މި ސަރުކާރު ވެރިކަމަށް އައި އިރު ދިވެހިރާއްޖޭގެ ޒުވާނުން ތިބީ ބިރަކާ ނުލައި ޕާޓީ ކުރަން ކަމަށް ނެޝަނަލް ޑްރަގް އެޖެންސީގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލުބްނާ ވިދާޅުވީ ޕާޓީ ކުރުން ރާއްޖޭގައި އާންމުވެފައި ވަނީ 2018 ވަނަ އަހަރު ކަމަށެވެ. އަދި 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ޒުވާނުން ތިބީ ޕާޓީ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރު ހަވާލުވީ އިރު ބިރަކާ ނުލައި ޒުވާނުން ތިބީ ޕާޓީކޮށް ކޮށް،" ލުބްނާ ވިދާޅުވި އެވެ.
ޕާޓީ ކުރުން އާންމުވެފައި ވަނީ ވަކި ވެރިކަމެއްގައި ކަމަށް ލުބްނާ އެހެން ވިދާޅުވިއިރު، މަސްތުވާތަކެއްޗާއެކު ޕާޓީ ކުރުން އާންމުވީ މި ފަހުން ކަމަށް އޭނާ ޗެއާޕާސަންގެ މަގާމު ފުރުއްވާ ޑްރަގް އެޖެންސީއިން ވަނީ އާދީއްތަ ދުވަހު ބުނެފަ އެވެ.
"ރާއްޖޭގެ ޒުވާނުންގެ މެދުގައި މިފަހަކުން މަޝްހޫރުވެގެން މި އައި ޕާޓީ ކުރުމުގެ އާ ގޮތް [ޓްރެންޑު] ގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން ލާފައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވޭ،" އެ އެޖެންސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މަސްތުވާތަކެތި ބޭނުން ކުރުން އެއީ ވަކި ވެރިކަމާ ގުޅިފައި އޮތް މައްސަލައެއް ކަމަށް ލުބްނާ ވިދާޅުވި ނަމަވެސް މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ހައްލުނުވެފައި އޮތް ޒަމާނީ ގޮންޖެހުމެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި ވެސް އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ އެވެ.
މަސްތުވާތަކެތީގެ މައްސަލަ ވަކި ވެރިކަމާ ގުޅުވަން ލުބްނާ މަސައްކަތް ކުރެއްވިއިރު، މި ހިނގާ އޭޕްރީލް 18، ގައި އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލައިގައި ޒިންމާވާންޖެހޭނީ އިދިކޮޅު ޕާޓީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު ޒުވާނުން ތިބީ ބިރަކާ ނުލައި ޕާޓީ ކުރަން: ޑްރަގް އެޖެންސީގެ ޗެއާޕާސަން މި ސަރުކާރު ވެރިކަމަށް އައި އިރު ޒުވާނުން ތިބީ ބިރަކާ ނުލައި ޕާޓީ ކުރަން: ޑްރަގް އެޖެންސީގެ ޗެއާޕާސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ