަށް ދާންޖެހޭނެ ކަމެވެ. އަދި މި 3 ތަނުގެ ވެސް މިލްކުވެރިފަރާތަކީ އަދި އެ 3 ތަނުގެ މައްޗަށްވެސް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ.  
މިކަންކަން ހަނދާނުގައި ބަގައްޓައިގެން ހުރުމަކީ އެމީހާގެ ޢަމަލުތައް އިޞްލާޙްކުރުމުގެ ތަޅުދަނޑިއެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރަން އޮތް މަގެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ