އިދިކޮޅުގައި އޮތް ފަސް އަހަރު، މިހާރު ވެރިކަންކުރާ ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް ލީޑުކުރެއްވި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ހަރަކާތްތަކުން ވެސް ގެއްލިއްޖެ އެވެ.
މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމުގެ ބައި-އިލެކްޝަނުގެ ތައްޔާރީތަކަށް ޕީއެންސީން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ޕީއެންސީގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އެންމެ އިސްކޮށް ތިއްބެވީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު އެވެ. އަބްދުﷲ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް އެކަކެވެ.
ވެރިކަމަށް އައުމަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ބައި-އިލެކްޝަންތަކުގައި މާލޭގައި އަދި ރަށްރަށުގައި ވެސް އަބްދުއްރަހީމް ވަނީ އިސް ރޯލެއް އަދާކުރައްވާފަ އެވެ. ސަފުގެ އެންމެ ކުރީގައި ހުންނަވާ، މީޓިންތަކުގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ.
ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކުން އަބްދުއްރަހީމް ގެއްލުނީ، ސިޔާސީ ނުތަނަވަސްކަން ބޮޑުވެ އެމަނިކުފާނާއި ރައީސް މުއިއްޒުއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ވަގުތެއްގަ އެވެ. އެގޮތުން ޕީއެންސީގެ ހިންގުމުގެ މަސައްކަތުން ވެސް އަބްދުއްރަހީމް ވަނީ އެކަހެރިކޮށްފަ އެވެ.
މިދިޔަ އަހަރު ކުރީކޮޅު ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން އަބްދުއްރަހީމް --- ފޮޓޯ: އަދަދު
މި ވާހަކަތައް ތިލަވީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމުގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ފައިސަލް ވަކިކުރާ ކަމުގެ އަޑުތަކާއި އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމުގެ އަޑުތައް މި ފަހުން ވަނީ އެކިފަހަރުމަތިން ގަދަވެފަ އެވެ. މިކަމާ ގުޅިގެން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި ޕާޓީގެ އިސްވެރިން ވަނީ މި ނޫހާ ވާހަކަ ދައްކަވައިފަ އެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ރަސްމީ ހަފުލާތަކުގައި އެކުގައި ފެނުނު ނަމަވެސް ދެ ރައީސުންގެ ގުޅުން ހީނަރުވާން ފެށިތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެގޮތުން މިނިސްޓަރުކަމުން ފައިސަލް ވަކި ކުރި މައްސަލާގައި އިޝާރާތެއް އަދި މަޝްވަރާއެއް ވެސް ރައީސް، އަބްދުއްރަހީމްއާ ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވަކިކުރުމާ ގުޅިގެން، ރާއްޖޭގެ ނޫހަކާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ދެ ރައީސުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ނަމަ މިކަން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ ފަހުން ދެ އަބްދުއްރަހީމް މިކަމާ ގުޅޭގޮތުން ބަހެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަަވެސް، އިއްޔެ ބޭއްވި ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ދެ ރައީސުން އެކުގައި ފެނިގެންދިޔަ އެވެ.
ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކުން ވެސް އަބްދުއްރަހީމް ގެއްލިއްޖެ ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކުން ވެސް އަބްދުއްރަހީމް ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ