ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމާ ބެހޭ ގޮތުން ޖަމާލުއްދީން ސްކޫލްގެ ފޭސްބުކާއި އެކްސްގައި ލިއުނު ކުރު ތައާރަފު ފަހުން އެ ސްކޫލުން ފޮހެލި މައްސަލަ ހޫނުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޖަމާލުއްދީން ސްކޫލުގެ 40 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުން އަންނަނީ ފާހަގަކޮށްލެވޭ މުސްކުޅި ދަރިވަރުންގެ ކުރު ތައާރަފެއް ޖަހަމުންނެވެ. އެގޮތުން މީކާއިލްއަކީ ވެސް އެ ސްކޫލުން އުފެދުނު އަދި ވަރަށް ހަރަކާތްތެރި ސިޔާސީ ބޭފުޅެކެވެ. ނަމަވެސް އޭނާގެ ތައާރަފު ޖެހުމަށް ފަހު މިހާރު ވަނީ ފޮހެލައިފަ އެވެ.
ތަފުސީލް - ސޯޝަލް މީޑިއާގައި އާންމުކުރުމަށް ފަހު އެ ލިއުން ނެގުމާ އެކު އެތައް ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. އެކަމަށް ރައްދު ދިނުމުގެ ގޮތުން ޖަމާލުއްދީނުން ރޭ ބަޔާނެއް އާންމުކުރި އެވެ.
އެ ބަޔާނުގައި މީކާއިލްގެ ނަން ގެނެސްފައެއް ނުވެ އެވެ. އެކަމަކު ބުނީ އެ ޕޯސްޓް ނެގީ "މި ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރުގެ ފަރާތުން އަދުގެ ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަަން ނުޖެހޭ ފަދަ އަމަލްތަކެއް ފެނުމުން" ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ސްކޫލަށް ލިބުމުން ކަމަށެވެ.
އެކަމަކު މީކާއިލްގެ ޕްރޮފައިލް ފޮހެލީ ސަރުކާރުގެ ޕްރޮޝަރު ބޮޑުވުމުން ކަމަށް، ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ބުނަމުންނެވެ. އެކަމަށް ވެސް ޖަމާލުއްދީނުން ރައްދު ދިނެވެ.
"މި ޕޯސްޓް ފޭސްބުކާއި އެކްސްއިން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ޕްރެޝަރުކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓްކޮށްފައި ވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމުގައި ހާމަކުރަމެވެ،" އެ ސްކޫލްގެ ބަޔާނުގައި ބުންޏެވެ.
މީކާއިލްއަކީ އޭ ލެވެލްއަށް ކިޔަވާވިދާޅުވި އިރު ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ޒުވާނެކެވެ.
އޭނާ ގަބޫލުކުރައްވާ ސިޔާސީ ވިސްނުން ވަރަށް ފާޅުގައި ފާޅުކުރައްވައި، ސިޔާސީ ހަރަކާތްތަކުގެ އިސް ބައިވެރިއެކެވެ. ނަމަވެސް އޭނާގެ އެ މަސައްކަތް ޖަމާލުއްދީނުން ސިފަކުރީ "މި ސްކޫލުން ގަބޫލުކުރާ އަހުލާގީ މިންގަނޑުން ބޭރު ކަމެއް"ގެ ގޮތުގަ އެވެ.
ރައީސް މުހައްމަދު މުއިއްޒު އިއްޔެ ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވަމުން ގެންދަވަނިކޮށް ރިޔާސުގެ ކުރިމަތީގައި ހުންނަވައިގެން ވެސް މީކާއިލް ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ.
މީކާއިލްއާ ބެހޭ ގޮތުން ލިއުނު ޕްރޮފައިލް ފަށަމުން ޖަމާލުއްދީނުން ފާހަގަކޮށްފައި އޮތީ އޭނާއަކީ މިހާތަނަށް ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި އެންމެ ހަގު މެމްބަރުގެ ގޮތުގަ އެވެ.
ބައެއް މީހުން ސިފަކުރި ގޮތުގައި މީކާއިލްއަކީ ޖަމާލުއްދީން ސްކޫލްގެ 'އޭ ގްރޭޑް'ގެ ދަރިވަރެކެވެ.
މީކާއިލް ވަނީ އޭނާގެ ޕްރޮފައިލް ހަދަން ސްކޫލްގެ މެނޭޖްމަންޓުން ނިންމުމުން އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ ޕޯސްޓް ފަހުން ނެގީ ސަރުކާރުން ޕްރެޝަރުކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް، ސޯޝަލް މީޑިއާގައި ލިއުއްވަމުން އޭނާ ވިދާޅުވި އެވެ.
ރޭ ޖަމާލުއްދީނުން ނެރުނު ބަޔާނާ ގުޅިގެން އޭނާ ވިދާޅުވީ "ރަސްމީ ބަންދު ދުވަހެއްގެ ދަންވަރު 12 ޖަހާ ބޮޑުވި ފަހުން ސްކޫލަށް އަމުރުކޮށްގެން ބަޔާން ނެރުމުން އެކަނި ވެސް މި ސަރުކާރުގެ ސިޔާސީ ނުފޫޒު ސްކޫލަށް ފޯރުވާ މިންވަރު ވަރަށް ސާފު" ކަމަށެވެ. އެ ޕޯސްޓްގައި ދެން އޭނާ ހިމެނުއްވީ އިންޑިއާއާ ދެކޮޅަށް ޕީޕީއެމުން ކުރިން ބޭއްވި އެއްވުމެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ފޮޓޯއެކެވެ.
"ކޮވިޑް ދުސްވަރު އިންޑިއާ ބޮޑުވަޒީރުގެ މާލި ހިންގުވި މުޒާހަރާއެއް ލީޑްކުރަން ހުރި މީހާގެ އަހުލާގު ރީތި ދެއްތޯ،" މީކާއިލް ލިއުއްވި އެވެ.
މީކާއިލްއާ ބެހޭ ލިއުން ޖަމާލުއްދީން ސްކޫލްގެ ފޭސްބުކުން ފޮހެލި މައްސަލަ ހޫނުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ