ޚަރަދު ހަމަޖައްސަން 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީންވަނީ ހަތަރު ޓީބިލެއް ވިއްކަން އިއުލާން ކޮށްފައެވެ. އެއީ، 28 ދުވަހާއި 98 ދުވަހާއި 182 ދުވަހާއި 364 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ހަތަރު ޓީބިލެކެވެ. މީގެ ތެރޭގައި ހިމެނެނީ 730 މިލިއަން، 100 މިލިއަން، 447 މިލިއަން އަދި 924 މިލިއަން ރުފިޔާ ޓީބެލެވެ. މި ޓީބިލުތައް ބިލުތައް ވިއްކަން ނިންމާފައިވަނީ 3.50، 3.87، 4.24 އަދި 4.60 އިންސައްތައިގެ އިންޓަރެސްޓް ރޭޓުތަކުގައެވެ. މި ޓީބިލްތަކުގެ ފައިސާ ދައްކަން ޖެހޭ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ. ޓީބިލަކީ އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެވެ. ޓީބިލު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އެއަށް ދައްކަން ޖެހޭ އިންޓްރެސްޓު ވެސް އިތުރުވާނެއެވެ. ސަރުކާރުން ވިއްކާ ޓީބިލް އާއްމު ގޮތެއްގައި ގަންނަނީ، ނުވަތަ އިންވެސްޓްކުރަނީ، ރާއްޖޭގެ ބައެއް ބޭންކްތަކުންނާއި، ޕެންޝަން އޮފީހުންނާއި، ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކެވެ. މީގެއިތުރުން ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކުރެއެވެ. ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. އެހެންކަމުން ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުންނާއި އައިއެމްއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ. މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓު 56.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ބަޖެޓުގައިވަނީ، މި އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ބުނެފައެވެ. https://sun.mv/204857 ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ދައުލަތުގެ ބަޖެޓު ވަނީ އަރަނިވެފައެވެ. ނަމަވެސް ދައުލަތުން މުސާރައާއި އިނާޔަތްތަކަށް، މި މަހު 10 ވަނަ ދުވަހާ ހަމައަށް ކުރި ޚަރަދު ވަނީ، މިދިޔަ އަހަރަށްވުރެ 268 މިލިއަން ރުފިޔާ އިތުރުވެފައެވެ. އަދި، އާސަންދައަށް ކުރި ޚަރަދު ވެސް 179 މިލިއަން ރުފިޔާ އިތުރެވެ. މި އަހަރު މިހާތަނަށް އާސަންދައަށް 665.9 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ