ދަރާފައި ހުރި ކުންފުނިތަކަށް މަޝްރޫއުތައް ނުދޭން އަންގަން ފާސްކޮށްފި
ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންވެފައި ހުރި އެއްވެސް ކުންފުންޏަކަށް ސަރުކާރުން އާ މަޝްރޫއުތައް ހަވާލުނުކުރުމަށް އަންގަން ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުން ފައިސާ ނުދައްކާ މައްސަލަ ބޮޑުވެ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެޗްޑީސީ އަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ.އޭގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތައް ވެސް ހިމެނޭއިރު، އަމިއްލަ ކުންފުނިތަކުން 1.16 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.ރިޕޯޓުގައި ބުނީ، ކުލީގެ ގޮތުގައި އެޗްޑީސީއަށް ފައިސާ ނުދައްކާ ގިނަ ކުންފުނިތަކަކީ، ހުޅުމާލޭގައި ވަރަށް ގިނަ ބިންތައް ނަގައި، އެ ބިންތައް ބޭނުންކޮށްގެން ވިޔަފާރި ކުރަމުންދާ ބައެއް ކަމަށްވާއިރު، އެ ކުންފުނިތަކަށް އިތުރު ބިންތައް ދޫކޮށްފައިވާ ކަމަށެވެ.އޭގެތެރެއިން ބައެއް އެއްބަސްވުންތައް ބާތިލުކޮށްފައި ވިޔަސް، ލިބެންޖެހޭ ފައިސާ ހޯދުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.އެހެންކަމުން، އެ ފައިސާ އެޗްޑީސީ އަށް ހޯދުމަށްޓަކައި ޖުމްލަ ހަތް ކަމެއް ކުރުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.ސަރުކާރަށް ނުލިބި ހުރި އެތައް ބިލިއަން ރުފިޔާއެއް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، މާލީ ދަތިކަން ކުރިމަތިވެފައިވާތީ އެކިއެކި ކުންފުނިތަކުންނާއި މީހުން ބޮޑެތި އަދަދުތަކުން ދައުލަތަށް ދައްކަން ޖެހިފައި ހުރި ނަމަ އެ ފައިސާތައް އަނބުރާ ހޯއްދަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް ވެސް ނުދެވި އެބައޮތެވެ. ރައީސް މީގެ ކުރިން ވަނީ ރޯދަމަހުގެ ކުރިން އެ ފައިސާ ދައްކައި ނިންމަން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައެވެ.އެކަމަކު، އެ ފައިސާ މިހާތަނަށް ދައްކާ ނިންމާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ